Roadha Mihaaru
ބަފެޓް އުޅެނީ 60 އަހަރު ކުރިން ގަތް ގޭގައި

ބިލިއަނަރު ބަފެޓް އަދިވެސް އުޅެނީ 60 އަހަރު ކުރިން ގަތް ގޭގައި

06 މާޗް 2023

މަހުޖަނުންނަކީ އަގުބޮޑު ގެތަކާއި ލަގްޒަރީ އެކި ސާމާނު އަބަދު އާކުރާ ބަޔަކަށް ވިޔަސް އެމެރިކާގެ މަޝްހޫރު ބިލިއަނަރު ވޯރެން ބަފެޓް އަދިވެސް އުޅެނީ އޭނާ މީގެ 60 އަހަރު ކުރިން ގަނެފައިވާ ގެއެއްގައި ކަމަށް ބުނެފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މަހުޖަނުންނަކީ އަގުބޮޑު ގެތަކާއި ލަގްޒަރީ އެކި ސާމާނު އަބަދު އާކުރާ ބަޔަކަށް ވިޔަސް އެމެރިކާގެ މަޝްހޫރު ބިލިއަނަރު ވޯރެން ބަފެޓް އަދިވެސް އުޅެނީ އޭނާ މީގެ 60 އަހަރު ކުރިން ގަނެފައިވާ ގެއެއްގައި ކަމަށް ބުނެފި އެވެ.

އިންޝުރެންސް ކުންފުނި ބާކްޝާ ހާތަވޭގެ ސީއީއޯ ބަފެޓް ދިރިއުޅެނީ މީގެ ފަސްދޮޅަހަކަށް އަހަރު ކުރިން ގަނެފައިވާ ފަސް ކޮޓަރީގެ ގޭގަ އެވެ.

އެމެރިކާގެ ނިބްރާސްކާގެ ސެންޓްރަލް އޮމަހާގައި ހުންނަ އެ ގެ، 1958 ވަނަ އަހަރު އޭނާ ގަތީ 31،500 އެމެރިކާ ޑޮލަރަށެވެ. މިހާރުގެ އަގުތަކާ އަޅާބަލާއިރު އެއީ ގާތްގަނޑަކަށް 329،505 އެމެރިކާ ޑޮލަރެވެ.

ބަކްޝާ ހާތަވޭގެ ކޯޕަރޭޓް ހެޑްކުއާޓާތަކާއި ގާތްގަނޑަކަށް ފަސް މިނެޓު ކާރު ދަތުރެއްގެ ދުރުމިނުގައި ހުންނަ އެ ގެއަކީ 6570 އަކަފޫޓުގެ ގެއެކެވެ. އަސްލު ހުރި ސްޓްރަކްޗާއަށް ބަދަލުތައް ގެނެސް، މިހާރު އެ ގޭގެ އަގު އުޅޭނީ ގާތްގަނޑަކަށް 1.2 މިލިއަން ޑޮލަރަށް ކަމަށް ލަފާކުރެވެ އެވެ.

ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި، އެ ގެ ލަގްޒަރީ ތަނަކަށް ބަދަލުވާކަށް ބަފެޓް ބޭނުމެއް ނުވެ އެވެ.

"އަހަރެން މިގޭގައި މިއުޅެނީ ވަރަށް އުފަލުގައި. އެހެން ގެއަކުން އުފާ ލިބޭ ނަމަ މިހާރު އެހެން ތާކަށް ބަދަލުވީސް. މިއަށް ވުރެ އުފާވެރި ގެއެއް އަހަންނަކަށް ނުފެނޭ،" ބަފެޓް ބުނެފައިވެ އެވެ.

އޭނާގެ މިލްކިއްޔާތުގެ އަގު ގާތްގަނޑަކަށް 106 ބިލިއަން ޑޮލަރުގައި ހުއްޓަސް، ބަފެޓަކީ ބޭކާރު ހަރަދު ކުރާ މީހެއް ނޫނެވެ. އޭނާ ވަރަށް ކުރިން ގެންގުޅެން ފެށި ފްލިޕް ފޯނު، އައިފޯން 11 އަކަށް 2020 ވަނަ އަހަރު ބަދަލުކުރި ވާހަކަ އަކީ ވެސް ވަރަށް ގަދަޔަކަށް ދެކެވުނު ވާހަކައެކެވެ.