Roadha Mihaaru
ބޮޑު ދެރައަކީ އައްޑޫ ތަރައްގީ ކުރާނެކަން ގަބޫލުނުކުރުން

އެންމެ ބޮޑު ދެރައަކީ އައްޑޫ ތަރައްގީ ކުރާނެކަން ބައެއް މީހުން ގަބޫލުނުކުރުން: ފައްޔާޒު

05 މާޗް 2023

އައްޑޫ ތަރައްގީގެ މަޝްރޫއުއަށް އެތައް ޖެއްސުމެއް ކުރިއަސް އެންމެ ބޮޑު ގޮންޖެހުމަކީ އެ ތަން ތަރައްގީކުރާނެކަން އައްޑޫގެ ބައެއް މީހުން ގަބޫލުނުކުރުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައްޑޫ ތަރައްގީގެ މަޝްރޫއުއަށް އެތައް ޖެއްސުމެއް ކުރިއަސް އެންމެ ބޮޑު ގޮންޖެހުމަކީ އެ ތަން ތަރައްގީކުރާނެކަން އައްޑޫގެ ބައެއް މީހުން ގަބޫލުނުކުރުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމުގެ އަގުބޮޑު މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ފައްޔާޒު ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތްކުރަނީ ކުރީގެ ކައުންސިލާއި މިހާރު ތިބި ކައުންސިލަރުންނާއެކު މަޝްވަރާކޮށް ހެދި ތަރައްގީގެ ޕްލޭނާ އެއްގޮތަށް ކަމަށެވެ.

އެކަމަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށާއި އެކަމަކު ތަފާތު އެކި ސަބަބުތަކާ ހެދި ލަސްތަކެއް އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ސިޔާސީ ގޮތުން އެތައް ގޮންޖެހުމެއް ކުރިމަތިކުރުވާއިރު ވެސް އެ ޕްލޭންތަކާއެކު މަސައްކަތް ކުރިއަށްގެންދާ ކަމަށާއި އެންމެ ބޮޑު އުނދަގުލަކީ އައްޑޫގެ ބައެއް މީހުންގެ އިތުބާރު ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެކިއެކި ގޮންޖެހުން ކުރިމަތިވާއިރު ވެސް އެންމެ އުނދަގޫ، އަރައިގަންނަން އެންމެ އުނދަގޫ ކަމަކީ އައްޑޫގެ ރަައްޔިތުންގެ ތެރެއިން ބައެއް ބޭފުޅުންގެ އިތުބާރު މިކަންކަން ވާނެކަމަށް ނޯންނާތީ. އޭގެ ސަބަބުން މިކަންކަން ކުރުމަށް ހިޔަނި އެޅިގެންދޭ." ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވަނީ އެއާޕޯޓު މަޝްރޫއުގެ މަސައްކަތަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފަ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ޓާމިނަލާއެކު އިތުރު ބަދަލުތައް ގެނައުމަށް ހަވާލުކުރީ އިންޑިއާގެ ރެނާޓަސް ކުންފުންޏަށެވެ. ދެ އަހަރުގެ ތެރޭގައި އެ ބޮޑު މަޝްރޫއު ނިންމަން ދިނީ 457 މިލިއަން ރުފިޔާއަށެވެ.

ފައްޔާޒު ވިދާޅުވީ އެއާޕޯޓުގެ ތަރައްގީއާއެކު މި ފެށިގެން ދިޔައީ ދެކުނުގެ ރަށްތަކުގެ ތަރައްގީގެ މުޅިން އާ ޗެޕްޓަރެއް ކަމަށެވެ. އޭގެ ސަބަބުން ޓޫރިޒަމް ފުޅާވެ، ވަޒީފާގެ އެތައް ފުރުސަތުތަކާއި ވިޔަފާރިއެއް ފުޅާވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ގާނޫނީ ގޮތުން ސިޓީއެއްގެ ދަރަޖައިގައި އޮންނަތާ އެތައް އަހަރެއް ވިޔަސް ފުރިހަމަ ސިޓީއެއްގައި ހުންނަން ޖެހޭ އުމްރާނީ ތަރައްގީއެއް އައްޑުއަށް ލިބިފައިނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެކަން ބަދަލުކުރުމަށް އައްޑޫ ތަރައްގީގެ ވަށާޖެހޭ ޕްލޭނެއް ހަދައި އެކަން ތަންފީޒުކުރަމުން އަންނައިރު، އޭގެ ތެރޭގައި މަގުތަކާއި ބަނދަރު ހަދައި ފެން ހިންދާ ނިޒާމު ގާއިމްކުރުމާއި ބިން ހިއްކައި އަދި ޓޫރިޒަމް ޒޯނު ތަރައްގީކުރުން ހިމެނެ އެވެ.

"މި ކުރިއަށްގެންދާ އުމްރާނީ މުހިއްމު މަޝްރޫއުތަކާއެކު މި ސަރަހައްދުގެ ރައްޔިތުންނަށް ވަޒީފާ އަދި ދެމެހެއްޓެނިވި އާމްދަނީ ލިބޭނެ ގޮތްތައް ވެސް ފަހިކުރެވެންޖެހޭ. އެއާޕޯޓާއެކު ޓޫރިޒަމް މާކެޓަށް ނެރުމަށް ކުރަންޖެހޭ މަސައްކަތް ދަނީ ކުރަމުން." ފައްޔާޒު ވިދާޅުވި އެވެ.

"އަންނަމުން އަންނަމުން އަންނަމުން ގޮސް މިހާރު ކުރިއަށް އެބަދޭ."

ގެސްޓްހައުސް ހަދަން ބިން ލިބިފައިވާ މީހުންނަށް މާލީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަންނަން އެ މީހުންނާ އަންނަނީ ވާހަކަދައްކަމުންނެވެ. އެގޮތުން، ހަންކެޑައިގެ ފައިސާ މިހާރު ހަމަޖެހިފައިވިޔަސް ލަސްތަކެއް އުޅެނީ ގެސްޓްހައުސްތަކާއެކު އެއްބަސްވުމަކަށް ނާދެވޭތީ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އެއާޕޯޓު ނިމޭއިރު ގެސްޓްހައުސާއި ހަންކެޑެ ހިމަނައިގެން އައްޑޫގެ ޓޫރިސްޓު އެނދު 6،000 ހަމަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އައްޑޫގެ ޓޫރިޒަމް އެހެން ރަށްރަށުގެ ޓޫރިޒަމް ތަފާތު ކަމަށާއި އެ ރަށުގެ ޓޫރިޒަމަށް ވަރަށް ބޮޑު ޖާގައެއް އޮތް ކަމަށް ސަރުކާރުން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، ޕްރައިވެޓް ސެކްޓާ މެދުވެރިކޮށް އެ ދާއިރާ ކުރިއަރުވަން ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު އެއް ފަހަރާ ކަންކަން ކުރަން ޖެހިފައި އޮތީ ޒަމާނުއްސުރެ "އަންނަނީ އަންނަނީ"ގައި އޮތް އެއާޕޯޓު ހަދައި ނުނިމޭތީ ކަމަށާއި އެތަން ތަރައްގީކޮށްފައި އޮތް ނަމަ ޝަންގްރިއްލާ ބަންދުކުރަން އަދި ހެރެތެރެ ބަންދުކޮށް، ހަންކެޑެ އެތައް ބަޔަކަށް ކުއްޔަށް ދީ، އެއްބަސްވުން ބާތިލްކުރަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގެސްޓްހައުސްތައް އޭގެ ޒާތުގައި ކުރިއަށްދާނެ ކަމަށާއި އެކަމަކު، ގެއްލުމުގައި ނަމަވެސް ގެސްޓްހައުސް ހިންގާ ތިން ފަރާތަކަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

މި ރިސްކް ނަގަނީ އެ ޔަގީންކަން އޮތުމުން ކަމަށާއި އައްޑޫގައި އެއާޕޯޓާއި ގެސްޓްހައުސް އިތުރުކުރުމުގެ މަސައްކަތް ވެސް ކުރަނީ އެހެންވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.