Roadha Mihaaru
އުތުރު ޔޫރަޕްގެ ޓޫރިޒަމް ފެއާގައި މަޓާޓޯ ބައިވެރިވެއްޖެ

އުތުރު ޔޫރަޕްގެ އެންމެ ބޮޑު ޓޫރިޒަމް ފެއާގައި މަޓާޓޯ އިން ބައިވެރިވެއްޖެ

19 ޖެނުއަރީ 2017

އުތުރު ޔޫރަޕްގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާގައި މޯލްޑިިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބައިވެރިވެއްޖެ އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

އުތުރު ޔޫރަޕްގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާގައި މޯލްޑިިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބައިވެރިވެއްޖެ އެވެ.

އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި، ފިނެލްންޑުގެ ވެރިރަށް ހެލްސިންކީގައި މިއަދު ފެށި "މަކްޓާ ނޯޑިކް ޓްރެވަލް ފެއާ 2017" ގައި ރާއްޖޭގެ ނުވަ ކުންފުންޏަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ރިސޯޓްތަކާއި ޓްރެވަލް އެޖެންޓުންނާއި ގެސްޓްހައުސްތައް ހިމެނޭ ކަމަށް މަޓާޓޯ އިން ބުންޏެވެ.

އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ނޯޑިކް ފެއާ އަކީ، ޓްރެވަލް ޓްރޭޑްގެ ދާއިރާ ފުޅާކުރުމަށް ލިބޭ ބޮޑު ޕްލެޓްފޯމެކެވެ. އެގޮތުން، މި ފެއާގައި އެ ދާއިރާ އަށް އަލަށް ތައާރަފް ކުރާ އުފެއްދުންތަކާއި މަސައްކަތް ކުރާ އެންމެ ބޮޑެތި ކުންފުނިތަކާއި ސަޕްލަޔަރުންނާ ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ލިބެ އެވެ.

މި ފެއާ މެދުވެރިކޮށް، ދުނިޔޭގެ ތިންވަނަ އަށް އެންމެ ބޮޑު ޓްރެވަލް މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރާނެ ކަމަށް މަޓާޓޯ އިން ބުންޏެވެ. އެ ޖަމިއްޔާ އިން ބުނީ ރާއްޖޭގެ ޓޫރިޒަމް، އަތްފޯރާފަށުގައި ތަފާތު ގޮތަކަށް މާކެޓް ކުރުމުުގެ ފުރުސަތު ފެއާގައި ލިބޭނެ ކަމަށެވެ.

އުތުރު ޔޫރަޕްގެ ގައުމުތަކުގެ ތެރޭގައި ފިންލޭންޑުގެ އިތުރުން، ސްވިޑްން، ޑެންމާކް އަދި ނޯވޭ ހިމެނޭއިރު، އެ ސަރަހައްދުގެ ޖުމްލަ އާބާދީ އަކީ 25 މިލިއަނެވެ. ނަމަވެސް، އެއީ އެންމެ ގިނައިން ހަރަދު ކުރާ ޓޫރިސްޓުން ނިސްބަތްވާ ސަރަހައްދެވެ. އެގޮތުން، އެ ގައުމުތަކުގެ މީހުން ކޮންމެ އަހަރަކު 20 ބިލިއަނަށް ވުރެ ގިނަ ޑޮލަރުު، ދަތުރު ކުރުމަށް ހޭދަ ކުރެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އުތުރު ޔޫރަޕްގެ ގައުމުތަކުން 10,642 ޓޫރިސްޓުން މިިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެ އައިސްފައިވެ އެވެ. އެއީ އޭގެ ކުރީގެ އަހަރުގެ ނޮވެމްބަރު މަހު އެ ސަރަހައްދުން އައި 8,886 ޓޫރިސްޓުންނަށް ވުރެ 19.8 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެ ސަރަހައްދުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 13.4 ޕަސެންޓް އިތުރުވެ، 120,005 އަށް އަރައިފަ އެވެ.