Roadha Mihaaru
މަޓާޓޯއިން ފިލިޕީންސްގައި ރާއްޖެ އިސްތިހާރުކޮށްފި

މަޓާޓޯއިން ފިލިޕީންސްގައި ރާއްޖެ އިސްތިހާރުކޮށްފި

02 އެޕްރީލް 2019

ފިލިޕީންސްގައި ކުރިއަށްދާ ވޯލްޑް މާސްޓާ އިންޓަނޭޝަނަލް ޓްރެވެލް މާޓުގެ ހަތް ވަނަ އެޑިޝަންގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓޫއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބައިވެރިވެ ރާއްޖެ އިސްތިހާރުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފިލިޕީންސްގައި ކުރިއަށްދާ ވޯލްޑް މާސްޓާ އިންޓަނޭޝަނަލް ޓްރެވެލް މާޓުގެ ހަތް ވަނަ އެޑިޝަންގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓޫއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބައިވެރިވެ ރާއްޖެ އިސްތިހާރުކޮށްފި އެވެ.

މި އެގްޒިބިޝަން އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މިއީ ވިޔަފާރިތަކަށް ހާއްސަކޮށް ކުރިއަށްގެންދާ އެގްޒިބިޝަނެކެވެ. ބީޓުބީ ނުވަތަ ވިޔަފާރިކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ ފުރުސަތުތައް ހޯދައިދިނުމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި އެގްޒިބިޝަންގައި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އޭޖެންޓުންނާއި ރިސޯޓުތަކާއި ހޮޓާތަކުގެ ވެރިން ބައިވެރިވެ އެވެ.

މި ޓްރެވެލް މާޓުގައި ކުންފުނިތަކުގެ ވާދަވެރިކަން އިތުރުކުރުމަށް އުފެއްދުންތައް ވިއްކާނެ މާކެޓުތަކާއި ހިދުމަތްތަކާއި ހާއްސަ ކަންކަން ފެނިގެންދާނެ އެވެ. ގާތްގަނޑަކަށް 400 އެގްޒިބިޓަރުން މިފަހަރު ބައިވެރިވެ އެވެ.

ޕިލިފީންސްގެ 5.1 މިލިއަން މީހުން މިދިޔަ އަހަރު 42 މަންޒިލަކަށް ދަތުރުކޮށްފައިވެ އެވެ. އެގޮތުން ހޮންގް ކޮންގް، ސިންގަޕޫރު، މެލޭޝިއާ، ސައުތު ކޮރެއާ، ޗައިނާ އަދި ޔޫއޭއީ ފަދަ ގައުމުތަކަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރުކޮށްފައިވެ އެވެ.

މި ފެއާގެ އިތުރުން މިދިޔަ މާޗު 28-30 ގެ ނިޔަލަށް ރިޔާދު ޓްރެވެލް ފެއާގައި ވެސް މަޓާޓޯއިން ބައިވެރިވެފައިވެ އެވެ.