Roadha Mihaaru
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ބަލައިގެންފި

ކެންޑިޑެސީ ބާތިލް ކުރި މައްސަލަ ހައި ކޯޓަށް ބަލައިގެންފި

19 ޖެނުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކޮށް، އެ މީހުން އަލުން އިންތިހާބަށް ކުރިމަތިލާންޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ބާތިލް ކޮށްދިނުމަށް އެދި އެމްޑީޕީން ހައި ކޯޓަށް ހުށަހެޅި މައްސަލަ މިއަދު ބަލައިގެންފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކޮށް، އެ މީހުން އަލުން އިންތިހާބަށް ކުރިމަތިލާންޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ބާތިލް ކޮށްދިނުމަށް އެދި އެމްޑީޕީން ހައި ކޯޓަށް ހުށަހެޅި މައްސަލަ މިއަދު ބަލައިގެންފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު "މިހާރު" އަށް މިއަދު ވިދާޅުވީ މިދިޔަ އާދިއްތަދުވަހު ހައި ކޯޓަށް ހުށަހެޅި އިންތިހާބީ ޝަކުވާގެ މައްސަލަ ބަލައިގަނެފައިިވާ ކަމަށެވެ.

"ހައި ކޯޓަށް މިހާރު ފައިސާ ވެސް ބަލައިގެންފި. މައްސަލަ ރަޖިސްޓަރީ ވެސް ކޮށްފި،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަ ވަނީ އެ ކޯޓުން ވަކި ގޮތެއް ނިމެންދެން، އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކުރަން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރަން އީސީގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.

ކައުންސިލްތަކުގެ އިންތިހާބު މި މަހުގެ 14 ގައި ބާއްވަން ކުރިން ނިންމައި، 900 އަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ކެންޑިޑެސީ ގަބޫލުކުރުމަށް ފަހު، އީސީން ވަނީ އެ ނިންމުން ބާތިލްކޮށްފަ އެވެ. އެއީ، އިންތިހާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.

ނަމަވެސް އީސީގެ ނިންމުމާ އެމްޑީޕީން ދެކޮޅެވެ. އެ ޕާޓީން ބުނަނީ ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލުމާ އެކު، އެމްޑީޕީގެ ކެންޑިޑޭޓުންގެ ފޯމުތައް ބަލައިގަނެ ކެންޑިޑެސީ ގަބޫލުކުރުމަށް ފަހު، އެ ނިންމުން ބާތިލްކޮށް އެޕްރީލް 8 ގައި އޮންނަ އިންތިހާބަަށް އެ ކެންޑިޑޭޓުން އަލުން ކުރިމަތިލާން ޖެހޭ ގޮތަށް ހެދީ ސިވިލް ކޯޓުގެ ހުކުމާއި އިންތިހާބާ ބެހޭ ގާނޫނާ ވެސް ހިލާފަށް ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދެ މަހަށް ފަސްކުރުމަށް ސިވިލް ކޯޓުން އަމުރު ނެރުނީ، ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން އެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާ އިރު، އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.