Roadha Mihaaru
ދެން ކިއުއާރް ޕޭމަންޓް ހެދޭނީ އޯޓީޕީ ޖަހައިގެން

ބީއެމްއެލް ކިއުއާރް ޕޭމަންޓްގެ ލިމިޓް އުވާލައި އޯޓީޕީ ޖަހަން ޖެހޭ ގޮތް ހަދައިފި

06 މާޗް 2023

ބީއެމްއެލްގެ ކިއުއާރް ޕޭމަންޓް ހަދަން އޯޓީޕީ ޖަހަންޖެހޭ ގޮތަށް ހަދައި، ކިއުއާރް ޕޭމަންޓްގެ ލިމިޓް އުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބީއެމްއެލްގެ ކިއުއާރް ޕޭމަންޓް ހަދަން އޯޓީޕީ ޖަހަންޖެހޭ ގޮތަށް ހަދައި، ކިއުއާރް ޕޭމަންޓްގެ ލިމިޓް އުވާލައިފި އެވެ.

ބޭންކުން ބުނީ މުއާމަލާތްތަކުގެ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމަށް ބޭންކުގެ މޮބައިލް އެޕަށް މިހާރު އަޕްޑޭޓެއް ދީފައިވާ ކަމަށާއި އެޕް އަޕްޑޭޓްކުރުމުން، ކަސްޓަމަރުން ކުރާ ކޮންމެ "ސްކޭން ޓު ޕޭ" ޓްރާންސެކްޝަނަކަށް އޯތެންޓިކޭޓާ އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ލިބޭ އޯޓީޕީ ޖަހަން ޖެހޭނެ ކަމަށެވެ.

މަކަރާއީ ހީލަތުން މީހުންގެ ބޭންކް އެކައުންޓްތަކާއި ކާޑުގެ މައުލޫމާތު ހޯދައިގެން ފައިސާ ފޭރޭ މީހުން މި ފަހުން ވަނީ، މީސްމީހުންގެ އިންޓަނެޓް ބޭންކިންގެ އެކްސެސްތައް ހޯދައި މޯބައިލް އެޕް ބޭނުންކޮށްގެން ސްކޭން ޓު ޕޭ އިން ބޮޑެތި މުއާމަލާތްތައް ހިންގައިފަ އެވެ. އެހެންވެ މީގެ ދުވަސްކޮޅެއް ކުރިން ބޭންކުން ވަނީ އެއްފަހަރާ ކިއުއާރް ކޯޑުން ސްކޭން ޓު ޕޭ ހިދުމަތުގައި 750ރ. އަށް ވުރެ ބޮޑު މުއާމަލާތެއް ނުކުރެވޭ ގޮތް ހަދައިފަ އެވެ. އަދި އެއް ދުވަހާ ކުރެވޭ މުއާމަލާތުގެ އަދަދުގެ ވެސް ލިމިޓްކުރި އެވެ. އެކަމަކު މިހާރު ވަނީ މި ލިމިޓްތައް އުވާލައިފަ އެވެ.

ކިއުއާރް ކޯޑުން ފައިސާ ދައްކަން އޯޓީޕީ ޖަހަންޖެހޭ ގޮތް ހަދާފައި ވާއިރު، މި މަސް ނިމުމުގެ ކުރިން ސެކިއުރިޓީ އިތުރު ފީޗާތަކެއް ވެސް ތައާރަފުކުރާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ސްކޭމްތަކުން ކަސްޓަމަރުން ރައްކާތެރިކުރުމަށް ބޭންކުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިދިޔަ މަހު ވަނީ އިންޓަނެޓު ބޭންކިން މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތަކަށް އޯޓީޕީ އޮތެންޓިކޭޓާ އެޕް މެދުވެރިކޮށް ޖެނެރޭޓްކުރެވޭ ގޮތް ހަދައިފަ އެވެ. އެއީ އީމެއިލް ކޮމްޕްރޮމައިޒްވެފައިވާ ހާލަތްތަކުގައި ވެސް ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމެއް ދިނުމަށް އެޅި ފިޔަވަޅެކެވެ.

ކަސްޓަމަރުން ސަމާލުކަން ދިނުމަށް

- ވެބްސައިޓް ލިންކް ހިމެނޭ ގޮތަށް ބީއެމްއެލް އިން މެސެޖެއް ނުކުރާނެ އެވެ. މެސެޖެއް ލިބުމުން އެއީ ބީއެމްއެލް އިން ފޮނުވި އެއްޗެއް ކަމަށް ހީވިއަސް އެއްވެސް ލިންކަކަށް ނުފިތާ އަދި އެއްވެސް މައުލޫމާތެއް ހިއްސާނުކުރާށެވެ.

- ބީއެމްއެލް ނުވަތަ އިތުބާރު ކުރެވޭ އެހެނިހެން ފަރާތްތަކުގެ ނަން އޮންނަ ގޮތަށް ބޭނުންކޮށް މެސެޖުކޮށް އަދި ފޯނު ކޯލުކުރެވޭކަން ހަނދާނުގައި ބަހައްޓާށެވެ.

- އީމެއިލް އަދި މެސެޖު މެދުވެރިކޮށް އަންނަ ޝައްކުކުރެވޭ މެސެޖު، ޕޮޕް އަޕް ވިންޑޯސް ލިންކް އަދި އެޓޭޗްމަންޓް ނުހުޅުވާށެވެ.

- އޯޓީޕީ އަކީ ސެކިއުރިޓީ އަށް ބޭނުންކުރާ ވަސީލަތަކަށް ވާއިރު، ސައްހަ މުއާމަލާތެއް ކަމަށް ހީވިއަސް އެއްވެސް ފަރާތަކާ އޯޓީޕީ ހިއްސާނުކުރާށެވެ.

- ބޭންކިން ޕާސްވޯޑް އަދި އީމެއިލް ޕާސްވޯޑް ދޭތެރެ ދޭތެރެއިން ބަދަލުކުރާށެވެ. ޕާސްވޯޑް ޖަހާއިރު އެހެން މީހުން ހިޔާރުކުރަން އުނދަގޫ ޕާސްވޯޑެއް ބޭނުން ކުރާށެވެ.

- ބްރައުޒާ ގައި އީމެއިލް އަދި ބޭންކިން ޕާސްވޯޑް ސޭވް ނުކުރާށެވެ. އީމެއިލް އެކައުންޓް ކޮންޕްރޮމައިޒް ވެއްޖެނަމަ، ސޭވްކޮށްފައިވާ ޔޫޒަނޭމް އަދި ޕާސްވޯޑްތައް ސްކޭމް ހިންގާ ފަރާތްތަކަށް ފަސޭހައިން އެކްސެސްވެވޭނެ އެވެ.

- ވެބްސައިޓް ލިންކް ރަނގަޅަށް ޗެކް ކުރާށެވެ. އިންޓަނެޓް ބޭންކިން ފަދަ ސެކުއާ ސައިޓްތަކުގައި އެޑްރެސް އޮންނަ ތަނުގައި 'ލޮކް" ނުވަތަ ތަޅުގެ ނިޝާނެއް ފެންނާނެ އެވެ. އެއްވެސް ލިންކެއް މެދުވެރިކޮށް އިންޓަނެޓް ބޭންކިން އަށް ނުވަންނާށެވެ. ސްކޭމް ކުރާ ފަރާތްތަކުން ޔޫސަނޭމް އަދި ޕާސްވޯޑް ހޯދުމަށް އިންޓަނެޓް ބޭންކިންއާ ވައްތަރު ވެބް ޕޭޖް ހަދައިގެން އެ މައުލޫމާތުތައް ހޯދަ އެވެ.

- ބޭންކުން ފޮނުވާ ނޮޓިފިކޭޝަން އަބަދު ވެސް ބަލާށެވެ. ބީއެމްއެލް އިން ރަޖިސްޓްރީކޮށްފައިވާ އީމެއިލް އަށް، ލޮގިންވާ ކޮންމެ ފަހަރަކު އިންޓަނެޓް ބޭންކިން ލޮގިން ނޮޓިފިކޭޝަން ފޮނުވާނެ އެވެ. އަމިއްލައަށް ލޮގިންނުވާ ނޯޓިފިކޭޝަންއެއް އައިސްފިނަމަ ނުވަތަ ލޮގިން އާ ބެހޭ މައުލޫމާތު އެހެން ފަރާތަކަށް ލިބިފައިވާ ކަމަށް ޝައްކު ކުރެވޭނަމަ، ވީހާވެސް އަވަހަށް ޕާސްވޯޑް ބަދަލުކުރާށެވެ.