Roadha Mihaaru
އޯޓީޕީ ނުދޭށޭ، ނުދޭށޭ، ނުދޭށޭ!

އޯޓީޕީ ނުދޭށޭ، ނުދޭށޭ، ނުދޭށޭ!

14 ފެބުރުއަރީ 2024

ފްލެޓެއް ހޯދަން ފޯމެއް ވެސް ހުށަނާޅައި އޮއްވައި، ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ މީހަކު ގުޅައި އެ މީހާގެ ފޯނަށް ފޮނުވި އޯޓީޕީތައް އެ ގުޅި މީހަކަށް ދެމުން ގެންދިޔަ އެވެ. މި ކުރެވުނީ ކީއްކަން އެނގުނީ އެކައުންޓުން ދެ ލައްކަ ރުފިޔާ ހަތް އެކައުންޓަކަށް ފޮނުވައި ހުސްކުރި ފަހުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ކަންތަކުގެ ވާހަކަ ދައްކަދައްކައި ތިއްބާ އިއްޔެ އަދި މި އަށް ވުރެ ގިނަ ފައިސާ ހަމަ އެގޮތަށް ގެއްލުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފްލެޓެއް ހޯދަން ފޯމެއް ވެސް ހުށަނާޅައި އޮއްވައި، ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ މީހަކު ގުޅައި އެ މީހާގެ ފޯނަށް ފޮނުވި އޯޓީޕީތައް އެ ގުޅި މީހަކަށް ދެމުން ގެންދިޔަ އެވެ. މި ކުރެވުނީ ކީއްކަން އެނގުނީ އެކައުންޓުން ދެ ލައްކަ ރުފިޔާ ހަތް އެކައުންޓަކަށް ފޮނުވައި ހުސްކުރި ފަހުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ކަންތަކުގެ ވާހަކަ ދައްކަދައްކައި ތިއްބާ އިއްޔެ އަދި މި އަށް ވުރެ ގިނަ ފައިސާ ހަމަ އެގޮތަށް ގެއްލުވާލައިފި އެވެ.

ފްލެޓެއް ލިބުނު ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ ފޯނަށް ފޮނުވި އޯޓީޕީ ހޯދައިގެން އިއްޔެ މީހެއްގެ އަތުން ބައި މިލިއަން ރުފިޔާ ފޭރުނީ އެވެ.

އެއްވެސް ހިދުމަތެއް ހޯދުމުގައި ފޯނަށް ފޮނުވާ އޯޓީޕީ ނުވަތަ ނަންބަރުތަކަކީ އެހެން މީހަކަށް ދީގެން ވާނެ އެއްޗެއް ނޫނެވެ. އެއީ އެންމެ ޒާތީ އަދި އެންމެ ރައްކާތެރިކަމާ އެކު ގެންގުޅެންޖެހޭ މައުލޫމާތާ އެކު ބޭނުންކުރަންޖެހޭ އެއްޗެއް ކަމާއި އެ ނަންބަރުތައް އެހެން މީހުންނަށް ނުދިނުމަށް އަބަދު އެ ދަނީ ގޮވަމުންނެވެ.

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ ސްކޭމް ކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ހޯދުން ކުރިއަށް ވުރެ މަދުވެފައިވާ ކަމަށެވެ. އެކަމަކު، މި ފަހަރު ވަނީ ބޮޑު ދެ މައްސަލައެއް ފެންމަތިވެފަ އެވެ.

އަބްދުﷲ ވިދާޅުވީ އެ ދެ ސްކޭމް ވެސް ހިންގީ ފްލެޓު ލިބުނު ކަމަށް ބުނެ، މޮބައިލް ފޯނަށް އޯޓީޕީ ފޮނުވައިގެން، އެ ނަންބަރު ހޯދުމަށް ފަހު އެކައުންޓަށް ވަދެގެން ކަމަށެވެ. ފްލެޓު ލިބުނު ކަމަށް ބުނެ ކަމާގުޅޭ އެއްވެސް ފަރާތަކުން ކާޑުގެ މައުލޫމާތު ހޯދަން ނުގުޅާނެ އެވެ. އޯޓީޕީ ނުވަތަ ލިންކެއް ވެސް ނުފޮނުވާނެ އެވެ. އެކަންކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.

އަބްދުﷲ ވިދާޅުވި ގޮތުގައި ސްކޭމް ހިންގުމަށް އެކި ފަރާތްތަކުން އެކި ގޮތަށް ބައިވެރިވެ އެވެ. ބައެއް ފަހަރު އެކަނި އަދި ގްރޫޕެއް ހަދައިގެން ވެސް މިކަން ކުރެ އެވެ.

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިން. ސްކޭމްގެ ގިނަ-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިން. ސްކޭމްގެ ގިނަ-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފުލުހުން ގަބޫލުކުރާ ގޮތުގައި އޯޓީޕީ ނުވަތަ ފޯނަށް ފޮނުވާ ލިންކަށް ނުފިތާ ނަމަ ސްކޭމް ކޮށްގެން ފައިސާ ހޯދުމުގެ ފުރުސަތު ވަރަށް ކުޑަވާނެ އެވެ. ވަރަށް މަދު ހާލަތެއްގައި، އެއްވެސް މައުލޫމާތެއް ނުދިން ނަމަވެސް އެކައުންޓު ހެކްކޮށްގެން ފައިސާ ހޯދާފައި އެބަހުއްޓެވެ. އެކަމަކު، އަބްދުﷲ ވެސް ވިދާޅުވީ އެ އިދާރާ އަށް ހުށަހެޅި މައްސަލަތަކުގައި ގިނައީ އަމިއްލަ އަށް އޯޓީޕީ ދީގެން ނުވަތަ ލިންކަށް ފިތުމުން ފައިސާ ގެއްލުމުގެ މައްސަލަތަކެވެ.

"ގުޅާފައި އޯޓީޕީ ދޭށޭ ބުންޏަސް ނުދޭންވީ. އެ މައުލޫމާތު ދީފައި އިރުކޮޅަކުން އެބަ ނަގައިގަނެވޭ ތިމަންނަ އަށް މި ހެދުނީ ގޯހެއްކަން،" އަބްދުﷲ ވިދާޅުވި އެވެ.

ސްކޭމް ހިންގަން ގިނައިން ބޭނުންކުރާ ފޯނު ނަންބަރުތައް ނަގާފައި ހުންނަނީ ބިދޭސީންގެ ނަމުގަ އެވެ. ނޫނީ ރަޖިސްޓަރީ ނުކޮށެވެ. އެހެންވެ، އެ މައްސަލަތައް އިތުރަށް ބެލުމުގައި އުނދަގޫތަކެއް ހުރެ އެވެ. ނަމަވެސް، ކަމާ ގުޅުން ހުރި އިދާރާތަކުން މިހާރު ވެސް ކުރާ މަސައްކަތްތަކުގެ ނަތީޖާ ފެންނަކަން އަބްދުﷲ ފާހަގަކުރެއްވި އެވެ. އޭގެ އަނެއް ކޮޅުން، ސްކޭމަރުންނަކީ ކުށް ކުރާ މީހުންނަށް ވާތީ، އެއް ގޮތް ނެތިއްޔާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެސް އަނެއް ގޮތް ހޯދާނެ އެވެ.

"އަޅުގަނޑުމެން ދިރާސާތައް ކުރަމުން، ގާނޫނަށް ބަދަލެއް ގެންނަން ހުރިއްޔާ އެ ބަދަލެއް ގެންނަމުން އަދި އެއްކޮށް މަސައްކަތްކޮށްގެން ސްކޭމް ކުރެވުމުގެ ކުރިން އެވެއާކޮށް އަދި ސްކޭމެއް ވެއްޖެ ނަމަ ވީ އެންމެ އަވަހަކަށް އެކަން ކުރި ބަޔަކު ހޯދަން ފަސޭހަވާނެ އެއްކޮށް މަސައްކަތްކޮށްފިއްޔާ،" އޭނާ ވިދާޅުވި އެވެ.

ފޭސްބުކް މާކެޓްޕްލޭސް އާއި ޑޮލަރު ވިއްކުމުގެ ވިޔަފާރި

އަބްދުﷲ ވިދާޅުވީ، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ އާ ވަސީލަތެއްގެ ގޮތުގައި ފޭސްބުކް މާކެޓް ޕްލޭސް ފާހަގަކުރެވިފައިވާ ކަމަށެވެ. ފޭކު ޕޭޖުތައް ހަދައިގެން، ފަރުނީޗަރާއި ތަފާތު އެކި މުދާ ވިއްކާ ކަމަށް ބުނެ، އާއްމުންގެ އަތުން ފައިސާ ހޯދުމުގެ މައްސަލަތައް ފާއިތުވި ދެ ތިން ހަފުތާގެ ތެރޭގައި ގިނައިން ހުށަހަޅާފައި އެބަހުއްޓެވެ.

އޭނާ ވިދާޅުވީ އެ ޕްލެޓުފޯމުގައި ގިނަ އަދަދެއްގެ ސްކޭމް ހިންގާތީ ފުލުހުންގެ ފަރާތުން އެކަން ފޭސްބުކަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ އިތުރުން، ޑޮލަރު މާރުކުރުމުގެ ވިޔަފާރި ހިންގާ ކަމަށް ބުނެ ވައިބާގައި ވެސް އެކި ގްރޫޕުތައް ހަދައިގެން މީހުންގެ އަތުން އެއް ހާސް ރުފިޔާ ހޯދާފައިވެ އެވެ.

"މި ކަހަލަ ކަންކަމަށް ސަމާލުވާންވީ. ލިންކުތަކަށް ފިތާލެވެނީ. ވަރަށް ބޮޑަށް އެވެއާވާންވީ، އެވެއާ ކޮށްދޭންވީ." އަބްދުﷲ ވިދާޅުވި އެވެ.

ޑޮލަރު ވިއްކުމުގެ މުއާމަލާތްތައް ހިންގާ ވައިބާ ގްރޫޕުތަކުގައި ވެސް، އެހެން މީހުންގެ ނަމާއި ފޮޓޯ ބޭނުންކޮށްގެން ފައިސާ ހޯދުމަށް ފަހު ފިލައިގެން އުޅެ އެވެ. އެހެންވެ، އެކަންކަމަށް ވީހާ ވެސް ބޮޑަށް ސަމާލުކަން ދީ، ވަރަށް ޔަގީން ކުރުމަށް ފަހު ނޫނީ ފައިސާ ނުފޮނުވަން ކަމާގުޅޭ ފަރާތްތަކުން އެދެ އެވެ.

އަބްދުﷲ ވިދާޅުވީ މަކަރާއި ހީލަތުގެ މައްސަލައެއް ނަމަ އެކައުންޓު ފްރީޒްކުރާ ކަމަށެވެ. ކޯޓު އަމުރު ނަގައިގެން ނުވަތަ ބޭންކަށް އެދި ހުށަހެޅުމުން ވެސް ވަކި ވަގުތެއް ވަންދެން ފްރީޒުކޮށްފައި ބަހައްޓަ އެވެ. އެކަމަކު، އެކަން ކުރަން ވެސް ވަގުތުކޮޅެއް ހޭދަވާތީ، ގިނަ ފަހަރަށް ހުންނަނީ އެހެން މީހެއްގެ ބޭންކު އެކައުންޓު މައުލޫމާތު ލިބުމުން އެ އެކައުންޓުން އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ފަހު އެ ފައިސާ ނަގައިފަ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި އަހަރުގެ ކުރީކޮޅާ ހަމައަށް އެކަނި ވެސް ސްކޭމާ ގުޅޭ 28،000 މައްސަލައެއްގައި 27 މިލިއަން ރުފިޔާ ގެއްލިގެން ހުށަހެޅި އެވެ. އޭގެ ތެރެއިން، މިހާތަނަށް ރިކަވާ ކުރެވުނީ އެއް މިލިއަން ރުފިޔާ އެވެ. ނަމަވެސް، ބުރަ މަސައްކަތް ކޮށްގެން ހޯދި ފައިސާ، ވިސްނާ ނުލާ ކުރާ ކަމެއްގެ ސަބަބުން ގެއްލިގެން ދަނީ އެވެ.