Roadha Mihaaru
މާލެ ސިޓީ ކައުންސިލްގައި 13 ކޮންސަލްޓެންޓުން

މާލެ ސިޓީ ކައުންސިލްގައި 13 ކޮންސަލްޓެންޓުން

09 މާޗް 2023

މާލެ ސިޓީގައި ކައުންސިލްގައި ކޮންސަލްޓެންޓުންގެ ގޮތުގައި މި ވަގުތު 13 މީހުން މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ ސިޓީގައި ކައުންސިލްގައި ކޮންސަލްޓެންޓުންގެ ގޮތުގައި މި ވަގުތު 13 މީހުން މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން ހުށަހެޅި ލިޔުމަށް އެ ކައުންސިލުން މިދިޔަ އާދިއްތަ ދުވަހު ފޮނުވި ޖަވާބުގައި ބުނީ ތަފާތު އެކި ދާއިރާތަކުން ކޮންސަލްޓެންޓުން ނަގަނީ އެހެން މަގާމުތަކަށް ވެސް މީހުން ނަގާ އުސޫލުން އާއްމުކޮށް އިއުލާނުކޮށް، ގަވާއިދާއި އުސޫލުގެ ތެރެއިން ކަމަށެވެ.

ކޮންސަލްޓުންގެ އިތުރުން ޖޭއެސް 2 ރޭންކަށް ވުރެ މަތީގައި 186 އިދާރީ މުވައްޒަފުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

މިދިޔަ އޮކްޓޯބަރު 25 ގައި "މިހާރު" އިން ފޮނުވި އާރުޓީއައި ފޯމުގެ ޖަވާބުގައިވާ ގޮތުން، ކައުންސިލްގައި އެ ވަގުތު ތިބީ ހަތް ކޮންސަލްޓަންޓުންނެވެ. ނަމަވެސް ހަތަރު މަސް ދުވަހުގެ ތެރޭގައި އެ އަދަދު ވަނީ ދެ ގުނަ އިތުރުވެފަ އެވެ.

އޭރު ދިން މައުލޫމާތަށް ބަލާއިރު ކޮންސަލްޓެންޓުންގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ލިބުނީ މެނޭޖްމަންޓް ކޮންސަލްޓަންޓުގެ ގޮތުގައި ހުންނެވި ހަސަން ޒަރީރު އަދި އާބަން ޕްލޭނިން ކޮންސަލްޓަންޓަކަށް ހުންނެވި މަރިޔަމް ޖުހެއިނާ ސޯދިގަށެވެ. އެ ދެ ބޭފުޅުންނަށް ވެސް މަހު މުސާރައިގެ ގޮތުގައި 35،500ރ. ލިބިވަޑައިގަންނަވަ އެވެ.

ފައިނޭންސް ކޮންސަލްޓަންޓް މުހައްމަދު ޝާހިދަށް 30،000ރ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އަހުމަދު މަމްދޫހު ރޯޑް ޑިވެލޮޕްމަންޓް ކޮންސަލްޓަންޓަކަށް އައްޔަންކޮށް، 25،000ރ. ގެ މުސާރައެއް އޭރު ދިނެވެ.

ނަމަވެސް، މަމްދޫހުގެ މުސާރަ ފަހުން ވަނީ 37،500ރ. އަށް ބޮޑުކޮށްފަ އެވެ. އޭނާގެ އިތުރުން އައިސީޓީ ކޮންސަލްޓަންޓް ހުސެއިން ޒީނީ އަށް މަހު މުސާރައިގެ ގޮތުގައި 37،500ރ. އަށް ދެ އެވެ. އެއީ، ކޮންސަލްޓަންޓުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެންމެ ބޮޑު މުސާރަ ލިބިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ.

އެހެން ކައުންސިލްތަކާ ބައްދަލުކުރާއިރު އެ ރަށްރަށު ކައުންސިލުން އެބަ އެދޭ ކައުންސިލްގެ އެހީތެރިކަމަށް. ފަންނީ އެހީތެރިކަން ދެން. ކުރީގައި އައިޓީ ފެންވަރު ވެސް ވަރަށް ދަށް. އެކަމަކު، އައިޓީ ކޮންސަލްޓަންޓެއް ނަގައި އެ އެކްސްޕާޓުންގެ އެހީގައި އެހެން ކައުންސިލްތަކަށް އެހީތެރިކަން ދެން،"--- މުއިއްޒު

ދެ ވަނައަށް އެންމެ ބޮޑު މުސާރައެއް ލިބެނީ ސިޓީ ކައުންސިލްގެ މީޑިއާ އަދި ޕަބްލިކް ރިލޭޝަން މަސައްކަތް ރާވައި ހިންގުމަށް ހަވާލުކޮށްފައިވާ އަހުމަދު ފަޒާލް ހުސައިނާއި އާބަން ޕްލޭނިން ކޮންސަލްޓަންޓް މަރިޔަމް ޖުހެއިނާ ސޯދިގު އަދި މެނޭޖްމަންޓް ކޮންސަލްޓަންޓް ހަސަން ޒަރީރަށެވެ. އެ ތިން ބޭފުޅުންނަށް ވެސް މަހަކު 35،000 ލިބިވަޑައިގަނެ އެވެ.

ސިޓީ ކައުންސިލަށް ކޮންސަލްޓަންޓުންގެ ގޮތުގައި ގިނަ ބަޔަކު ނަގާތީ އަދި އެ މަގާމުތަކަށް ޕީޕީއެމްގެ އިސްސަފުގައި ހަރަކާތްތެރިވާ މީހުން ހަމަޖައްސާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދޭތެރެދޭތެރެއިން ފާޑުކިޔުން އަމާޒުވެ އެވެ.

ނަމަވެސް، މޭޔަރު ޑރ. މުހައްމަދު މުއިއްޒު "މިހާރު" އަށް މިއަދު ވިދާޅުވީ އެ މުވައްޒަފުންނަކީ ސްޓްރެޓިޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ ކަންކަން ތަންފީޒުކުރަން ބޭނުންވާ ފަންނީ އަދި ގާބިލް މުވައްޒަފުން ކަމަށެވެ.

މިހާތަނަށް އައިއިރު ކައުންސިލް އޮތީ ޓެކްނިކަލް ގޮތުން ވަރަށް ދަށް ފެންވަރެއްގައި ކަމަށާއި ފުރިހަމަ ގޮތުގައި ހިދުމަތް ދިނުމަށް ދެވޭ ވަރުގެ ފެންވަރެއް އޭރު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލަށް ގެންނަ ބަދަލުތައް އެހެން ކައުންސިލްތަކުން ވެސް ބަލައިގަންނަކަން މޭޔަރު ފާހަގަކުރެއްވި އެވެ.

"އެހެން ކައުންސިލްތަކާ ބައްދަލުކުރާއިރު އެ ރަށްރަށު ކައުންސިލުން އެބަ އެދޭ ކައުންސިލްގެ އެހީތެރިކަމަށް. ފަންނީ އެހީތެރިކަން ދެން. ކުރީގައި އައިޓީ ފެންވަރު ވެސް ވަރަށް ދަށް. އެކަމަކު، އައިޓީ ކޮންސަލްޓަންޓެއް ނަގައި އެ އެކްސްޕާޓުންގެ އެހީގައި އެހެން ކައުންސިލްތަކަށް އެހީތެރިކަން ދެން،" މުއިއްޒު ވިދާޅުވި އެވެ.

ކޮންސަލްޓަންޓުން އައްޔަންކުރަނީ އާއްމުކޮށް އިއުލާނުކޮށްގެން ކަމަށް މޭޔަރު ވިދާޅުވި އެވެ. އެކަމުގައި ވަކި ޕީޕީއެމަށް ނުބަލާ ކަމަށާއި މި ފަހުން ވެސް ދެ މުވައްޒަފަކު ހަމަޖެއްސި ގޮތް ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އޮފިޝަލުންތަކެއް ސިޓީ ކައުންސިލްގެ ލިޔުންތައް ބެލި ކަމަށް ވިދާޅުވި އެވެ. ނަމަވެސް، ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ނެތް ކަމަށް އަންގާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ލިޔެކިޔުންތައް ހުންނާނެ ފެންނާނެ. އެ މައުލޫމާތުތަކުން އެނގޭނެ." މޭޔަރު ވިދާޅުވި އެވެ.