Roadha Mihaaru
ސިޓީ ކައުންސިލްގެ ދެ މެންބަރަކު އިސްތިއުފާ ދީފި

ސަރުކާރާ ގުޅިވަޑައިގަންނަވާތީ ސިޓީ ކައުންސިލްގެ ރަމީޒާއި ނަސީރު އިސްތިއުފާ ދެއްވައިފި

16 ނޮވެމްބަރ 2023

މާލެ ސިޓީ ކައުންސިލްގެ ދެ މެންބަރުން އަދި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ މާދަމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް އަރިސް ދެ ބޭފުޅުން ކަމަށްވާ އާދަމް ރަމީޒާއި އަބްދުﷲ ނަސީރު (ހެރިންސް އައްޅޯ) މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މާލެ ސިޓީ ކައުންސިލްގެ ދެ މެންބަރުން އަދި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ މާދަމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް އަރިސް ދެ ބޭފުޅުން ކަމަށްވާ އާދަމް ރަމީޒާއި އަބްދުﷲ ނަސީރު (ހެރިންސް އައްޅޯ) މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ރަމީޒާއި އަބްދުﷲ ނަސީރު އިސްތިއުފާ ދެއްވިއިރު، އެނގިފައިވާ ގޮތުގައި އާ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ދެ ބޭފުޅުންނަށް ދިނުމަށް ވަނީ ނިންމައިފަ އެވެ. އެއީ މި ރިޔާސީ ކެމްޕެއިންގައި މުއިއްޒާ އެންމެ ގާތުން މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ.

ޕީޕީއެމްގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގައި ރަމީޒު ވަނީ އެ ޕާޓީން އަމިއްލަ އަށް ވަކިވެވަޑައިގެންފަ އެވެ.

ސިޓީ ކައުންސިލްގެ ދެ ބޭފުޅުންގެ އިސްތިއުފާއާ އެކު މެދު ހެންވޭރާއި މާފަންނު ދެކުނު ދާއިރާގެ ގޮނޑި ވަނީ ހުސްވެފަ އެވެ. މާދަމާ، މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވުމާ އެކު މާލޭގެ މޭޔަރު ކަމުގެ މަގާމު ވެސް ހުސްވާނެ އެވެ.

މުއިއްޒުގެ ކެބިނެޓް އެކުލަވާލާފައިވާ ގޮތުން މިނިސްޓަރުންގެ ގޮތުގައި 22 ބޭފުޅުން ތިއްބަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެހެންކަމުން، މަޖިލީހުގެ ބައެއް ގޮނޑިތަކެއް ވެސް މާދަމާ އިން ފެށިގެން ހުސްވާނެ އެވެ.

އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ތަމްސީލް ކުރައްވާ ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް ގޮނޑި ވެސް މާދަމާ ހުވާ ކުރެއްވުމާ އެކު ހުސްވާނެ އެވެ.