Roadha Mihaaru
ޕެނަލްޓީގައި ގާފަރު ބަލިކޮށް ތިމަރަފުށި ކުއާޓާ އަށް

ޕެނަލްޓީގައި ގާފަރު ބަލިކޮށް ތިމަރަފުށި ކުއާޓާ އަށް

09 މާޗް 2023

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގަދަ 16 ގައި، މިދިޔަ އަހަރުގެ ފައިނަލުގައި ވާދަ ކުރި ދެ ޓީމު ކަމަށްވާ ތ. ތިމަރަފުށްޓާއި ކ. ގާފަރު ބައްދަލު ކުރި މެޗު، ތިމަރަފުށިން ކާމިޔާބުކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގަދަ 16 ގައި، މިދިޔަ އަހަރުގެ ފައިނަލުގައި ވާދަ ކުރި ދެ ޓީމު ކަމަށްވާ ތ. ތިމަރަފުށްޓާއި ކ. ގާފަރު ބައްދަލު ކުރި މެޗު، ތިމަރަފުށިން ކާމިޔާބުކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ތިމަރަފުށްޓަކީ ފާއިތުވި ދެ އަހަރު ވެސް މުބާރާތުގެ ޗެމްޕިއަނުންނެވެ. މިދިޔަ އަހަރުގެ ފައިނަލެކޭ އެއްގޮތަށް ރޭ ކުޅެވުނު ގަދަ 16 ގެ މެޗް ވެސް ތިމަރަފުށިން ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެންނެވެ. ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމަށް ވެސް ލަނޑެއް ނުޖެހުނު އިރު، ތިމަރަފުށިން ޕެނަލްޓީގައި ކުރި ހޯދީ 5-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) ގެ ބަދަލުގައި ތިމަރަފުށީގެ ގޯލު ބެލެހެއްޓި މުހައްމަދު ޝަރުހާނެވެ. އޭނާ ވަނީ އައްޒާމް ފޮނުވާލި ގާފަރުގެ ފުރަތަމަ ޕެނަލްޓީ ދިފާއުކޮށްފަ އެވެ.

އައްޒާމް ފޮނުވާލި ފުރަތަމަ ޕެނަލްޓީ ނާކާމިޔާބު ވިއަސް، ދެން ފޮނުވާލި ޕެނަލްޓީތައް އެޓީމުގެ އަލީ މާއިސް (މައްޓު) އާއި ޝަނާން ރަޝާދު އަދި އިބްރާހިމް ރިމާހު (ރިމޭ) ވަނީ ކާމިޔާބު ކޮށްފަ އެވެ.

ތިމަރަފުށީގެ އާދަމް ނާސިހު (އާދަންނާ)، އަހުމަދު ހައިލަމް، އިބްރާހިމް ސިނާހު (ސިނާ)، އަބްދުﷲ ޒިޔާން (ޖަންކީ) އަދި އިބްރާހިމް އަސްވަދު (ގަބޭ) ވަނީ ޕެނަލްޓީތައް ކާމިޔާބު ކޮށްފަ އެވެ. ޕެނަލްޓީގައި ހައިލަމް ފުރަތަމަ ފަހަރަށް ފޮނުވާލުމުން ގާފަރުގެ ކީޕަރު ފަޔާޒް ދިފާއު ކުރި ނަމަވެސް ބޯޅަ ފޮނުވާލުމުގެ ކުރިން ކީޕަރު ގޯލް ލައިނު ދޫކޮށްލާފައި ވާކަމަށް ބަލައި ރެފްރީ ވަނީ ޕެނަލްޓީ އަލުން ޖަހުވައިފަ އެވެ. އަލުން ޖެހުވި ޕެނަލްޓީ ހައިލަމް ވަނީ ކާމިޔާބު ކޮށްފަ އެވެ.

ކުއާޓާ ގައި ތިމަރަފުށި ބައްދަލު ކުރަން ޖެހޭނީ 3-2 އިން މ. ދިއްގަރު ބަލިކުރި ލ. ގަމާ ދެކޮޅަށެވެ.

މި މެޗުގައި ގަން ޓީމުގެ އަހުމަދު ހަލީމް (އަންމަޑޭ) އެޓީމަށް ލީޑު ނަގައިދީފައި ވަނިކޮށް ދިއްގަރުގެ ހުސެއިން ފާރިޝް ނަތީޖާ އެއްވަރު ކޮށްދިނެވެ. ނަމަވެސް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަންމަޑޭ ދެ ވަނަ ފަހަރަށް ގަމަށް ލީޑު ހޯދައިދިނީ ދުރުން ޖެހި ހިލޭޖެހުމަކުންނެވެ. އެޓީމުގެ ތިން ވަނަ ލަނޑު ޖަހައިދިނީ އަބްދުﷲ ޖުނެއިދު (ޖެންނޭ) އެވެ. ދިއްގަރަށް ދެ ވަނަ ލަނޑެއް ޖަހައިދިނީ މުހައްމަދު އަލީ އެވެ.

ނައިވާދޫ، އިނގުރައިދޫ، ވާދޫ، މާފަންނު، ކުޑަހުވަދޫ އަދި އޭދަފުށި ވެސް ކުއާޓާ އަށް

ގަދަ 16 ގެ ހުރިހާ މެޗެއް ވެސް ރޭ ކުޅެ ނިމިފައި ވާއިރު، ގަމާއި ތިމަރަފުށީގެ އިތުރުން ކުއާޓާގެ ޖާގަ ހޯދީ، ހދ. ނައިވާދޫ، ރ. އިނގުރައިދޫ، ގދ. ވާދޫ، މާފަންނު، ދ. ކުޑަހުވަދޫ އަދި ބ. އޭދަފުށްޓެވެ.

ނައިވާދޫން ކުއާޓާ އަށް ދިޔައީ 3-2 އިން ވިލިމާލެ ބަލިކުރުމަށްފަހު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ނައިވާދޫގެ މުހައްމަދު އަސްލަމް ދެ ގޯލު ޖަހައިދިން އިރު ހުސެއިން މައިޝާން ވެސް ގޯލެއް ކާމިޔާބު ކުރި އެވެ. ވިލިމާލޭގެ ލަނޑުތައް ޖަހައިދިނީ އަލީ ޝިޔާހު (ޝިޔަޅޭ) އާއި އިސްމާއިލް ވިފާގު (އިއްސޭ) އެވެ.

ނައިވާދޫ ކުއާޓާ ގައި ބައްދަލުކުރާނީ އިނގުރައިދޫއާ ދެކޮޅަށެވެ. އިނގުރައިދޫން ކުއާޓާ އަށް ދަތުރު ކުރީ 4-1 އިން ސ. ފޭދޫ ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިނގުރައިދޫ ޓީމަށް ތިން ގޯލު ޖަހައި ހެޓްރިކް ފުރިހަމަ ކުރި އަހުމަދު އައިހަމް (އައިހު) އެވެ. އެޓީމުގެ އަނެއް ލަނޑު ޖަހައިދިނީ މުހައްމަދު ޖުމާން އެވެ. ފޭދޫގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޔޫސުފް ސިދާމް އަލީ އެވެ.

ވާދޫ ކުއާޓާ އަށް ދަތުރު ކުރީ 3-0 އިން އދ. މާމިގިލި ބަލިކުރުމަށް ފަހު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވާދޫ ޓީމުގެ ތިން ލަނޑު ވެސް ޖަހައި ހެޓްރިކް ހެދި މުހައްމަދު އިޔާދު އަލީ އެވެ.

ކުއާޓާ ގައި ވާދޫ ބައްދަލުކުރާނީ ރޭ 5-0 އިން އއ. ބޮޑުފޮޅުދޫ ބަލިކުރި މާފަންނާ ދެކޮޅަށެވެ. މާފަންނަށް ލަނޑުތައް ޖަހައިދިނީ މުހައްމަދު ޔަފާއު (ޔާ)، ހުސެއިން ސުހެއިލް (ސޮކޭ)، މުހައްމަދު އިމްރާން (އިންމި) އަދި މުހައްމަދު ލިޔާހު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިންމި ވަނީ ދެ ގޯލު ޖަހައިފަ އެވެ.

ކުއާޓާ ގައި ދެން ވާދަކުރާނީ ކުޑަހުވަދޫ އާއި އޭދަފުށްޓެވެ. ކުޑަހުވަދޫން 2-1 އިން ށ. ކަނޑިތީމު ބަލިކުރި އިރު އޭދަފުށިން ވަނީ 2-0 އިން ފުވައްމުލަކު ދަނޑިމަގު ޓީމު ބަލިކޮށްފަ އެވެ.

ކަނޑިތީމާ ދެކޮޅަށް ކުޑަހުވަދޫގެ ލަނޑުތައް ޖަހައިދިނީ އަބްދުލް މުގުސިތާއި ހާރޫން އިބްރާހިމް (ހާންޑޫ) އެވެ. ކަނޑިތީމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަހުމަދު ރިޒާނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަނޑިތީމުގެ އަބްދުލް މުގުސިތެވެ.

އޭދަފުށިން މެޗުގައި ޖެހި ދެ ގޯލު ވެސް ވަދެފައި ވަނީ ދަނޑިމަގުގެ އިސްމާއީލް އަލީފް އަހުމަދު އަތުން ބައިކޮޅަށެވެ. ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިޝާން އިބްރާހިމް (ސައްޓު) ހޯދި ފުރުސަތަކުން އޭދަފުށިން ލީޑު ނެގިއިރު، ލީޑު ފުޅާ ކުރީ ދެވވަނަ ހާފުގައި ނިޝާމް މުހައްމަދު ރަޝީދު ހޯދި ފުރުސަތަކުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިޝާން އިބްރާހިމް (ސައްޓު) ހޯދި ފުރުސަތަކުން އޭދަފުށިން މެޗުގެ ވަރަށް ކުރީކޮޅު ލީޑު ހޯދި އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ދަނޑިމަގު ޓީމުގެ އަރީޝް އޯވާހެޑް ކިކަކުން ގޯލެއް ޖެހި އެވެ. ނަމަވެސް ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި އޭދަފުށީ ޓީމުގެ ކީޕަރު އަބްދުﷲ ނާސިހު (ރާޖު) އާ އަރީޝް ކޮންޓެކްޓްވެ، ނާސިހަށް އަނިޔާ ވެފައި ވާތީ ރެފްރީ ނިންމީ ފައުލެއް ކަމަށް ބަލައިއި އޭދަފުށްޓަށް ޖެހުމެއް ދޭށެވެ.