Roadha Mihaaru
ގޯލްޑަން ފުޓްސަލްގެ ތަށި ގަމަށް، ކިންގަކީ އޮންލީ

ގޯލްޑަން ފުޓްސަލްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ގަމަށް، ކިންގަކީ އޮންލީ

20 މާޗް 2023

ފައިނަލުގައި ގދ. ވާދޫއާ ދެކޮޅަށް ކުޅެ 8-4 އިން މެޗު ކާމިޔާބު ކޮށްގެން ލ. ގަމުން ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ހޯދި އިރު، ރާއްޖޭގެ ފުޓްސަލް ކިންގަކަށް ގަން ޓީމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) ހޮވިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ފައިނަލުގައި ގދ. ވާދޫއާ ދެކޮޅަށް ކުޅެ 8-4 އިން މެޗު ކާމިޔާބު ކޮށްގެން ލ. ގަމުން ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ހޯދި އިރު، ރާއްޖޭގެ ފުޓްސަލް ކިންގަކަށް ގަން ޓީމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) ހޮވިއްޖެ އެވެ.

ހުޅުމާލޭ ރެހެންދި ޓާފް ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ ކުޅެވުނު މި އަހަރުގެ ފޯރި ގަދަ ފައިނަލް މެޗުގައި ގަމުގެ އަހުމަދު ހަލީމް (އައްމަޑޭ) އަދި އަލީ ޝާމިސް (ތޮއްޕޭ) ގެ އިތުރުން ވާދޫގެ މުހައްމަދު ނާއިލް (އެޑީ) ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފަ އެވެ.

ގަމުން ވަނީ ފުރަތަމަ ހާފުގައި ހަ ގޯލު ޖަހައިފަ އެވެ. ފައުލް ތައް ގިނަ މި ހާފުގައި އެ ޓީމަށް ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދައިދިނީ ހުސެއިން ނާޝިދު (ނާއްޓޯ) އެވެ. ތޮއްޕޭ މި ހާފުގައި ދެ ގޯލު ކާމިޔާބު ކުރި އިރު އަންމަޑޭ ޖެހި ތިން ގޯލު ވެސް ކާމިޔާބު ކުރީ ދުރު ޕެނަލްޓީއިންނެވެ.

ފުޓްސަލްގެ ކިންގް ގެ މަގާމު ހޯދި ލ. ގަން ޓީމުގެ ކެޕްޓަން އޮންލީ. -- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ފުޓްސަލްގެ ކިންގް ގެ މަގާމު ހޯދި ލ. ގަން ޓީމުގެ ކެޕްޓަން އޮންލީ. -- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ވާދޫ އިން މި ހާފުގައި ފުރަތަމަ ލަނޑު ޖަހައިދިނީ މުހައްމަދު އިޔާދު އަލީ އެވެ. އަދި އުންމީދެއް ހޯދީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނު އެޑީ، ދެ ދުރު ޕެނަލްޓީއިން ކާމިޔާބު ކުރި ގޯލުތަކުންނެވެ. ވާދޫގެ 10 ފައުލް މި ހާފުގައި ފެނުނު އިރު ގަމުން ވަނީ ހަތް ފައުލް ކޮށްފަ އެވެ.

ދެ ވަނަ ހާފުގައި އަބްދުﷲ ޖުނައިދު (ޖެންނޭ) ގަމުގެ ހަތްވަނަ ލަނޑު ޖަހައިދީފައި ވަނިކޮށް އެޑީ އޭނާގެ ހެޓްރިކް ފުރިހަމަ ކުރި އެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ތޮއްޕޭ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗު ނިމެނިކޮށް ކާމިޔާބު ކުރި ގޯލުންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އޮންލީ ވަނީ ގަން ޓީމުގައި އޭނާގެ ލީޑާޝިޕް ވަރަށް ރަނގަޅަށް ދައްކުވައިދީފަ އެވެ. އޭނާ އާއެކު މުބާރާތުގެ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އެ ޓީމުގެ ތޮއްޕޭ އާއި ވާދޫގެ އަޔާޒު އަހުމަދު (އަޔާ) އަދި އިޔާދު ގެ އިތުރުން ދ. ކުޑަހުވަދޫ ޓީމުގެ ކެޕްޓަން ޖުމެއިލް ޖަމީލް (ޖުމްބެ) އެވެ.

މުބާރާތުގެ ގަދަ 5. (ކ-ވ) ޖުމްބެ، އަޔާ، އޮންލީ،، އިޔާދު، ތޮއްޕޭ.

މުބާރާތުގެ ގަދަ 5. (ކ-ވ) ޖުމްބެ، އަޔާ، އޮންލީ،، އިޔާދު، ތޮއްޕޭ.

މި އަހަރުގެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހީ ވާދޫ ޓީމުގެ އިޔާދު އެވެ. އެންމެ މޮޅު ކޯޗަކަށް ކުޑަހުވަދޫ ޓީމުގެ ކޯޗު އަހުމަދު ރިލްވާން ހޮވުނު އިރު ފެއާޕްލޭ ޓީމަކީ ކުޑަހުވަދޫ އެވެ. އަދި މުބާރާތުގެ ބެސްޓް ސަޕޯޓާސް އެވޯޑް ހޯދީ ހދ. ނައިވާދޫ ޓީމުގެ ސަޕޯޓަރުންނަށެވެ. މީގެ އިތުރުން އެންމެ މޮޅު ރެފްރީ ވެސް ހޮވި އެވެ. މި އެވޯޑް ހޯދީ ފައިނަލް މެޗުގައި ވެސް ރެފްރީކަން ކުރި މުހައްމަދު މުނީރެވެ.

މިއީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ގޯލްޑަން ފުޓްސަލް ޗެލެންޖް" ގެ ހަތް ވަނަ މުބާރާތެވެ. އަދި ގަމަކީ މުބާރާތް ކާމިޔާބު ކުރި ފަސް ވަނަ ޓީމެވެ. މީގެ ކުރިން ތ. ތިމަރަފުށިން ތިން ފަހަރު މުބާރާތް ކާމިޔާބު ކޮށްފައި ވާއިރު، ބ. ހިތާދޫ އާއި މާފަންނު އަދި ހެންވޭރު ވެސް ވަނީ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. މި އަހަރުގެ މުބާރާތުގައި 102 ރަށަކުން ބައިވެރި ވެފަ އެވެ.