Roadha Mihaaru
15 އަހަރުން ދަށުގެ ފައިނަލަށް އިސްކަންދަރާއި ކަލާފާނު

15 އަހަރުން ދަށުގެ އިންޓަ ސްކޫލް ފައިނަލަށް އިސްކަންދަރާއި ކަލާފާނު

09 މާޗް 2023

މިހާރު ކުރިއަށްދާ އެފްއޭއެމް 15 އަހަރުންދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ކަލާފާނު ސްކޫލާއި އިސްކަންދަރު ސްކޫލް ދަތުރުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިހާރު ކުރިއަށްދާ އެފްއޭއެމް 15 އަހަރުންދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ކަލާފާނު ސްކޫލާއި އިސްކަންދަރު ސްކޫލް ދަތުރުކޮށްފި އެވެ.

ކަލާފާނު ސްކޫލުން ވަނީ އިއްޔެ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި 2-0 އިން މަޖީދިއްޔާ ސްކޫލް ބަލިކޮށްފަ އެވެ. ކަލާފާނުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު އެޓީމުގެ ދެ ގޯލު ވެސް ޖަހައިފަ އެވެ. ފުރަތަމަ މިނިޓުގައި އެޓީމަށް ލީޑު ނަގައިދިނީ އަހުމަދު އަފްނާން އަލީ އެވެ. އަދި މެޗުގެ ހަތަރު ވަނަ މިނިޓުގައި ލީޑު ފުޅާ ކޮށްދިނީ މުހައްމަދު ލާމިއު ބިން އިބްރާހިމް އެވެ.

ކަލާފާނުން ވަނީ ގުރޫޕް ސްޓޭޖުގައި ވެސް މަޖީދިއްޔާ ބަލިކޮށްފަ އެވެ. އެޓީމުން ސެމީގެ ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި 1-0 އިން ޖަމާލުއްދީން ސްކޫލް ބަލިކޮށްފަ އެވެ. މަޖީދިއްޔާ ސެމީ އަށް ދަތުރު ކުރީ ކުއާޓާ ގައި ޕެނަލްޓީ ޖަހައިގެން ކ. ގުރައިދޫ ސްކޫލް ބަލިކޮށްގެންނެވެ.

މުބާރާތުގައި ތަފާތު ބޮޑު ނަތީޖާތަކެއް ނެރެމުން އަންނަ އިސްކަންދަރު ސްކޫލުން ފައިނަލްގެ ޖާގަ ހޯދީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ރެހެންދި ސްކޫލާ ވާދަކޮށް 10-0 އިން މެޗު ކާމިޔާބު ކޮށްގެންނެވެ.

އިސްކަންދަރު ސްކޫލުގެ މުހައްމަދު އިލާން އިމްރާން ވަނީ މެޗުގައި ހަ ގޯލު ޖަހައި ދެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. އީތަން އިބްރާހިމް ޒަކީ ދެ ގޯލު ޖަހައިދިން އިރު އަނެއް ދެ ގޯލު ޖަހައިދިނީ މުހައްމަދު ރުހެއިމް އާއި ޔޫސުފް އަޔާން އާމިރެވެ.

އިސްކަންދަރު ސްކޫލް ފައިނަލަށް ދަތުރު ކޮށްފައި މިވަނީ އެއްވެސް މެޗެއްގައި ބައިކޮޅަށް ގޯލެއް ނުވަދެ އެވެ. ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން އެ ޓީމު 34 ގޯލު ޖެހިއިރު، ކުއާޓާ ފައިނަލުގައި ވަނީ 5-0 އިން އިމާދުއްދީން ސްކޫލް ބަލިކޮށްފަ އެވެ. ރެހެންދި ސްކޫލް ސެމީ އަށް ދިޔައީ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ތާޖުއްދީން ސްލޫކް ބަލި ކޮށްގެންނެވެ.

ގަލޮޅު ދަނޑުގައި ކުރިއަށް ގެންދާ މި މުބާރާތުގެ ފައިނަލް އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައެވެ.