Roadha Mihaaru
އިޒްރޭލްގެ ގައުމީ އެއާލައިނަށް ރާއްޖެއިން ހުއްދަ ނުދޭނެ

އިޒްރޭލްގެ ގައުމީ އެއާލައިން ރާއްޖެއަށް ދަތުރު ފަށަން ހުއްދައެއް ނުދޭނެ: ސަރުކާރު

09 މާޗް 2023

އިޒްރޭލްގެ ގައުމީ އެއާލައިން ކަމަށްވާ އެލް އަލްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ހުއްދަ ނުދޭނެ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިޒްރޭލްގެ ގައުމީ އެއާލައިން ކަމަށްވާ އެލް އަލްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ހުއްދަ ނުދޭނެ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

އެލް އަލްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ވިސްނަމުންދާ ކަމަށް އެ ކުންފުންޏާ ހަވާލާދީ ބޭރުގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެހެން ނަމަވެސް ރާއްޖެ އާއި އިޒްރޭލާ ދެމެދު ހާރިޖީ އަދި ވިޔަފާރީގެ އެއްވެސް ގުޅުމެއް ނޯވެ އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ވިދާޅުވީ އިޒްރޭލާއި ރާއްޖެއާ ދެމެދު އެފަދަ އެއްބަސްވުމެއް ނޯންނާނެ ކަމަށާއި އަދި އެފަދަ ހުށަހެޅުމެއް ވެސް ނެތް ކަމަށެވެ. އެހެންވެ، އެފަދަ ހުއްދައެއް ރާއްޖެއިން ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ އެއާލައިންގެ ފަރާތުން ވެސް ހުށަހަޅާފައެއް ނެތް. އެނގިވަޑައިގަންނަވާނެ ވިޔަފާރީގެ ގުޅުމެއް ރާއްޖެ އާއި އިޒްރޭލާ ދެމެދުގައި މިހާރަކު ނޯންނާނެ. އެހެންވީމަ އެފަދަ އެއްބަސްވުމަކަށް ނުވަތަ ދަތުރު ކުރެވޭނެ އިންތިޒާމެއް ހަމައެއް ނުޖެހޭނެ." މިއުވާން ވިދާޅުވި އެވެ.

އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެ، ހިންގަމުންދާ އަމަލުތަކާ ގުޅިގެން، ރާއްޖެއިން އިޒްރޭލާ ދެމެދު އޮތް ހާރިޖީ ހުރިހާ ގުޅުންތައް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ކުރީކޮޅުން ފެށިގެން އޮތީ ކަނޑާލައިފަ އެވެ. އެހެންވެ، އިޒްރޭލްގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން ވެސް އޮންނަނީ މަނާކޮށްފަ އެވެ.

އެހެންވެ، އެލް އަލްގެ ދަތުރުތައް 2011 ވަނަ އަހަރު ރާއްޖެއަށް ފަށަން މަސައްކަތް ކުރުމުން އެކަމާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ވެސް މުޒާހަރާކުރި އެވެ.