Roadha Mihaaru
އިޒްރޭލްގެ ބޮޑުވަޒީރު ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވަނީ

އިޒްރޭލްގެ ބޮޑުވަޒީރު ބެނެޓް ޗުއްޓީ ދަތުރުފުޅެއްގައި ރާއްޖެ އަށް!

02 ޑިސެމްބަރ 2021

އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ރާއްޖެ ވަޑައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ރާއްޖެ ވަޑައިގެންފި އެވެ.

އެ މަގާމާ މިދިޔަ ޖޫން މަހު ހަވާލުވެވަޑައިގަތް ބެނެޓް ރާއްޖެ ވަޑައިގަތީ އަމިއްލަ ދަތުރުފުޅެއްގައި އާއިލާއާ އެކު އެވެ. އޭނާ ރާއްޖެ ވަޑައިގެން ހުންނަވަނީ ރިސޯޓެއްގައި ކަމަށް ވިޔަސް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނީ އެކަން ދިވެހި ސަރުކާރަށް އެނގިފައި ނުވާ ކަމަށެވެ.

އިޒްރޭލްގެ މީޑިއާތަކުގައިވާ ގޮތުން ބެނެޓާއި އޭނާގެ އާއިލާ ޗުއްޓީ އަށް ވަޑައިގަތުމަށް ފުރަތަމަ ހަމަޖެއްސީ މޮރިޝަސްއަށެވެ. އެކަމަކު ކޮވިޑް-19 ގެ އާ ވޭރިއެންޓްގެ ނުރައްކާ އޮތުމުން އެ ގައުމަށް ދަތުރުކުރުން މަނާ ކޮށްފައިވާތީ އެހެން ގައުމަކަށް ޗުއްޓީއަށް ވަޑައިގަތީ ކަމަށް އިޒްރޭލްގެ މީޑިއާތަކުގައިވެ އެވެ.

ރާއްޖެއަކީ އިޒްރޭލް މިނިވަން ދައުލަތެއްގެ ގޮތުގައި ކުރިން ބަލައިގަތް ގައުމެކެވެ. ނަމަވެސް އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެ، އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނީ އަމަލުތަކާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖެ އިން ވަނީ އިޒްރޭލާ އެކު އޮތް ސިޔާސީ ގުޅުންތައް ކަނޑާލައި އަދި އެ ގައުމުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން މަނާކޮށްފަ އެވެ. އެކަމަކު އިޒްރޭލް މީހުންނަށް ޓޫރިސްޓުންގެ ގޮތުގައި ރާއްޖެ އައުމުގެ ހުއްދަ އޮވެ އެވެ.

ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ 12 އަހަރުވީ ސަރުކާރު ނިމުމަކަށް ގެނައުމަށް ފަހު ބެނެޓް ބޮޑުވަޒީރު ކަމަށް ވަޑައިގަތީ ކޯލިޝަން ސަރުކާރެއްގެ ތެރެއިން ހަނި އަޣުލަބިއްޔަތަކުންނެވެ. ކޯލިޝަނުން އެއްބަސްވެފައިވަނީ ބޮޑުވަޒީރުގެ މަގާމު ޕާޓީތަކުގެ މެދުގައި ދައުރުވާ ގޮތަށް ބޭއްވުމަށެވެ. އެގޮތުން 2023 ވަނަ އަހަރުގެ ނިޔަލަށް ބެނެޓް އެ މަގާމު އަދާ ކުރެއްވުުމަށް ފަހު، މިހާރުގެ ފޮރިން މިނިސްޓަރު ޔައީރް ލެޕިޑަށް ބޮޑުވަޒީރުގެ މަގާމު ދޭން އޮތީ އެއްބަސްވެފަ އެވެ.