Roadha Mihaaru
ދެ މެޗަށް ފަހު ސްޕެނިޝް ލީގުގައި ރެއާލަށް މޮޅެއް

ދެ މެޗަށް ފަހު ސްޕެނިޝް ލީގުގައި ރެއާލުން މޮޅެއް ހޯދައިފި

12 މާޗް 2023

މެޑްރިޑް (މާޗު 12) - ފަހަތުން އަރައި 3-1 އިން އެސްޕަނިޔޯލް ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގައި ދެ މެޗަށް ފަހު މޮޅެއް ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެޑްރިޑް (މާޗު 12) - ފަހަތުން އަރައި 3-1 އިން އެސްޕަނިޔޯލް ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގައި ދެ މެޗަށް ފަހު މޮޅެއް ހޯދައިފި އެވެ.

ރޭގެ މެޗުގެ އަށްވަނަ މިނިޓުގައި ކުރިން ރެއާލަށް ކުޅުނު ސްޓްރައިކަރު ޔޮސޭލޫ ގެ ލަނޑަކުން އެސްޕަނިޔޯލް ލީޑު ނަގައިފައި ވަނިކޮށް 22 ވަނަ މިނިޓުގައި ރެއާލަށް އެއްވަރު ކޮށްދިނީ ވިނީޝިއަސް ޖޫނިއާ އެވެ. އަދި 39 ވަނަ މިނިޓުގައި އޮރޭލިއަން ޗުއަމެނީ ނަގައިދިން ބޯޅައެއް ބޮލުން ޖަހައި ރެއާލަށް ލީޑު ހޯދައިދިނީ އެޑާ މިލިޓާއޯ އެވެ. ރެއާލްގެ ތިން ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ މާކޯ އަސެންސިއޯ އެވެ.

މި މެޗުގެ ކުރިން ލީގުގައި ރެއާލް އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް ވަނީ އެއްވަރު ވެފަ އެވެ. އަދި މިއާ އެކު ދެ ވަނައިގައި އޮތް ރެއާލާއި އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ނުވަ ޕޮއިންޓަށް ފުޅާ ވެގެން ދިޔަ އެވެ.

އަމިއްލަ ދަނޑުގައި ރެއާލުން ރޭ ހޯދި މޮޅާ އެކު އެޓީމު ވަނީ 25 މެޗުން 56 ޕޮއިންޓް ހޯދައިފަ އެވެ. ބާސެލޯނާ އެއް ވަނައިގައި އޮތީ 24 މެޗުން ހޯދި 62 ޕޮއިންޓާ އެކު އެވެ. މިރޭ ރަށުން ބޭރުގައި ބާސެލޯނާ އަށް އެތުލެޓިކް ބިލްބާއޯ ބަލި ކުރެވިއްޖެ ނަމަ އަލުން ނުވަ ޕޮއިންޓަށް ލީޑު ފުޅާ ކޮށްލެވޭނެ އެވެ.

ރޭގެ މެޗުގައި ރެއާލްގެ ކޯޗު އަންޗެލޮޓީ. -- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގައި ރެއާލްގެ ކޯޗު އަންޗެލޮޓީ. -- ފޮޓޯ: އޭއެފްޕީ

ރެއާލުން ރޭ ހޯދި މޮޅަކީ ލީގުގައި ކޯޗު ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ހޯދި 100 ވަނަ މޮޅެވެ. ލީގުގައި ރެއާލްގެ ކޯޗެއްގެ ގޮތުގައި އަންޗެލޮޓީ އަށް ވުރެ ގިނަ މެޗު ކާމިޔާބު ކޮށްފައި ވަނީ، 257 މެޗުން މޮޅު ކޮށްދިން މިގޭލް މުނޯޒް އާއި 124 މެޗު ކާމިޔާބު ކުރި ޒައިނުއްދީން ޒިދާން އެވެ.

މެޗުގެ ވަރަށް ކުރީކޮޅު ކޮޅަށް ގޯލެއް ވަދެފައި ވަނިކޮށް ވެސް ފަހަތުން އަރައި މެޗު ކާމިޔާބު ކުރަން ރެއާލްގެ ކުޅުންތެރިންގެ ފަރާތުން ރޭގެ މެޗުގައި ދެއްކި ހިތްވަރަށް ކޯޗު އަންޗެލޮޓީ ވަނީ ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ އެ ގޯލުގެ ސަބަބުން ޓީމުގެ ކުޅުންތެރިންގެ މަސައްކަތަށް އެއްވެސް ވަރެއްގެ ނޭދެވޭ އަސަރެއް ނުކުރާ ކަމަށެވެ.

"އަހަރެމެންނަށް ފެށުނީ އެހާ ރަނގަޅަކަށް ނޫން. ވަރަށް ގޯސް ނަތީޖާއެއް ވެސް ނުކުތީސް މި މެޗުގައި،" އަންޗެލޮޓީ ބުންޏެވެ.

"އަހަރެމެން ކޮޅަށް ވަން ގޯލާ ގުޅިގެން ޓީމު ކުޅުންތެރިންގެ އެޓިޓިއުޑަށް ގޯސް އަސަރެއް ނުކުރޭ، އޭގެ ބަދަލުގައި ފެނުނީ ގޭމް ކޮންޓްރޯލް ކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ހޯދިތަން."

ރެއާލް މެޑްރިޑަށް ލީގުގައި ކުރިއަށް އޮތީ ރަށުން ބޭރުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ އެލް ކްލެސިކޯ މެޗެވެ. އަންނަ ހަފްތާ ބާސެލޯނާއާ ދެކޮޅަށް ނުކުތުމުގެ ކުރިން މި ހަފްތާ އެންމެ އަވަހަށް ކުޅޭނީ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ދެވަނަ ލެގުގައި، އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށެވެ. ފުރަތަމަ ލެގު ރެއާލުން ވަނީ 5-2 އިން ކާމިޔާބު ކޮށްފަ އެވެ.

ކުޑަހުޅަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ރޭގެ މެޗަށް ރެއާލްގެ ކެޕްޓަން ކަރީމް ބެންޒެމާ ނުނަގަ އެވެ. ނަމަވެސް ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަށް ބެންޒެމާ ފިޓް ވާނެ ކަން ކޯޗު އަންޗެލޮޓީ ވަނީ މީގެ ކުރިން ހާމަ ކޮށްފަ އެވެ.