Roadha Mihaaru
ޗެޓްޖީޕީޓީ ވަރުގަދަކޮށްފި، ފޮޓޯއަށް ވެސް ޖަވާބު ދޭނެ

ޗެޓްޖީޕީޓީ ވަރުގަދަކޮށްފި، ފޮޓޯއަށް ވެސް މިހާރު ޖަވާބު ދޭނެ!

15 މާޗް 2023

އޯޕަންއޭއައި އިން އެ ކުންފުނީގެ މަގްބޫލު އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ޗެޓްބޮޓްގެ ފަހުގެ ވާޝަނެއް ނެރެފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އޯޕަންއޭއައި އިން އެ ކުންފުނީގެ މަގްބޫލު އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ޗެޓްބޮޓްގެ ފަހުގެ ވާޝަނެއް ނެރެފި އެވެ.

"ޖީޕީޓީ-4" އިން ފޮޓޯތަކަށް ވެސް ޖަވާބު ހޯދައިދޭނެ އެވެ. އަދި 25،000 ބަހުގެ ލިޔުންތައް ލިޔެދޭނެ އެވެ. އެއީ ކުރީގެ ވާޝަނަށް ވުރެ އަަށް ގުނަ އިތުރު އަދަދެކެވެ.

އަލަށް ނެރުނު ވާޝަންގެ "ފޮޓޯ ރެސްޕޮންސް" ގައި ތަކެތީގެ ފޮޓޯ ދައްކާލުމުން، އެ ފޮޓޯއިން ފެންނަ އެއްޗެހި ބޭނުންކޮށްގެން ހެދޭނެ އެއްޗެއްގެ ރެސިޕީ ކިޔައިދޭނެ އެވެ. އަދި ފޮޓޯއެއް ދިނުމުން އެ ފޮޓޯއަށް ކެޕްޝަނެއް ނުވަތަ ޑިސްކްރިޕްޝަނެއް ވެސް ލިޔެދޭނެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ލޯންޗްކުރި ޗެޓްޖީޕީޓީ ބޭނުންކުރާ މީހުންގެ އަދަދު މިލިއަނަކަށް ވުރެ ގިނަ ގިނަ އެވެ.

"ޖީޕީޓީ-4" އަށް އިންގްރީޑިއަންޓްސްތަކުގެ ފޮޓޯއެއް ދިނުމުން ރެސިޕީއެއް ކިޔައިދީފައި

"ޖީޕީޓީ-4" އަށް އިންގްރީޑިއަންޓްސްތަކުގެ ފޮޓޯއެއް ދިނުމުން ރެސިޕީއެއް ކިޔައިދީފައި

އާންމުކޮށް ޗެޓްޖީޕީޓީ ބޭނުންކޮށް އުޅެނީ ލަވަޔާއި ޅެމާއި ކޮމްޕިއުޓަރު ކޯޑު ލިޔުން ފަދަ ކަންކަމުގަ އެވެ. އަދި ކިޔަވައިދޭ ތަންތަނުން އަންނަނީ ފިލާވަޅުތައް ހެދުމަށް ދަރިވަރުން ޗެޓްޖީޕީޓީ ބޭނުން ނުކުރަން އެދެމުންނެވެ. ނަމަވެސް މިކަން ދަނީ ބާރަށް ކުރިއަށެވެ.

"ޖީޕީޓީ-4" ގެ ހިދުމަތް އެންމެ ފުރަތަމަ ލިބޭނީ "ޗެޓްޖީޕީޓީ ޕްލަސް" ގެ ސަބްސްކްރައިބަރުންނަށެވެ. އެއީ އެ ހިދުމަތުގެ ޕްރިމިއަމް އެކްސެސް ހޯދުމަށް މަހަކު 20 ޑޮލަރު ދައްކާ މީހުންނަށެވެ.

ޗެޓްޖީޕީޓީއެކޭ އެއްގޮތަށް ޖީޕީޓީ-4 ގައި ވެސް ބޭނުންކޮށްފައި ވަނީ "ޖެނެރޭޓިވް" އޭއައިގެ ވައްތަރެކެވެ. ޖެނެރޭޓިވް އޭއައި އިން އަލްގޮރިދަމް އަދި ޕްރިޑިކްޓިވް ބަސްތައް ބޭނުންކޮށްގެން، އެ ބޭނުންކުރާ މީހަކު އެދޭ ކަމަކާ ގުޅުވައިގެން އާ ކޮންޓެންޓު އުފައްދައިދެ އެވެ.

ފަހުގެ ވާޝަނަކީ ވެސް ފުރިހަމައަށް އިތުބާރު ހިފޭނެ ވާޝަނެއް ނޫން ކަމަށާއި، ބައެއް ފަހަރު ރީޒަނިންގެ މައްސަލަތަކާއި، ހަގީގަތާ ހިލާފު ކަންކަން އުފައްދައިފާނެ ކަމަށް އޯޕަންއޭއައިން ބުނެ އެވެ.

އޭގެ އިތުރުން، އޯޕަންއޭއައި އިން ވަނީ ބަސް ދަސްކުރާ އެޕް "ޑުއޯލިންގޯ" އަދި ލޮލުގެ ފެނުމަށް އަސަަރުކޮށްފައި ތިބޭ މީހުންނަށް ހާއްސަ "ބީ މައި އައީސް" އާއެކު ޕާޓްނާޝިޕެއް އިއުލާނުކޮށްފަ އެވެ.