Roadha Mihaaru
ކްލޮޕް ހުރީ ދޫދޭކަށް ނޫން، ރެއާލް ފަހަތަކަށް ނުޖެހޭނެ

ކްލޮޕް ހުރީ ދޫދޭކަށް ނޫން، އަންޗެލޮޓީ ބުނީ ފަހަތަށް ނުޖެހޭނެ ކަމަށް

15 މާޗް 2023

މެޑްރިޑް (މާޗު 15) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދަން ފުރަތަމަ ލެގުގައި ރެއާލުން ހޯދި ނަތީޖާ އަނބުރާލުމުގެ އުންމީދުގައި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ހުރި ނަމަވެސް ރެއާލުން ފަހަތަށް ނުޖެހޭނެ ކަމަށް ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެޑްރިޑް (މާޗު 15) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދަން ފުރަތަމަ ލެގުގައި ރެއާލުން ހޯދި ނަތީޖާ އަނބުރާލުމުގެ އުންމީދުގައި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ހުރި ނަމަވެސް ރެއާލުން ފަހަތަށް ނުޖެހޭނެ ކަމަށް ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

މުބާރާތުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރެއާލް ވަނީ ލިވަޕޫލްގެ ދަނޑުގައި 5-2 އިން މޮޅު ވެފަ އެވެ. ލިވަޕޫލަށް ކުއާޓާ އަށް ދެވެން އޮތީ މިރޭ ކުޅޭ ދެވަނަ ލެގު މެޗު ހަތަރު ގޯލުގެ ތަފާތަކުން ކާމިޔާބު ކޮށްގެންނެވެ.

ކޯޗު ކްލޮޕް ބުނީ މީގެ ތިން ހަފްތާ ކުރިން ރެއާލުން ނެރުނު ނަތީޖާއާ އެކު އެޓީމު ދެން އޮތް ބުރުގެ ޖާގަ ޔަގީންކޮށްފި ކަމަށް ބުނެފައި ވިއަސް، ނަތީޖާ ފައިނަލް ކުރަން އެއް މެޗު ބާކީ އެބަ އޮތް ކަމަށެވެ.

"މެޗު ކާމިޔާބު ކުރަން އެންމެ ޕަސެންޓެއްގެ ފުރުސަތު އޮތަސް އަހަރެމެން [ނަތީޖާ އަނބުރާލަން] މަސައްކަތް ކުރަން ބޭނުން. އަހަރެމެން މިތިބީ ވަރަށް ވަރުގަދަ ބަޔަކާ ދެކޮޅަށް ކުޅެ މެޗު ކާމިޔާބު ކުރަން މަސައްކަތް ކުރަން،" ކްލޮޕް ބުންޏެވެ.

"މިއީ ވަރަށް އުނދަގޫ ކަމެއް، ވުމަށް ވުރެ ނުވުން ވެސް ގާތް، އެކަމަކު ނުވާނެ ކަމެއް ނޫން. އަހަރެމެން މިތިބީ އެކަމަށް. ހިނގާ ބަލަމާ އަހަރެމެންނަށް މެޗުގައި ނެރެވޭ ނަތީޖާ."

ލިވަޕޫލުން މިރޭގެ މެޗަށް ނުކުންނައިރު، ބަލި ހާލު ހުރި ހޮތުން ކެޕްތަން ޖޯޑަން ހެންޑަސަން މެޗުގައި ނުފެންނާނެ އެވެ.

ފުރަތަމަ ލެގުގައި ބަލިވި ފަހުން ލިވަޕޫލް ވަނީ ލީގުގައި 7-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފަ އެވެ. ނަމަވެސް އެންމެ ފަހުން މިދިޔަ ހަފްތާ ބަންދުގައި އެޓީމު ވަނީ ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް ބޯންމަތު އަތުން ބަލިވެފަ އެވެ.

ރެއާލް މެޑްރިޑްގެ ކެޕްޓަން އަދި އެންމެ ނުރައްކާތެރި ސްޓްރައިކަރު ކަރީމް ބެންޒެމާ، އަނިޔާގެ ސަބަބުން އެޓީމު އެންމެ ފަހުން ލީގުގައި އެސްޕަނިޔޯލާ ދެކޮޅަށް ކުޅުނު މެޗުގައި ނުކުޅެ އެވެ. ނަމަވެސް މިރޭގެ މެޗަށް އޭނާ ވަނީ މުޅިން ފިޓް ވެފަ އެވެ.

ރެއާލްގެ ކޯޗު އަންޗެލޮޓީ ބުނީ ފުރަތަމަ ލެގުގައި ބޮޑު ލީޑެއް ނަގައިފައި އޮތަސް މިރޭގެ މެޗު އެ ޓީމުން ފަސޭހަ ނުކޮށްލާނެ ކަމަށެވެ. އަދި މެޗަށް ނުކުންނާނީ ލިވަޕޫލުން ކޮންމެ ހާލެއްގައި ވެސް މެޗުގެ އޮއިވަރު ބަދަލުކޮށްލަން މަސައްކަތް ކުރާނެކަމަށް ދެކިގެން ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ.

"އަހަރެމެން ދެ ކަންތައް ވެސް ކުރަން ޖެހޭ، ރަނގަޅަށް ޑިފެންސް ކޮށްފައި ރަނގަޅަށް އެޓޭކް ކުރުން. އަހަރެމެން ހަމައެކަނި ޑިފެންސަށް ނުވިސްނާނަން، އެޓޭކަށް ވެސް އަހަރެމެން ވިސްނަން. ސައިކޮލޮޖިކަލް ވިސްނުމަކުން ވިސްނާ ނަމަ، ލިވަޕޫލަށް ވުރެ އަހަރެމެންނަށް މި މެޗު އުނދަގޫ ވާނެ،" އަންޗެލޮޓީ ބުންޏެވެ.

"ލިވަޕޫލުން އަންނާނީ ކޮންމެ ގޮތެއް ވިޔަސް ފުރަތަމަ މިނިޓުން ފެށިގެން އެމީހުންގެ އެންމެ ބެސްޓު ދައްކަން. ފުރަތަމަ ލެގުގައި ވެސް އެކަން ފެނުނު. އަހަރެމެން ވެސް ނުކުންނާނީ ހަމަ އެހެން، މެޗު ފެށިގެން ވެސް އަހަރެމެންނަށް ވީ ވަރެއް ކުރަން. އިދިކޮޅު ޓީމަށް ވުރެ އަހަރެމެންނަށް ކުރިމަތިވާ ސުވާލު ވެސް ގިނަވާނެ."