Roadha Mihaaru

ސިޓީއާ ދެކޮޅަށް ކުޅެން އަންޗެލޮޓީ ބިރުގަނޭ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެން ބޭނުން ނުވާކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ސިޓީއާ ދެކޮޅަށް ކުޅެން އަންޗެލޮޓީ ބިރުގަނޭ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

30 ޖެނުއަރީ 2025

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެން ބޭނުން ނުވާކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ފުރަތަމަ ބުރުގެ ލީގު މަރުހަލާގައި ރެއާލް ކުޅުނު ފަހު މެޗުގައި ފްރާންސްގެ ބްރެސްޓާ ދެކޮޅަށް ކުޅުނު މެޗު 3-0 ން ކާމިޔާބުކޮށް ރެއާލުން ވަނީ ތާވަލުގެ 11 ވަނަ ހޯދައިފަ އެވެ.

ގަދަ 16 އިގެ ބުރުން ސީދާ ޖާގަ ލިބޭނީ ގަދަ އަށް ޓީމަށެވެ. އެއަށްވުރެ ދަށުން ނިންމާ ޓީމުތަކަށް ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ.

ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުން ސީދާ ޖާގަ ނުލިބުމުން ރެއާލް އާއި ސިޓީ އަށް ވެސް ޖެހިފައި ވަނީ ޕްލޭއޮފްގަ ކުޅޭށެވެ. ރެއާލް ކުޅެން ޖެހޭނީ ސިޓީ ނުވަތަ ސެލްޓިކްގެ ތެރެއިން ޓީމަކާ ދެކޮޅަށެވެ.

އަންޗެލޮޓީ ބުނީ ސިޓީއަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ޓީމުތަކުގެ ތެރެއިން ޓީމެއް ކަމަށާއި ޕްލޭއޮފްގައި އެ ޓީމާ ދެކޮޅަށް ކުޅެން ރެއާލުން ބޭނުން ނުވާ ކަމަށެވެ.

"އަހަރެމެން ބޭނުމެއް ނުވޭ ސިޓއާ ދެކޮޅަށް ކުޅޭކަށް. ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އެ ޓީމަށް މާބޮޑަށް އެބައޮތް،" ބްރެސްޓާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އަންޗެލޮޓީ ބުންޏެވެ.

"އެކަމަކު ދެން ގުރުލައިގެން ލައްވާލީ ޓީމެއް ލައްވާލީ. ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަންޏާ ޖެހޭނެ ހުރިހާ މެޗެއް ކާމިޔާބު ކުރަން."

އެންމެ ފަހުގެ ޗެމްޕިއަން ރެއާލް، ޗެމްޕިއަންސް ލީގުގެ އާ ފޯމެޓްގައި ކުޅުނު ފުރަތަމަ ފަސް މެޗުގެ ތެރެއިން ތިން މެޗުން ބަލިވުމުން ގަދަ އަށެއްގެ ފުރުސަތު ރެއާލް އަށް ގެއްލުނެވެ.

އަންޗެލޮޓީ ބުނީ ޗެމްޕިއަންސް ލީގުގައި ދެރަ ލިބުމުން ވީ އެންމެ އަވަހަކަށް ހިތްވަރުކޮށްފައި ތެދުވެވޭތޯ މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. ސީދާ ގަދަ އަށަކުން ޖާގަ ނުހޯދުނީ އެ ހާލަތުން އަރައިގަންނަން ރެއާލް އަށް ގިނަ ވަގުތު ހޭދަވުމުން ކަމަށް ދެ ފަހަރުގެ މަތިން އެ ކްލަބަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.