Roadha Mihaaru
ގޯލްކީޕަރުގެ މަގާމު، އަންޗެލޮޓީއަށް ބޮލުގެ ރިހުމަކަށް

ގޯލްކީޕަރުގެ މަގާމު، އަންޗެލޮޓީ އަށް ބޮލުގެ ރިހުމަކަށްވެއްޖެ

28 މެއި 2024

މެޑްރިޑް (މެއި 28) – ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑްގެ ގޯލްކީޕަރުގެ މަގާމު ދޭނެ ކީޕަރަކާ މެދު އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ އަށް ބޮލުގެ ރިހުމަކަށް ވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެޑްރިޑް (މެއި 28) – ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑްގެ ގޯލްކީޕަރުގެ މަގާމު ދޭނެ ކީޕަރަކާ މެދު އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ އަށް ބޮލުގެ ރިހުމަކަށް ވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލާ ހަމައަށް ރެއާލް ގެންގޮސްދިނުމުގެ ދަތުރުގައި ގިނަ މެޗުތަކުގައި ގޯލް ބެލެހެއްޓީ އަންޑްރޭ ލުނިން އެވެ. އޭނާ ވަނީ މޮޅު ކުޅުމެއް ވެސް ދައްކައިފަ އެވެ.

މުބާރާތުގެ ފައިނަލް މެޗާ ހަމައަށް އައިރު، ރެއާލްގެ އެއްވަނަ ކީޕަރު ޓިބޯ ކޯޓްއާ ވެސް ވަނީ މުޅިން ފިޓް ވެފަ އެވެ. ލަލީގާގެ ފަހު މެޗުތަކުގައި ދިން ފުރުސަތުގައި އޭނާ ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ސީޒަން ފެށުމުގެ ކުރިން ކޯޓުއާ އަށް އަނިޔާވުމުން، ޗެލްސީގެ ކީޕަރު ކެޕާ އަރީޒަބަލާގާ ލޯނު އެއްބަސްވުމުގެ ދަށުން ރެއާލުން ގެންދިޔަ އެވެ. ލުނިން އަށް ގިނަ ފުރުސަތުތައް ލިބެން ފެށީ ނޮވެމްބަރު މަހު ކެޕާ އަށް އަނިޔާވުމުންނެވެ. ލަލީގާގެ ފަހު މެޗުގައި ކެޕާ އަށް ފުރުސަތު ދީ އޭނާ އަށް އިހުތިރާމް އަދާކުރުމުގެ ފުރުސަތު އަންޗެލޮޓީ ދިނެވެ.

ފައިނަލު މެޗުގައި ފުރުސަތު ދޭނެ ކީޕަރަކީ ކޮބައިކަން އޭނާ އަށް އަދި ނުނިންމޭ ކަމަށް އަންޗެލޮޓީ ބުންޏެވެ. އޭނާ ބުނީ ލުނިން އާއި ކޯޓުއާ އަށް ވެސް ފައިނަލު މެޗުގައި ކުޅުން ހައްގު ކަމަށެވެ.

"މިއީ ވަރަށް އުނދަގޫ ކަމަކަށް ވެއްޖެ... މެޗުގެ އެންމެ ފަހު ދުވަހު އަހަރެން ނިންމާނީ،" އަންޗެލޮޓީ ބުންޏެވެ.

އަންޗެލޮޓީ ބުނީ ލުނިން މި ވަގުތު އުޅެނީ ހުން އައިސްގެން ކަމަށެވެ. ނަމަވެސް ހޮނިހިރު ދުވަހަށް އޭނާ ފިޓްވާނެ ކަމަށް ކޯޗު ބުންޏެވެ. އެހެންނަމަވެސް އަދި ވެސް ފުރުސަތު ދޭނެ ކީޕަރަކީ ކޮބައިކަން ބުނަން އޭނާ ބޭނުން ނުވާ ކަމަށް އަންޗެލޮޓީ ބުންޏެވެ.

"ދުނިޔޭގެ އެންމެ މޮޅު ކީޕަރު [ކޯޓްއާ] ވެސް އެބަ އާދޭ. މި ބަހުސަށް އަހަރެން ޝައުގުވެރިވޭ. ދުރުސަތު ދޭނީ ކޮން ކީޕަރަކަށްކަން ބުނެފިއްޔާ ބަހުސް ނިމޭނެއެއްނު."

އަންޗެލޮޓީ އެހެން ބުނި ނަމަވެސް، ގިނަ ބަޔަކު ބުނަމުން ދަނީ ބޮރޫޝިއާ ޑޯޓްމެންޑާ ދެކޮޅަށް ކުޅޭ ފައިނަލް މެޗުގައި، އޭނާ ފުރުސަތު ދޭނީ ކޯޓްއާ އަށް ކަމަށެވެ. އެއީ ފައިނަލު މެޗުތަކުގައި އޭނާގެ ތަޖުރިބާ ބޮޑުވުމުން ކަމަށް އެ ފާރާތްތަކުން ބުނެ އެވެ.