Roadha Mihaaru
އެއާޕޯޓުން ހަމްރާއު ދެއްކީ ޒަމާނީ "އޮޑިހަރުގެ"އެއް

ފަރެސްމާތޮޑާ އެއާޕޯޓުން ހަމްރާއު ދެއްކީ ޒަމާނީ "އޮޑިހަރުގެ" އެއް

15 މާޗް 2023

ގދ. ފަރެސްމާތޮޑާގެ މަލަމަތިން މިހާރު ފެންނާނެ އެންމެ ރީތި އިމާރާތަކީ "އޮޑިހަރުގެ" އެކެވެ. އެކަމަކު އެއީ ރާއްޖޭގައި ތަފާތު ކޮންސެޕްޓަކަށް ހެދި އެއާޕޯޓުގެ ޓާމިނަލް އެވެ.

ފާތިމަތު ޝަނާ މުހައްމަދު ގދ.ފަރެސްމާތޮޑާ ފާތިމަތު ޝަނާ މުހައްމަދު

ގދ. ފަރެސްމާތޮޑާގެ މަލަމަތިން މިހާރު ފެންނާނެ އެންމެ ރީތި އިމާރާތަކީ "އޮޑިހަރުގެ" އެކެވެ. އެކަމަކު އެއީ ރާއްޖޭގައި ތަފާތު ކޮންސެޕްޓަކަށް ހެދި އެއާޕޯޓުގެ ޓާމިނަލް އެވެ.

އެތަން ޑިޒައިންކުރި ޕްލޭނިން މިނިސްޓްރީގެ އާކިޓެކްޓެއް ކަމަށްވާ ހަމްރައު އަހްމަދު، އެއާޕޯޓުގައި ހުރެ ވިދާޅުވީ، އޮޑިހަރުގެއެއް އަސްލަކަށް ބަލައިގެން އެއާޕޯޓު ތަރައްގީކުރީ ދިވެހިވަންތަ ގޮތަކަށް ހެދުމުގެ ބޭނުމުގައި ކަމަށެވެ.

ހަމްރައު ވިދާޅުވީ އިމާރާތްތައް ޑިޒައިން ކުުރުމުގައި ހޭދަކުރި 15 ވަރަކަށް އަހަރު، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ދަތުރުކޮށް އެކި ތަންތަން ފެނިފައި ވާއިރު އޮޑިހަރުގެ އަކީ އެންމެ ކަމުދާ އިހުގެ ސްޓްރަކްޗާ ކަމަށެވެ.

ހަމްރައު އިމާރާތުގެ ޑިޒައިނާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހަމްރައު އިމާރާތުގެ ޑިޒައިނާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބޮޑު ބައެއް ބިއްލޫރިން ހެދި މި އެ އިމާރާތުގެ ފުރާޅުގައި ލާފައިވަނީ އާޓިފިޝަލް ފަނެވެ. އިމާރާތުގެ ވަށައިގެން ބިއްލޫރި ޖަހާފައިވާ އިރު އެ އިމާރާތުގެ އެތެރެއަށް ވަނުމުން ސިފަވަނީ "ގްރީން ހައުސް" އެއް ގޮތަށެވެ. ޗައިނާއިން މެޓީރިއަލް ގެނެސްގެން ހެދި އެ އިމާރާތުގެ 40 ޕަސެންޓު ހެދީ ބިއްލޫރި ބޭނުންކޮށްގެންނެވެ.

"އަޅުގަނޑުގެ ޑިޒައިންތަކުގައި އެންމެ ހާއްސަ ސިފައެއް ޓްރޭންގަލް ސްޓްރަކްޗާތަކަކީ. މީގެ ކުރީގައި ވެސް ވަރަށް ބޮޑަށް ޓްރޭންގަލް ޑިޒައިންތައް ހެދިފައި ހުންނާނެ،" ދެ ހަފްތާއިން ނިންމި ޑިޒައިނާ ބެހޭ ގޮތުން ހަމްރާއު ވިދާޅުވި އެވެ.

އެއާޕޯޓުގައި ފަސިންޖަރުން މަޑުކޮށްލައިގެން ތިބޭ ސަރަހައްދު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެއާޕޯޓުގައި ފަސިންޖަރުން މަޑުކޮށްލައިގެން ތިބޭ ސަރަހައްދު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތިން ބުރީގެ އިމާރާތެއްގެ އުސްމިނުގައި ހުރި ޓާމިނަލްގެ މެދަށްވާ ގޮތަށް ސީލިންގުގައި ބިއްލޫރި ޖަހައި އަދި އޯޕަންކޮށް، އުޑުމަތި ފެންނާނެ ބައެއް ވެސް ހުރެ އެވެ. ގުދުރަތީ އަލިކަން ވަންނަ ގޮތަށް އިމާރާތް ޑިޒައިންކުރީ، އޮޕަރޭޝަނަލް ހަރަދު ކުޑަކުރެވޭނެ ގޮތަކަށެވެ. އެ އެއާޕޯޓުގެ ޓާމިނަލް ލޮބީގައި އެއާކޮންޑިޝަން ހަރުކުރުމުގެ ބަދަލުގައި ހުންނަނީ ގުދުރަތީ ވައި ވަންނަ ގޮތަށެވެ. ބިއްލޫރިން ސީލިންގު ބައެއް ހެދުމުގެ ސަބަބުން ދުވާލު ގަޑީގައި ބޮކިތައް ދިއްލަންޖެހެނީ ވަރަށް މަދު ފަހަރަކު އެވެ.

ހަމްރާއުގެ ތަފާތު ޑިޒައިނަށް ސިފަ ގެނެސްދިނީ އެމްޓީސީސީގެ އާކިޓެކްޓަރުންނާއި ޑިޒައިން ޓީމުގެ ބުރަ މަސައްކަތުނެނެވެ. އެމްޓީސީސީގެ އެގްޒެކެޓިވް ޕްރޮޖެކްޓް މެނޭޖަރު އިބްރާހިމް ހަސަން ވިދާޅުވީ، މިއީ އެކުންފުނިން ހިންގި އެންމެ ތަފާތު އެއް ޕްރޮޖެކްޓް ކަމަށެވެ. އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓްގެ ސްޓްކްޗާގައި ހުރި ތަފާތުތަކާ އެކު ވެސް އެއާޕޯޓު ހަދައި ނިންމުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އިމާރާތައް ބޭނުންވާ ބިއްލޫރިތައް ގެނައުން ކަމަށެވެ.

އެއާޕޯޓުގެ ސްކޭން މެޝިން: އެއާޕޯޓު ހަދާފައިވަނީ އޮޕަރޭޝަނަލް ހަރަދުތައް ކުޑަކުރެވޭނެ ގޮތަށް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެއާޕޯޓުގެ ސްކޭން މެޝިން: އެއާޕޯޓު ހަދާފައިވަނީ އޮޕަރޭޝަނަލް ހަރަދުތައް ކުޑަކުރެވޭނެ ގޮތަށް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ޗައިނާ އިން ކޮންމެ ޕީސްއެއް ވަކި ވަކިން ގެނެސް ރާވާފައި އެ ހުރީ. އޭގެ ކޮންމެ ބިއްލޫރިގަނޑެއްގެ ބަރުދަނުގައި އުޅޭނެ ގާތްގަނޑަކަށް 80 ކިލޯ،" އޭނާ ވިދާޅުވި އެވެ.

ހަމްރާއު ވިދާޅުވީ، ބޭރުން ފެންނަ ރީތި މަންޒަރު ޑިޒައިން ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދިނީ އެއާޕޯޓުގައި މަޑުކޮށްލައިގެން ތިބޭ ވަގުތަކީ އެންމެންނަށް ހިތްފަސޭހަ ވަގުތަކަށް ހަދަން ކަމަށެވެ. ގަސް ހައްދަން ހާއްސަ ސަރަހައްދެއް ހެދީ ވެސް މީހުންނަށް ހިތްހަމަޖެހުން ގެނެވޭނެ ގޮތެއް ހެދުމުގެ ވިސްނުމުގަ އެވެ.

ފަރެސްމާތޮޑާގެ އެތެރޭގައި ގަސް ހައްދަން ހާއްސަކޮށްފައިވާ ތަނުގައި ބައެއް ގަސް އިންދާފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފަރެސްމާތޮޑާގެ އެތެރޭގައި ގަސް ހައްދަން ހާއްސަކޮށްފައިވާ ތަނުގައި ބައެއް ގަސް އިންދާފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އޯޕަން އޭރިއާއެއް ހެދީ ވަރަށް ބޮޑަށް ބަލާފައި. ވާރޭ ވެހުނަސް، އާންމުންނަށް އުނދަގުލެއް ނުވާނެ،" ހަމްރާއު ވިދާޅުވި އެވެ.

ހަމްރާއު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް އޭނާގެ ތަފާތު ޑިޒައިންތަކެއް ފެންނާނެ ކަމަށެވެ.

ގއ. ފަރެސްމާތޮޑާ އެއާޕޯޓުގެ އެތެރެ. އެ އިމާރާތުގެ 40 ޕަސެންޓު ސްޓްރަކްޗަރުގައި ބޭނުންކޮށްފައިވަނީ ބިއްލޫރި- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގއ. ފަރެސްމާތޮޑާ އެއާޕޯޓުގެ އެތެރެ. އެ އިމާރާތުގެ 40 ޕަސެންޓު ސްޓްރަކްޗަރުގައި ބޭނުންކޮށްފައިވަނީ ބިއްލޫރި- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ވަރަށް އުފާވޭ، ޑިޒައިނާ މެދު އެންމެން ހިތްހަމަޖެހި، ތައުރީފު ކުރާތީ. އާ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި ވެސް ފެންނާނެ،" އޭނާ ވިދާޅުވި އެވެ.

ގާތްގަނޑަކަށް 1،200 މީޓަރުގެ ރަންވޭއަކާ އެކު ހެދި މި އެއާޕޯޓަށް 145 މިލިއަން ރުފިޔާ ހޭދަކުރި އެވެ.