Roadha Mihaaru
ފަރެސްމާތޮޑާގައި އެއާޕޯޓް އަޅާތީ ފިޔޯރީ މީހުން ރަތަށް؟

ފަރެސްމާތޮޑާގައި އެއާޕޯޓް އަޅާތީ ފިޔޯރީ މީހުން ރަތަށް؟

22 ސެޕްޓެމްބަރ 2016

ގދ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅަން ގދ. ފަރެސްމާތޮޑާ އާއި ފިޔޯރީ ސާވޭކުރުމަށް ފަހު ފަރެސްމާތޮޑާގައި އެއާޕޯޓް ތަރައްގީކުރަން ނިންމުމުން އެކަމާ ފިޔޯރީ މީހުން ރުޅިގަދަވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ގދ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅަން ގދ. ފަރެސްމާތޮޑާ އާއި ފިޔޯރީ ސާވޭކުރުމަށް ފަހު ފަރެސްމާތޮޑާގައި އެއާޕޯޓް ތަރައްގީކުރަން ނިންމުމުން އެކަމާ ފިޔޯރީ މީހުން ރުޅިގަދަވެއްޖެ އެވެ.

ފިޔޯރީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ފަރެސްމާތޮޑާ ދާއިރާގައި ހިމެނޭ ސަރަހައްދުގައި އެއާޕޯޓެއް އަޅަން ފިޔޯރީގައި ޗައިނާގެ ބަޔަކު ތިބެގެން ސާވޭކުރަނިކޮށް އެއާޕޯޓް ތަރައްގީކުރަން ފަރެސްމާތޮޑާ އާއި ދިގުލާބަދޫގައި ވެސް ސާވޭކުރުމުން އެކަމާ ކަންބޮޑުވި ކަމަށެވެ. އަދި ސާވޭ ނިންމި ފަހުން އެއާޕޯޓް އަޅާނީ ފަރެސްމާތޮޑާގައި ކަން ސަރުކާރާ ހަވާލާދީ މީޑިއާއިން ހާމަކުރުމުން ލިބުނީ ކުއްލި ނުތަނަވަސްކަމެއް ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

ފިޔޯރީގައި އެއާޕޯޓެއް އަޅަން ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ނިންމި އެވެ. އަދި އޭގެ ޓެކްނިކަލް ކުރެހުންތައް ނިންމައި ޓޫރިޒަމް މިނިސްޓްރީއަށް ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީއަށް އަންގާފައިވެ އެވެ. ނަމަވެސް އެކަން އެއްވެސް ވަރަކަށް ކުރިޔަށް ގެންގޮސްފައެއްނުވެ އެވެ.

ގދ. އަތޮޅުގައި ޓޫރިޒަމް އިތުރަށް ފުޅާކުރަން ދަތުރުފަތުރުކުރުން ފަސޭހަކުރުމުގެ ގޮތުން ދިގުލާބަދޫގައި އެއާޕޯޓެއް އަޅަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މި އަހަރުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވިދާޅުވި އެވެ. ދިގުލާބަދޫ އަކީ ފަރެސްމާތޮޑާއާ އެއް ފަޅެއްގައި އޮންނަ، ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ރަށެކެވެ. އެއް ފަޅެއްގައި އޮތަސް ދިގުލާބަދޫއާ ކައިރީ ފިޔޯރީ އެވެ.

ދިގުލާބަދޫގައި އެއާޕޯޓް އަޅަން ސާވޭކުރަން ނިންމުމުން ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ އެކި ފަރާތްތަކުން އެކަމާ ދެކޮޅަށް އަޑުއުފުލި އެވެ. އެކަމާ ގުޅިގެން ޒަމީރު ވިދާޅުވެފައި ވަނީ ގދ. އެއާޕޯޓް އަޅާނެ ރަށެއް ކަނޑައަޅާނީ އެ ސާވޭއަށް ފަހު ކަމަށެވެ.

މި ހުރިހާ ސާވޭތަކަށް ފަހު އެއާޕޯޓް އަޅާނީ ފަރެސްމާތޮޑާގައި ކަމަށް ޓޫރިޒަމް މިނިސްޓަރާ ހަވާލާދީ ބައެއް މީޑިއާތަކުން ހަބަރު ފަތުރާފައިވެ އެވެ. ނަމަވެސް އެ ރަށުގައި އެއާޕޯޓް އަޅަން ނިންމީ ކޮން ގޮތަކަށް ބެލުމަށް ފަހު ކަމެއް މިހާތަނަށް އެނގިފައެއްނުވެ އެވެ.

މިކަމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓަރުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިންގާ ރީޖަނަލް އެއާޕޯޓުން ވެސް މި މައްސަލާގައި މި ވަގުތު ވާހަކަދައްކާކަށް ބޭނުމެއްނުވެ އެވެ. އެހެންވެ ފަރެސްމާތޮޑާގައި އެއާޕޯޓް އަޅަން ނިންމާފައިވާ ކަން އަދި ކަށަވަރެއް ނުވެ އެވެ.

ފިޔޯރީ ކައުންސިލްގެ ނޫސްބަޔާނުގައި ބުނެފައި ވަނީ އެ ރަށުގެ ރައްޔިތުންގެ އިތުރުން ރަތަފަންދޫ އާއި ނަޑެއްލާގެ ރައްޔިތުންގެ ނަޒަރުގައި ވެސް އެއާޕޯޓް އަޅަން އެންމެ އެކަށީގެންވަނީ ފިޔޯރީ ކަމަށެވެ. އެހެންވެ ފަރެސްމާތޮޑާގައި އެއާޕޯޓް އަޅަން ނިންމުމުން އެރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

"އެއާޕޯޓް އަޅާނެ ތަން ކަނޑައެޅުމުގައި ސަރުކާރުން ވިސްނާވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރަން،" އެ ނޫސްބަޔާނުގައިވެ އެވެ.