Roadha Mihaaru
ތިލަފުށި 2ގެ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

15 މާޗް 2023

އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ކ. ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ކ. ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެޗްޑީސީން މިއަދު ބުނީ ތިލަފުށީގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. މިވަގުތު ކުރަމުން އަންނަނީ ބިން ހިއްކުމަށް ވަށައިގެން ޖަހަން ޖެހޭ ބަންޑް ވޯލް ހެދުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ތިލަފުށީގެ ފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސިނަމާލެ ބްރިޖުގެ މެއިންޓަނަންސްގެ މަސައްކަތްކުރާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ އެވެ. ސީއެޗްއީސީއާ އެކު އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރު ޑިސެމްބަރު 15 ގަ އެވެ.

ތިލަފުށި ބިން ހިއްކުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އެޗްޑީސީ

ތިލަފުށި ބިން ހިއްކުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އެޗްޑީސީ

އެއީ ސިނަމާލެ ބްރިޖު ހެދި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ ސަބްސިޑަރީ ކުންފުންޏެކެވެ. މާލެ އާއި ހުޅުމާލޭގެ ފެނުގެ ނިޒާމު ބްރިޖު މެދުވެރިކޮށް ގުޅާލުމުގެ މަސައްކަތް ވެސް ހަވާލުކުރީ އެ ކުންފުންޏާ އެވެ.

އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި، ތިލަފުށި ހިއްކުމުގެ މަސައްކަތް ކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެންމެ ފުރަތަމަ ހިއްކަނީ 40 ހެކްޓަރުގެ ބިމެވެ. އެ މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމާލާނެ އެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އެޗްޑީސީ

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އެޗްޑީސީ

ތިލަފުށިން ހިއްކާ 151 ހެކްޓަރުގެ ބިން ހިއްކައި އެއްކޮށް ނިމޭނީ ދެ އަހަރު ދުވަހުގެ ތެރޭގައި ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ވަނީ ތިލަފުށި ތަރައްގީ ކުރާނެ ގޮތުގެ މާސްޓަޕްލޭނެއް ވެސް ހަދައިފަ އެވެ. ތިލަފުށިން ހިއްކާ ބިން ބޭނުންކުރާނީ އެކި ކަހަލަ ސިނާއީ މަސައްކަތްތަކަށެވެ. އޭރުން މާލޭގައި އެ ބާވަތުގެ މަސައްކަތްތައް ކުރުން އެއްކޮށް ހުއްޓާލާނެ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި، ތިލަފުށީ ތަރައްގީގެ ޕްލޭނަކީ މާލޭ ސަރަހައްދުގެ ތަރައްގީގެ ޕްލޭނާއި ތިލަމާލެ ބްރިޖު ޕްރޮޖެކްޓާ ވެސް އެކީ ކުރިއަށް ގެންދާ ބޮޑު މަޝްރޫއެކެވެ.