Roadha Mihaaru
ރެއާލް ބަލިކޮށް ބާސާ އަށް 12 ޕޮއިންޓްގެ ލީޑެއް

ފަހު ވަގުތު ރެއާލް ބަލިކޮށް ބާސާ 12 ޕޮއިންޓްގެ ލީޑެއް ނަގައިފި

20 މާޗް 2023

ބާސެލޯނާ (މާޗު 19) - ފަހަތުން އަރައި 2-1 އިން ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނައިގައި 12 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބާސެލޯނާ (މާޗު 19) - ފަހަތުން އަރައި 2-1 އިން ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނައިގައި 12 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

މެޗުގެ ނުވަ ވަނަ މިނިޓުގައި ވިނީޝިއުސް ހުރަސްކޮށްލި ބޯޅައެއް ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯ ބޮލުގައި ޖެހިފައި ބަލިކޮޅަށް ވަން ގޯލުން ރެއާލަށް މެޗުގެ ލީޑު ލިބުނު ނަމަވެސް، 45 ވަނަ މިނިޓުގައި ބާސެލޯނާ އަށް ނަތީޖާ އެއްވަރު ކޮށްދިނީ ސާޖި ރޮބާޓޯ އެވެ.

ބާސެލޯނާ މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ޖަހައިދިނީ ފްރޭންކް ކެސިއޭ އެވެ. އޭގެ ކުރިން ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައި ވަނިކޮށް ޑެނީ ކާވަހާލް ދިން ބޯޅައަކުން މާކޯ އަސެންސިއޯ ރެއާލަށް ލީޑު ނަގައިދިން ކަމަށް ހީކުރެވުނަސް، ރެފްރީ ވަނީ ވީއޭއާރު ބެލުމަށް ފަހު އަސެންސިއޯ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

މި މަހުގެ ކުރީކޮޅު ސްޕެނިޝް ކަޕް ގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ރެއާލްގެ ދަނޑުގައި މި ދެ ޓީމުގެ ކުރިމަތިލުން ވެސް ކާމިޔާބު ކުރީ ބާސެލޯނާ އެވެ. އެ މެޗުން ބާސެލޯނާ މޮޅުވި ނަމަވެސް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ކަމަށް ކޯޗު ޒަވީ ހެނާންޑޭޒް ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް އެ މެޗާ ހިލާފަށް ރޭ ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުން ރެއާލްގެ ގޯލާ ދިމާއަށް ގިނަ ހަމަލާތަކެއް ފޮނުވާލައިފައި ވެއެވެ.

"މިއީ ހައްގު މޮޅެއް ކަމަށް އަހަރެން ދެކެނީ، އަހަރެމެންގެ ކުލުން ރެއާލް މެޑްރިޑަށް ވުރެ މާ މޮޅު. އެންމެ ގިނަ ފުރުސަތު ވެސް ތަނަވަސް ކުރީ އަހަރެމެން،" ބާސެލޯނާގެ ކޯޗު ޒަވީ ބުންޏެވެ.

މި މޮޅާ އެކު ބާސެލޯނާ ލީގު އެއް ވަނައިގައި އޮތީ 26 މެޗުން 68 ޕޮއިންޓް ހޯދައިގެންނެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް 26 މެޗުން ލިބިފައި ވަނީ 56 ޕޮއިންޓެވެ. ދެ ޓީމަށް ވެސް ލީގުގައި ބާކީ 12 މެޗު އެބަ އޮތެވެ.

ބާސެލޯނާގެ ކޯޗު ޒަވީ އިތުރަށް ބުނީ މެޗު ކާމިޔާބު ކުރެވުނަސް ލީގު ތަށި ޔަގީން ނުވާކަމަށެވެ. ނަމަވެސް މިއީ ލީގު ކާމިޔާބު ކުރަން ހޯދުނު މުހިއްމު މޮޅެއް ކަމަށް އޭނާ ދެކެ އެވެ.

މި ސީޒަން ގައި އެންމެ ފުރަތަމަ މި ދެ ޓީމު ބައްދަލުކުރީ ލީގު މެޗެއްގައި މިދިޔަ އޮކްޓޫބަރު މަހު ރެއާލްގެ ދަނޑުގަ އެވެ. އެ މެޗު ބާސެލޯނާ އަށް ނާކާމިޔާބު ވި ނަމަވެސް، ޖެނުއަރީ މަހު ބާސެލޯނާ ވަނީ ސްޕެނިޝް ސުޕަ ކަޕް ފައިނަލް ގައި ރެއާލް ބަލިކޮށްފަ އެވެ. އަދި ރޭގެ މެޗުގެ ކުރިން ރެއާލްގެ ދަނޑުގައި ސްޕެނިޝް ކަޕް ސެމީ ފައިނަލްގެ ފުރަތަމަ ލެގު ކާމިޔާބު ކޮށްފައި ވާއިރު، އޭޕްރީލް ފަސް ވަނަ ދުވަހުގެ ރޭ ބާސެލޯނާގެ ދަނޑުގައި ދެ ވަނަ ލެގު ކުޅޭނެ އެވެ.