Roadha Mihaaru
ރެއާލް އަތުން ބަލިވުމުން ޒަވީއަށް ގޯސްވީ ރެފްރީ

ރެފްރީންނަށް ފާޑުކިޔުން ޒަވީ އާދައަކަށް ހަދައިފި، ރެއާލް އަތުން ބަލިވުމުން ވެސް ގޯސްވީ ރެފްރީ

22 އެޕްރީލް 2024

މެޑްރިޑް (އޭޕްރީލް 22) – ރެއާލް މެޑްރިޑް އަތުން ބާސެލޯނާ ބަލިވުމުން، އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ރެފްރީންނާއި ވީއޭއާރް ގޯސްކޮށްފި އެވެ.

މެޑްރިޑް (އޭޕްރީލް 22) – ރެއާލް މެޑްރިޑް އަތުން ބާސެލޯނާ ބަލިވުމުން، އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ރެފްރީންނާއި ވީއޭއާރް ގޯސްކޮށްފި އެވެ.

މެޑްރިޑްގެ ސެންތިއާގޯ ބާނެބުއޭގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާގެ ޔަމާލް ފޮނުވާލި ހަމަލާ، ރެއާލްގެ ކީޕަރު އަންޑްރޭ ލުނިން ދިފާއު ކުރި އިރު ބޯޅައިގެ އެއްބައި ވަނީ ގޯލްގެ އެތެރޭގަ އެވެ. އަނެއްބައި އަރަނީ ގޯލް ރޮނގުމައްޗަށެވެ.

ލަލީގާގައި ގޯލްލައިން ޓެކްނޮލޮޖީއެއް ބޭނުމެއް ނުކުރެ އެވެ. ރެފްރީ އަށް ބަލަން އޮތީ ވީއޭއާރް އެވެ. ވީއޭރުން ދެއްކީ މުޅި ބޯޅަ ގޯލްލައިން ހުރަސް ނުކުރާ ކަމަށެވެ.

ބާސެލޯނާއިން ދެ ފަހަރު ލީޑް ނެގުމުން ވެސް ރެއާލުން ނަތީޖާ ހަމަހަމަ ކުރި އެވެ. އަދި ފަހު ވަގުތު ޖޫޑެ ބެލިންހަމް ވައްދާލި ގޯލުން ރެއާލަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރު ވި އެވެ.

މެޗު ފެށިގެން ހަ މިނެޓް ތެރޭގައި އަންޑްރެސް ކްރިސްޓިއަންސެން ބާސާ އަށް ލީޑް ނަގައިދީފައި ވަނިކޮށް، ލިބުނު ޕެނަލްޓީން ވިނީޝިއުސް ޖޫނިއާ ރެއާލް އަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ. އަނެއްކާ މެޗުގެ 69 މިނެޓްގައި ފެމިން ލޯޕޭޒް ބާސާ އަށް ލިޑް ނަގައި ދިނެވެ. މިފަހަރު ނަތީޖާ ހަމަހަމަ ކުރަން ރެއާލް ފަސް މިނެޓު ވެސް ހޭދަ ނުކުރެ އެވެ. މެޗުގެ 73 ވަނަ މިނެޓްގައި ލޫކަސް ވަޒްކުއޭޒްގެ ލަނޑު ޖެހި އެވެ.

މެޗުގެ އޮފިޝަލުންނަށް ފާޑުކިޔައިގެން މި ސީޒަނުގައި ޒާވީ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވެއެވެ. މެޑްރިޑްގައި ފެނުނު ކަންތައްތަކުން ކުރީގެ މިޑްފީލްޑަރު ރުޅިގަދަވި އެވެ.

އޭނާ ބުނީ މެޗުން މޮޅުވުން ހައްގީ ބާސާ އަށް ކަމަށެވެ.

"އެންމެންނަށް ރެފްރީގެ ފެންވަރު ފެންނާނެ އަހަންނަށް ފިޔަވަޅު އަޅަން އެ މީހުންނަށް ކުރެނޭ. ނަމަވެސް (މެޗުގެ) މަންޒަރުތައް އެބަހުރި އެންމެންނަށް ފެންނަ ގޮތަށް އަހަރެމެން ރެއާލް މެޑްރިޑަށް ވުރެ ރަނގަޅު ކުޅުމެއް ދެއްކިން މެޗުން ތިން ޕޮއިންޓް ވެސް ހައްގީ އަހަރެމެންނަށް،" ޒަވީ ބުންޏެވެ.

މޮޅާ އެކު، ރެއާލް ވަނީ ލަލީގާ އެއްވަނައިގައި 11 ޕޮއިންޓްގެ ބޮޑު ލީޑެއް ނަގައިފަ އެވެ.