Roadha Mihaaru
ބެރްނެބުއޭގައި ބާސާއިން ރެއާލް އަތްދަށުލައި ގަންބާލައިފި

ބެރްނެބުއޭގައި ބާސާއިން ރެއާލް އަތްދަށުލައި އަޑިއަށް ގަންބާލައިފި

21 މާޗް 2022

މެޑްރިޑް (މާޗް 21) - ރެއާލް މެޑްރިޑްގެ ހޯމް ސްޓޭޑިއަމް، މަޝްހޫރު ސެންޓިއާގޯ ބެރްނެބުއޭގައި ބާސެލޯނާއިން 4-0 ން މެޗު ކާމިޔާބުކޮށް ރެއާލް ޝޮކެއްގެ ތެރެއަށް ވައްޓައިލައިފި އެވެ.

މެޑްރިޑް (މާޗް 21) - ރެއާލް މެޑްރިޑްގެ ހޯމް ސްޓޭޑިއަމް، މަޝްހޫރު ސެންޓިއާގޯ ބެރްނެބުއޭގައި ބާސެލޯނާއިން 4-0 ން މެޗު ކާމިޔާބުކޮށް ރެއާލް ޝޮކެއްގެ ތެރެއަށް ވައްޓައިލައިފި އެވެ.

އެލް ކްލެސިކޯގެ ނަމުން މަޝްހޫރު ވެފައިވާ މެޗަށް ރެއާލްއިން ނުކުތީ ވިދިވިދިގެން ހަ ވަނަ އެލްކްލެސިކޯ ކާމިޔާބު ކުރުމުގެ އުންމީދުގަ އެވެ. އެކަމަކު ޒަވީ ހެނާންޑޭޒްގެ ކޯޗު ކަމުގެ ދަށުން ފުރަތަމަ އެލް ކްލެސިކޯ އަށް ނުކުތް ބާސާގެ ޓީމުން ވަނީ ރެއާލް އަތް ދަށުލައިފަ އެވެ.

މެޗުގައި ބާސާއިން ޖެހި ހުރިހާ ލަނޑަކީ ވެސް ރެއާލްގެ ކުޅުންތެރިންނަށް އެކަމާމެދު ނުވިސްނައި ތިއްބައި ޖެހި ލަނޑުތަކެކެވެ. ބާސާގެ ފުރަތަމަ ލަނޑު ޕިއޭ އެމެރިކް އޮބާމަޔަން ޖެހީ އުސްމާން ޑެމްބެލޭ ދިން ބޯޅަ ބޮލުން ރެއާލްގެ ގޯލްގެ ތެރެއަށް ވައްދައިލައިގެންނެވެ. ރެއާލްގެ ކީޕަރު ޓީބޯ ކޯޓްއާ އަށް ވެސް ކުރެވުނު ކަމެއް ނެތެވެ.

ކަރީމް ބެންޒެމާ އަށް އަނިޔާވުމުން، ތިންވަނަ ކެޕްޓަންގެ ގޮތުގައި ބޭންޑް އަޅައިގެން މެޗަށް ނުކުތް ނަޗޯ ފެނާންޑޭޒް ހީކޮށްގެން ހުރީ ޑެމްބެލޭ އޭރިއާ ތެރެއަށް ވަންނާނެ ކަމަށެވެ. އެކަމަކު ޑެމްބެލޭ ވަނީ އޭރިއާ ތެރެއަށް ނުވަދެ ގޯލް ކުރިމައްޗަށް ބޯޅަ ނަގައިދީފަ އެވެ. އެބޯޅަ އޮބާމަޔަން ބޮލުން ގޯލްގެ ތެރެއަށް ކޮއްޕާލީ އެވެ.

ބާސާގެ ދެވަނަ ލަނޑު ރޮނަލްޑް އަރައުހޯ ޖެހީ ޑެމެބްލެޭ ނެގި ކޯނަރު ބޮލުން ގޯލްގެ ތެރެއަށް ވައްދައިލައިގެންނެވެ. ބޯޅަ ދިޔައީ ކޯޓްއާގެ އަތް ކައިރިން ލައިފަ އެވެ. އެކަމަކު ވެސް އޭނާ އަށް އެބޯޅަ ދިފާއު ނުކުރެވުނެވެ.

ދެވަނަ ހާފަށް ނުކުތް ގޮތަށް ފެރާން ޓޯރޭޒް ވަނީ ބާސާގެ ތިންވަނަ ލަނޑު ޖަހައިފަ އެވެ. ރޫޅިފައި އޮތް ރެއާލްގެ ޑިފެންސްގެ ތެރެއިން އަރައި ޓޯރޭޒް ލަނޑު ޖެހީ އޮބާމަޔަން ދިން ބޮޅައިންނެވެ. ބާސާގެ ހަތަރުވަނަ ލަނޑުން ރެއާލްގެ ކުޅުންތެރިން އިތުރަށް ހާސްވި އެވެ.

މެޗުގެ 51 ވަނަ މިނެޓްގައި ފެރާން ޓޯރޭޒް ދިން ބޯޅައިން ހުހަށް ހުރި އޮބާމަޔަން ރެއާލްގެ ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލުމުން ލައިސްމަން ދިދަ ނެގީ އޮފްސައިޑް ވެފައިވާ ކަމަށެެވެ. އެހެންވެ ރެފްރީ ވެސް ނިންމީ ރެއާލްގެ ގޯލް ކުރިމަތިން ޖެހުމަށެވެ.

އެކަމަކު ވީއޭއާރްގެ ޓީމުން ދިން އިޝާރާތާއެކު ކުޅުން ނުފަށައި މަޑުކުރަން ރެފްރީ އެންގި އެވެ. ވީއޭއާރުން ދެއްކީ އޮބާމަޔަން އޮފްސައިޑް ނުވާ ކަމަށެވެ. އެހެންވެ އެލަނޑު ބަލައިގަތުމަށް ރެފްރީ ނިންމުމުން ބާސާގެ ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅު ކުރި އެވެ. ރެއާލްގެ ކުޅުންތެރިން އެކަމާ ޝަކުވާ ވެސް ކުރި އެވެ.

ރެއާލްގެ ޓީމުން ފާހަގަ ކުރެވުނު ކަމަކީ ޓީމު ބަލިކަށި ވެފައި އޮތް ވަގުތު ޓީމު އެކުވެރި ކުރުވާނެ ލީޑަރެއް ނެތް ކަމެވެ. ބެންޒެމާ ނެތްތަން ފޫބެއްދުމުގައި ރެއާލް އަށް އެއް ވެސް ހައްލެއް ނުހޯދުނެވެ.