Roadha Mihaaru
ގާސިމް މަރާލިކަން އަދުހަމްގެ މައްޗަށް ސާބިތުވެއްޖެ

ގާސިމް މަރާލިކަން އަދުހަމްގެ މައްޗަށް ސާބިތުވެއްޖެ

19 މާޗް 2023

ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލާގައި ދައުވާލިބޭ އަދުހަމް މުހައްމަދު މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލާގައި ދައުވާލިބޭ އަދުހަމް މުހައްމަދު މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޑިސެމްބަރު، 2019 ގައި ހުޅުމާލޭގައި ގާސިމް ޓެކްސީ ދުއްވަމުން ދަނިކޮށް އޭނާގެ ކަރަށް އަދުހަމް ވަޅިން ހަމަލާދިނީ ކާރުގެ ފަހަތު ސީޓުގައި އިނދެފައި، ގާސިމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގަ އެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއަށް އަދުހަމް ކުރިން އެއްބަސްވުމަށް ފަހު، ފަހުން އޭނާ ބުނެފައިވަނީ ހަމަލާދެވުނީ ގަސްދެއް ނެތި ކަމަށެވެ. އަދި ހަމަލާދެވުނީ މަސްތުވެގެން ހުއްޓާ ކަމަށް ވެސް އަދުހަމް ބުނެފައިވެ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ގާސިމަށް ހަމަލާދިން ސަބަބާ ބެހޭގޮތުން އެކިފަހަރު އެކިގޮތަށް އަދުހަމް ތަހުގީގުގައި ވާހަކަ ދެއްކިޔަސް، ކޮންމެ ފަހަރަކު ވެސް ވަޅި ހެރި ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށެވެ.

އެ ވަޅިން ގާސިމާއި އަދުހަމްގެ ޑީއެންއޭ ފެނިފައިވާތީ ވަޅި ހެރިކަމާ މެދު ޝައްކެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާސިމަށް ހަމަލާދެވުނީ މަސްތުގެ ހާލުގައި ހުރެ އޮޅުމަކުން ކަމަށާއި އަދި މަރާލުމުގެ ގަސްދެއް ނެތް އަދުހަމް ބުނެފައިވާތީ އެކަމާ ބެހޭގޮތުން ގާޒީ ނަދީމް ވިދާޅުވީ މެރުމުގެ ނިޔަތް އޮތްކަން ދެނެގަންނަނީ ބޭނުންކުރި ހަތިޔާރާއި ހަމަލާ އަމާޒު ކުރެވުނު ގުނަވަނަށް ބަލައިގެން ކަމަށެވެ.

މަރާލާފައިވާ ގާސިމް ހަސަން

މަރާލާފައިވާ ގާސިމް ހަސަން

ގާޒީ ވިދާޅުވި ގޮތުގައި ވަޅިއެއް މީހެއްގެ ކަރަށް އަމާޒު ކުރުމަކީ މެރުމުގެ ނިޔަތް އޮތްކަން ދެނެގަނެވޭނެ ކަމެކެވެ. އަދި ހަމަލާއަށްފަހު ގާސިމް އެހީއަށް އެދި ގޮވަމުން ދަނިކޮށް އެހީވުމުގެ ބަދަލުގައި އަދުހަމް ކުށުގެ ވެށިން ފިލާފައިވާތީ އެއީ ވެސް މެރުމުގެ ގަސްދު އޮތްކަން ދަލީލުކޮށްދޭ ކަމެއް ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ނަދީމް ވިދާޅުވި ގޮތުގައި މީހުން ދިރިނޫޅޭ ހިސާބެއްގައި ހިނގި އެ ހާދިސާއަށް ފަހު ގާސިމަށް އެހީތެރިވުމަށް އަދުހަމް މަސައްކަތް ކުރި ނަމަ، އޭނާގެ ކިބައިގައި މެރުމުގެ ގަސްދު ނެތް ކަމަށް ބެލެވުނީސް ކަމަށެވެ.

"ގާސިމް ހަސަން މަރާލުމުގެ ގަސްދު އަދުހަމް މުހައްމަދުގެ ކިބައިގައި އޮތްކަން ސާބިތުވާ ކަމަށް ކަނޑައަޅަން." ގާޒީ ނަދީމް ވިދާޅުވި އެވެ.

ގާޒީ ވިދާޅުވި ގޮތުގައި ހަމަލާދިން ވަގުތު ހުރީ މަސްތުވެގެން ކަމަށް އަދުހަމް ބުނެފައި ވިޔަސް، އަދުހަމް އެވަގުތު ހުރީ އޭނާ ކުރާ އަމަލުގެ ނަތީޖާ ނުވިސްނޭ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ. އަދި މަސައްކަތްކުރީ ފޭރެން ކަމަށްވާތީ އޭނާ ހުރީ ކަންކަން ވިސްނޭ ހާލަތެއްގައިކަން އެނގޭ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާސިމް މަރުވީ އޭނާގެ ކަރަށް ލިބުނު ޒަހަމްތަކުން ކަމަށް މެޑިކޯ ލީގަލް ރިޕޯޓުން އެނގޭއިރު، އެކަމާ މެދު އަދުހަމް ސުވާލު އުފައްދާފައި ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ދިރިހުރުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވާ ކަން ފާހަގަ ކުރައްވައި، ގާޒީ ވިދާޅުވީ ގާސިމްގެ ލޭ ހުއްދަ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އަދުހަމް މިއަދުގެ އަޑުއެހުމުގައި އޭނާގެ ވަކީލާއެކު ބައިވެރިވަނީ

އަދުހަމް މިއަދުގެ އަޑުއެހުމުގައި އޭނާގެ ވަކީލާއެކު ބައިވެރިވަނީ

މީހެއްގެ ކިބައިން ދިރިހުރުމުގެ ހައްގު އަތުލެވޭނީ ކޯޓަކުން ކުރާ ހުކުމަކުން ކަމަށާއި ގާސިމްގެ މައްޗަށް އެފަދަ ހުކުމެއް ނެތުމުން އޭނާ މަރާލީ އެއްވެސް ހައްގަކާނުލައި ކަމަށް ގާޒީ ނަދީމް ވިދާޅުވި އެވެ. އަދި އެ އަމަލު ހިންގީ އަދުހަމްގެ ފުރިހަމަ އިހްތިޔާރުގައި ކަމަށް ގާޒީ ވިދާޅުވި އެވެ.

ކުށަށް އިއުތިރާފްވީ މަސްތުގެ ހާލުގައި ހުއްޓާ މަޖުބޫރުކޮށްގެން ކަމަށް އަދުހަމް ކުރިން ބުނެފައިވެ އެވެ. އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ ތަހުގީގުގައި ކުށަށް އެއްބަސްވުމަށްފަހު އަދި ދައުލަތާ އެކު އަދަބު ލުއިކުރަން އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި އަދި ފަހުން ކޯޓުގައި އެކިފަހަރު ކުށަށް އެއްބަސްވެފައިވާތީ އޭނާ ބުނާ ބުނުން ގަބޫލު ނުކުރެވޭ ކަމަށެވެ.

ހުކުމް އިއްވަމުން ދިޔައިރު، ކަރެކްޝަންސްގެ ޖަލު ހެދުމުގައި ކޯޓަށް ހާޒިރުކޮށްފައި އިން އަދުހަމްގެ މޫނުމަތިން އެއްވެސް ހާސްކަމެއް ނުފެނެ އެވެ.

އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމިޔަސް، އޭނާއަށް އަދަބު ކަނޑައަޅާނީ ގާސިމްގެ ވާރިސުންގެ ބަސް ހޯދުމަށްފަހު އެވެ. ދެން އޮންނާނީ އެ މަރުހަލާ ކުރިއަށް ގެންދިއުމެވެ. ދައުލަތުން ބުނިގޮތުގައި ވާރިސުންގެ ގޮތުގައި ފަސް މީހަކު އެބަތިއްބެވެ.