Roadha Mihaaru
ޝެފަކު މަރާލި މައްސަލަ އޮކްޓޫބަރު މަހު ނިންމޭތޯ ބަލަނީ

ރިސޯޓެއްގައި ޝެފަކު މަރާލި މައްސަލަ އޮކްޓޫބަރު މަހު ނިންމޭތޯ ބަލަނީ

06 ޖޫން 2024

މީގެ ފަސް އަހަރު ކުރިން ރިސޯޓެއްގައި ސްރީލަންކާގެ ޝެފަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުވާލިބޭ ސްރީލަންކާގެ މީހާގެ މައްސަލަ އަންނަ އޮކްޓޫބަރު މަހު ނިންމޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ކްރިމިނަލް ކޯޓުން އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ ފަސް އަހަރު ކުރިން ރިސޯޓެއްގައި ސްރީލަންކާގެ ޝެފަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުވާލިބޭ ސްރީލަންކާގެ މީހާގެ މައްސަލަ އަންނަ އޮކްޓޫބަރު މަހު ނިންމޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ކްރިމިނަލް ކޯޓުން އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެ އެވެ.

އެއްލައިދޫ ރިސޯޓްގައި 2019 ވަނަ އަހަރު ސްރީލަންކާގެ ބިދޭސީ ޝެފަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ.

އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ދާއިރު، ޖަޔަލަތު ހުރީ ބަންދުގަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހްސާން ވިދާޅުވީ ކޯޓުގެ ވަސީލަތްތައް ހުރިގޮތުން އެ މައްސަލަ ބާރު ސްޕީޑްގައި ކުރިއަށް ނުދާކަން ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް އަންނަ އޮކްޓޫބަރު މަހު މައްސަލަ ނިންމޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލާގައި ހެކިންގެ ގޮތުގައި ހުށަހެޅި ލަންކާގެ ހަތް މީހުންގެ ތެރެއިން ހަ މީހަކު ރާއްޖެއިން ބޭރުގައި ތިބުމުން އެ މީހުންގެ ހެކިބަސް ނެގުމާ މެދު ގޮތެއް ނިންމަން ގާޒީ އެންގެވި އެވެ. އަދި އެ މީހުންގެ ހެކިބަސް ކޮންމެހެން މުހިންމު ތޯ ދައުލަތުން ބެލުމަށްފަހު ގޮތެއް ނިންމިދާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލާގައި މިއަދު ވަނީ އެ މީހާ މަރާލި ސަރަހައްދުގައި އުޅުނު ފުލުހެއްގެ ހެކިބަސް ނަގައިފަ އެވެ.