Roadha Mihaaru

ރާއްޖެއާ އެއްވަރަށް ހާމަކަން ބޮޑުކޮށް އިންތިހާބު ބާއްވާ އެހެން ގައުމެއް ނޯންނާނެ: ހަބީބު

ރާއްޖެއާ އެއްވަރަށް ހާމަކަން ބޮޑުކޮށް އިންތިހާބު ބާއްވާ އެހެން ގައުމެއް ނޯންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވެއްޖެ އެވެ.

މިހާ ހާމަކަން ބޮޑުކޮށް އިންތިހާބު ބާއްވާ ގައުމެއް ނެތް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

19 މާޗް 2023

ރާއްޖެއާ އެއްވަރަށް ހާމަކަން ބޮޑުކޮށް އިންތިހާބު ބާއްވާ އެހެން ގައުމެއް ނޯންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ސެޕްޓެމްބަރު 9 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން އުފައްދާފައިވާ ގައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ސިޔާސީ ޕާޓީތަކާއި ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.

އިންތިހާބުގެ އޮބްޒާވަރުންނާއި މޮނިޓަރުން ރަޖިސްޓަރީ ކުރުމާ ބެހޭގޮތުން، ބައްދަލުވުމުގައި ބައިވެރިވި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ފާހަގަކުރި ކަންތައްތަކާ ބެހޭގޮތުން ހަބީބު ވިދާޅުވީ، އޮބްޒާވް ކުރުމުގެ ފުރުސަތު ދޭނީ ސިޔާސީ ޕާޓީތަކަށާއި މަދަނީ ޖަމިއްޔާތަކާއި އަމިއްލަ ފަރުދުން އަދި ބޭރުގެ ފަރާތްތަކަށް އެކަނި ކަމަށެވެ.

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އީސީގެ އިސްވެރިން: އެ ކޮމިޝަނުގެ ނައިބު ރައީސް ވިދާޅުވީ އެންމެ ހާމަކަން ބޮޑުކޮށް އިންތިހާބު ބާއްވާ ގައުމަކީ ރާއްޖެ ކަމަށް --- ފޮޓޯ: އީސީ

"އިންތިހާބެއް އޮބްޒާވް ކުރުމަށްޓަކައި މި އަށް ވުރެ ބޮޑަށް ފުރުސަތު އޮތް ގައުމެއް ނޯންނާނެ އިނގޭތޯ،" މެންހަޓަން ބިޒްނަސް ސްކޫލްގެ ސެމިނާ ރޫމްގައި މިއަދު ބޭއްވި ބައްދަލުވުމުގައި ހަބީބު ވިދާޅުވި އެވެ.

"ވަރަށް ގިނަ ގައުމުތަކުގައި އޮންނަ އިންތިހާބު އަޅުގަނޑުމެން ވެސް ބަލައި އޮބްޒާވް ކުރަމުން މިދަނީ. އެހެންވީމާ މި އަށް ވުރެ ހާމަކަން ބޮޑުކޮށް އިލެކްޝަން ބާއްވާ ގައުމެއް ވެސް ނޯންނާނެ. [އިންތިހާބު އޮބްޒާވް ކުރަން] މި އަށް ވުރެ ބޮޑަށް ފުރުސަތު ވެސް އޮތް ގައުމެއް ނޯންނާނެ."

އިންތިހާބު މޮނިޓަ ކުރުމުގެ ފުރުސަތު ދޭނީ ރަޖިސްޓަރީ ކޮށްފައިވާ މީޑިއާތަކުގެ ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނާއި ކެމެރާމަނުންނަށް އެކަނި ކަމަށް އިންތިހާބާ ބެހޭ ގާނޫނަށް އިލެކްޝަން ކޮމިޝަނުން ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކުރި އެވެ.

ހަބީބު ވިދާޅުވިގޮތުގައި، މޮނިޓަރުންގެ ގޮތުގައި މަސައްކަތް ކުރަން ފުރުސަތު ދޭނީ ނޫސްވެރިން އެކްރެޑިޓް ކުރުމަށް ފަހު އެވެ. އެގޮތަށް ހަދަން ނިންމި ސަބަބެއް ކަމަށް އޭނާ ވިދާޅުވީ މޮނިޓަރުންގެ ގޮތުގައި ބައެއް މީޑިއާތަކުން ތަމްސީލު ކުރަން ފޮނުވަނީ ސިޔާސީ މީހުންނަށް ވެ، ވޯޓްލާ މަރުކަޒުގައި ގަވާއިދާ ހިލާފަށް އަމަލު ކޮށްފައި ވުމެވެ.

ރިޔާސީ އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމިޓީގައި، މީޑިއާތަކުގެ ދެ މުއައްސަސާ ތަމްސީލު ކުރެއްވި ދެ ބޭފުޅުން: މޮނިޓަރުންގެ ގޮތުގައި މަސައްކަތް ކުރާ ނޫސްވެރިން އެކްރެޑިޓް ކުރާ ވާހަކައާ ގުޅިގެން އެ ދެބޭފުޅުން ކަންބޮޑުވުން ފާޅުކުރެއްވި --- ފޮޓޯ: އީސީ

"އަޅުގަނޑުމެންގެ ވޯޓްލާ މަރުކަޒުގެ ވެރިޔާއާ މާރާމާރީ ހިންގުމާއި ގަވާއިދާ ހިލާފު ބައެއް ކަންކަން ވޯޓްލާ މަރުކަޒުގެ ތެރޭގައި [ހިންގާފައި އެބަހުރި]. މިސާލަކަށް [ވޯޓްލާ މަރުކަޒުގައި] ކެމްޕޭން ކުރުން ކަހަލަ ކަންކަން އެބަހުރި ހިނގާފައި،" ބައެއް މީޑިއާތަކުން ފޮނުވާ މޮނިޓަރުން ކުރާ ކަންކަން ކަމަށް ފާހަގަ ކުރައްވަމުން ހަބީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަން އެހެން ދިމާވެފައި ވަނީ މޮނިޓަރުންގެ ދައުރު ކޮމިޝަނަށް ކިޔައި ދީފައި ނެތުމުން ކަމަށް ގަބޫލު ކުރެވޭތީ، މޮނިޓަރުންގެ ގޮތުގައި ރަޖިސްޓަރީ ކުރާ މީޑިއާތަކުގެ މީހުން ތަމްރީނު ޕްރޮގްރާމެއް ހިންގަން ގަސްދު ކޮށްފައިވާ ކަމަށެވެ.

ހަބީބުގެ ވާހަކަތަކާ ގުޅިގެން، ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރު އަލީ ޔޫސުފް ވިދާޅުވީ ނޫސްވެރިން އެކްރެޑިޓް ކުރާނެ މުއައްސަސާއަކީ ކޮބައިކަން ރާއްޖޭގައި ސާފު ނުވާ ކަމަށެވެ.