Roadha Mihaaru
ނަޝީދުގެ ތާރީހު ފޮތް "ކިއްލާ މާލެ" ނެރެފި

ނަޝީދުގެ ތާރީހު ފޮތް "ކިއްލާ މާލެ" ނެރެފި

21 މާޗް 2023

ރާއްޖޭގެ ވެރިރަށް މާލޭގެ ތާރީހުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ލިޔުންތެރިޔާ މުހައްމަދު ނަޝީދު ލިޔުއްވި ފޮތް "ކިއްލާ މާލެ" ރޭ ނެރެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރާއްޖޭގެ ވެރިރަށް މާލޭގެ ތާރީހުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ލިޔުންތެރިޔާ މުހައްމަދު ނަޝީދު ލިޔުއްވި ފޮތް "ކިއްލާ މާލެ" ރޭ ނެރެފި އެވެ.

ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ރޭ ފޮތް އިފްތިތާހުކުރުމަށް ބޭއްވި ހަފުލާގައި، ނަޝީދު ވަނީ، ފޮތާ ބެހޭގޮތުން ތަފްސީލީ ޕްރެޒެންޓޭޝަނެއް ދެއްވައިފަ އެެވެ.

ނަޝީދުގެ ހިއްސާ އޮންނަ އޯޝަން ޕަބްލިޝާސް އިން ޝާއިއުކުރި މި ފޮތަކީ މީލާދީން 1700 އާއި 1900 އާ ދެމެދުގެ ދުވަސްތަކާ ގުޅޭ ތާރީހީ ދިރާސާއެކެވެ. އެކަމަކު މިއީ އެމަނިކުފާނު ކުރިން ލިޔުއްވި ފަދަ، ވެރިންނާއި ވެރިކަމާ ގުޅޭ ދިރާސާއެއް ނޫން ކަމަށާއި މިއީ އެދުވަސްވަރު މާލޭގައި ދިރިއުޅުނު މީހުންނާ ގުޅޭ ދިރާސާއެއް ކަމަށް އިސްބަހުގައި ނަޝީދު ލިޔުއްވާފައިވެ އެވެ.

"އެމީހުން ގެ އާއިލާތަކުގެ މައުލޫމާތެވެ. އެއާއިލާތައް ފެށިގެން އައިމަގު ކިޔާދީފައި ވަނީ އެކަން ހިނގި އިރުގެ ފަތް ކޮޅުތަކުންނެވެ. ދޮގުކުރެވެން ނެތް މިން ވަރުގެ ހެއްކާ އެކު އެވެ. މީ މާލޭގެ ހުރިހާ އެން މެންގެ ވާހަކަ އެވެ،" ނަޝީދު ލިޔުއްވާފައިވެ އެވެ.

ނަޝީދުއާ ހަވާލާދެއްވައި އޯޝަން ޕަބްލިޝާސް އިން ބުނި ގޮތުގައި މި ފޮތަށް ނަޝީދު މައުލޫމާތު އެއްކުރެއްވީ 2008 ވަނަ އަހަރު އެމަނިކުފާނު ރާއްޖޭގެ ރައީސްކަމާ ހަވާލުވެވަޑައިގެން، ރަންޖެހި ކޮށިން، ރައީސް އޮފީހަށް ގެނައި ދުވަސްވީ ލިޔުންތައް ހުރި ފޮށިގަނޑަކުން ކަމަށެވެ.

މިއީ ދިވެހި ތާރީހު ވަރަށް ކުރީއްސުރެ ދިރާސާކުރައްވަމުން ނަޝީދު ލިޔުއްވި ދިވެހި ތާރީހާ ގުޅޭ ހަތަރު ވަނަ ފޮތެވެ. އަނެއް ތިން ފޮތަކީ 1996 ގައި ނެރުނު "ދަގަނޑު ދަހަނާ" އާއި 2018 ގައި ނެރުއްވި "އެއްބަސްވެވޭ އިންގިލާބު" އަދި 2020 ވަނަ އަހަރު ނެރުއްވި "ދެރަދުން" އެވެ.

އަދި އެމަނިކުފާނު ވަނީ "ހިތާއި ހިތުގެ ގުޅުން" ނަމުގައި ލޯބީގެ ނާވިލެއް ވެސް ލިއުއްވައިފަ އެވެ. އޭގެ އިތުރުން 1953 ވަނަ އަހަރު މުހައްމަދު އަމީނުގެ ވެރިކަން އިންގިލާބުކޮށްލި ހާދިސާ އަށް "ވެރިއެއްގެ ނިމުން" ނަމުގައި ދިރާސާއެއް ކުރައްވައި ޝާއިއުކުރެއްވި އެވެ.

ނަޝީދު ވިދާޅުވީ ދިވެހި ވެރިކަން އުފެދިގެން އަންނަ ގޮތާއި އަދި ވެރިކަމުގެ ތެރޭގައި ހިގާ އެކިހާދިސާތަކުގެ ވާހަކަތައެް ބިނާކޮށް ލިޔުއްވި "ދަގަނޑު ދަހަނާ" އާއި "ދެރަދުން" އާހިލާފަށް "ކިއްލާ މާލެ" އަކީ އެހެން ބާވަތެއްގެ ތާރީހީ ނަޒަރިއްޔާތެއް ބަޔާން ކުރާ ފޮތެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ފޮތް އެކުލަވާލަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ އާންމުކޮށް ލިޔެވެމުން ދަނީ ވެރިންގެ ތާރީހު ކަމަށް ވާތީ އެ ނޫން ގޮތަކަށް ރާއްޖޭގެ ޒަމާންތައް ރައްޔިތުންނަށް ދެއްކުން ކަމަށެވެ.

މި ފޮތް މައިގަނޑު ގޮތަކަށް ބަހާފައިވަނީ މާލޭގެ ހަތަރު އަވަށުގެ ތާރީހަށެވެ. އެކަމަކު ނަޝީދު ވިދާޅުވީ ވޭތުވެދިޔަ 500 އަހަރުގައި، މާލޭގައި އުޅުނު މީހުނާއި އެ އެންމެންގެ ގޯތިގޯއްޗާއި އާއިލާތައް ބަޔާންކުރުމަކީ އެންމެ ފޮތަކުން ވާނެ ކަމެއް ނޫން ކަމަށާއި މިއީ އެންމެ މީހެއްގެ މަސައްކަތުން ނިންމޭނެ ކަމެއް ވެސް ނޫން ކަމަށެވެ. އެހެންވެ މި ފޮތަކީ، އެފަދަ އިތުރު މަސައްކަތްތަކެއް ބަޔަކު ކުރުމަށް، ތާރީހީ މަސައްކަތުގެ ދަނޑުގައި، ދަނޑުބުޅި އަޅައި، ގޮވާން އިންދަން ތައްޔާރުކުރި ކުރުމެއް ކަމަށާއި އެކަމާ އުފާކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ހާޑްކަވަރު 300ރ، އަށް އަދި ޕޭޕާބެކް 200ރ. އަށް ވިއްކާ މި ފޮތުގައި، މަޝްހޫރު ކުރެހުންތެރިޔާ ޝިމްހާ ޝަކީބުގެ އިލަސްޓްރޭޝަންތައް ހިމެނެ އެވެ. އެ ކުރެހުންތައް ހިމަނައިގެން ނަޝީދު މިދިޔަ އަހަރު މާލޭގެ ތާރީހާ ގުޅޭ އެގްޒިބިޝަނެއް ބޭއްވި އެވެ.

ނަޝީދަކީ ސިޔާސީ ދަނޑަށް ނުކުމެވަޑައިގަތުމުގެ ކުރިން ލިޔުންތެރިއެކެވެ. އަދި ނޫސްވެރިއެއް ވެސް މެ އެވެ. ރައީސް މައުމޫނުގެ ސަރުކާރަށް ފާޑުކިޔައި "ސަންގު" ނޫހަށް ލިޔުއްވި އެވެ. އޭރު ލިޔުއްވި ލިޔުއްވުމަކާ ގުޅިގެން ސިޔާސީ ކުށްވެރިއަކަށްވެ ޖަލަށް ލި އެވެ. ތާރީހީ ފޮތްތައް ލިޔުއްވުމުގެ އިތުރުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ނޫސްތަކަށް ދޭތެރެދޭތެރެއިން އެމަނިކުފާނު ކޮލަމް ލިޔުއްވަ އެވެ.