Roadha Mihaaru
ރައީސް ނަޝީދުގެ "ދެ ރަދުން" ތަހުތަށް!

ރައީސް ނަޝީދުގެ "ދެ ރަދުން" ތަހުތަށް!

19 އޯގަސްޓް 2020

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ދިވެހި ތާރީހު ފޮތް "ދެ ރަދުން" މިއަދު ބާޒާރަށް ނެރެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ދިވެހި ތާރީހު ފޮތް "ދެ ރަދުން" މިއަދު ބާޒާރަށް ނެރެފި އެވެ.

ދެ ރަދުންނާއި އިބްރާހީމާއި ތިން ހަސަނާއި މުހައްމަދުގެ ވާހަކައިގެ ގޮތުގައި ސަބްޓައިޓްލްކޮށްފައިވާ މި ފޮތް ނެރުމަށް، ކޮވިޑުގެ ހާލަތުގެ ސަބަބުން ރަސްމީ ހަރަކާތެއް ބޭއްވޭ ގޮތެއް ނުވި އެވެ. އެކަމަކު މާލޭގެ ފަސް ބުކްޝޮޕަކަށް ވަޑައިގެން ނަޝީދު ވަނީ ފޮތް ގަންނަ މީހުންގެ ފޮތްތަކުގައި އެމަނިކުފާނު ސޮއިކުރައްވައިފަ އެވެ. އަދި މިރޭ 9 ޖަހާއިރު ސިޓްރޮން ރެސްޓޯރަންޓުން ވެސް ނަޝީދުގެ ސޮޔާ އެކު ފޮތް ގަންނަން ލިބޭނެ އެވެ.

ފޮތަށް ފުރަތަމަ ދުވަހު ވަރަށް ތަރުހީބު ބޮޑެވެ. އަދި ސޯޝަލް މީޑިއާގައި ވެސް ވަނީ ވަރަށް ބޮޑަށް ވައިގައި ހިފައިފަ އެވެ. ފޮތް ޕްރޮމޯޓްކުރުމަށް އޮންލައިންކޮށް އިތުރު ތަފާތު ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދެ އެވެ. އޭގެ ތެރޭގައި ބަހުސްތަކާއި މިއުޒިކް އިވެންޓްތައް ހިމެނެ އެވެ.

މިއީ ދިވެހި ތާރީހު ވަރަށް ކުރީއްސުރެ ދިރާސާކުރައްވަމުން ނަޝީދު ލިޔުއްވި ދިވެހި ތާރީހާ ގުޅޭ ތިން ވަނަ ފޮތެވެ. އަނެއް ދެ ފޮތަކީ 1996 ގައި ނެރުނު "ދަގަނޑު ދަހަނާ" އާއި 2018 ގައި ނެރުއްވި "އެއްބަސްވެވޭ އިންގިލާބު" އެވެ. އަދި އެމަނިކުފާނު ވަނީ "ހިތާއި ހިތުގެ ގުޅުން" ނަމުގައި ލޯބީގެ ނާވިލެއް ވެސް ލިއުއްވައިފަ އެވެ. އޭގެ އިތުރުން 1953 ވަނަ އަހަރު މުހައްމަދު އަމީނުގެ ވެރިކަން އިންގިލާބުކޮށްލި ހާދިސާ އަށް "ވެރިއެއްގެ ނިމުން" ނަމުގައި ދިރާސާއެއް ކުރައްވައި ޝާއިއުކުރެއްވި އެވެ.

ނަޝީދަކީ ސިޔާސީ ދަނޑަށް ނުކުމެވަޑައިގަތުމުގެ ކުރިން ލިޔުންތެރިއެކެވެ. ރައީސް މައުމޫނުގެ ސަރުކާރަށް ފާޑުކިޔައި "ސަންގު" ނޫހަށް ލިޔުއްވި އެވެ. އޭރު ލިޔުއްވި ލިޔުއްވުމަކާ ގުޅިގެން ސިޔާސީ ކުށްވެރިއަކަށްވެ ޖަލަށް ލި އެވެ.

"ދެ ރަދުން" ފޮތުގެ އިސްބަހުގައި ނަޝީދު ލިޔުއްވާފައިވާ ގޮތުގައި މި ފޮތުގެ ފެށުމަކީ ވެސް ހުރަގެ އެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ކުށް ސާބިތުވެ، ރައީސް ޔާމީނުގެ ވެރިކަމުގައި 2015 ވަނަ އަހަރު ޖަލަށް ލުމުންނެވެ.

"ދޫނިދޫ އަށް ގެންދިއުމާ އެކު އަޅުގަނޑު ޖަލު މީހަކަށް ބަދަލު ވެއްޖައީމެވެ. އެހެންވީމާ ކުރާ ކަމެއް އޮވެ އެވެ. އެއީ ފޮތެއް ހިތަށް އެރުވުމެވެ. މިއީ އެ ފޮތެވެ،" 235 ސަފުހާގެ ފޮތުގެ އިސް ބަހުގައި ލިޔުއްވި އެވެ.

"ފޮތް ހިތަށް އަރުވަނީ ފުރަތަމަ މުޅި ފޮތެވެ. ދެން ޗެޕްޓަރުތަކެވެ. އެއަށް ފަހު ސެކްޝަންތަކެވެ. އެއަށް ފަހު ޕެރެގްރާފްތަކެވެ. ޖުމްލަތަކެވެ. ބަސްތަކެވެ. މިއީ ދޫނިދޫގައި އޮވެ ހިތަށް އެރުވި ފޮތްކަމުގައި ސީދާ ދަންނަވަން ދައްޗެވެ."

އެމަނިކުފާ ލިޔުއްވި ގޮތުގައި ފަހުން މާފުއްޓަށް ގެންދިޔަ އިރުގައި ފޮތުގެ ބައެއް ކަންކަން ވަނީ ސިފަކުރެއްވިފައި ކަމަށާއި މާފުށީގައި ފިސާރި ގަދަޔަށް ލިޔުއްވި ކަމަށެވެ. އެކަމަކު ބޮޑު ބައި ލިޔުއްވީ ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ފޮނުއްވުމުން، "ލަންޑަނުގެ މޭޑަވޭލުގެ ކަންނެތް މަގެއްގައި ހުރި ތިން ކޮޓަރި ފުލެޓެއްގައި ހުރެ" ކަމަށް ބަޔާންކުރެއްވި އެވެ.

މި ފޮތް ތަހުސީސް ކުރެއްވީ އަނބިކަނބަލުން ލައިލާ އަލީ އާއި ދެ ދަރިކަނބަލުން ކަމަށްވާ މީރާ ލައިލާ ނަޝީދު އާއި ޒާޔާ ލައިލާ ނަޝީދަށެވެ. ނަޝީދު ލިޔުއްވި ގޮތުގައި ޖަލުގެ ދުވަސްތަކަށް ފަހު ލަންޑަނުގައި ތިން މައިންނާ އެކުގައި ހޭދަކުރައްވަން ލިބިވަޑައިގަތުމުން ހުންނެވީ ވަރަށް އުފާފުޅުންނެވެ.

އެކަމަކު ނަޝީދަށް ލަންޑަނުގައި ވެސް ފޮތް އެއްކޮށް ނުނިންމެވުނެވެ. އަދި ފަހުން ސްރީ ލަންކާގެ ކޮލަމްބޯގައި ވެސް ފޮތުގެ މަސައްކަތް ކުރެއްވުނީ މަދުން ކަމަށް ލިއުއްވި އެވެ. ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާ އެކު 2018 ގައި މާލެ ވަޑައިގެންނެވި އިރު ފޮތް ވީ ތަން ވެސް އެނގިވަޑައިނުގަންނަވާ ހިސާބަށް ދިޔަ ކަމަށް ވިދާޅުވި އެވެ. އެކަމަކު ކޮވިޑުގެ ސަބަބުން ގޭބަންދުވި ދެ މަސް ދުވަހު ހުހަށް ހުންނަވައި، ކޮންމެ ދުވަހަކު ވެސް ގަދަކަމުން ލިޔުއްވީ ކަމަށް ނަޝީދު ބަޔާންކުރެއްވި އެވެ.

"މާތްރަސްކަލާނގެ ކަންކަމަށް އިރާދަކުރައްވަނީ ހަމަ ކަށަވަރުން ވެސް އެކި ގޮތްގޮތަށެވެ،" އެމަނިކުފާނު ލިއުއްވި އެވެ.

އެކަމަކު މިއީ ނަޝީދުގެ ސިޔާސީ ޑައިރީއެއް ނޫނެވެ. މިއީ، ދިވެހި ތާރީހު ދިރާސާކުރައްވާ ނާޖިހު ދީދީ ލިޔުއްވި ގޮތުގައި، "ދިވެހިރާއްޖޭގެ މާޒީވެދިޔަ ތާރީހުގެ ތެރެއިން ހާއްސަ ދުވަސްވަރެއްގައި އުޅުއްވި ދެ ރަސްކަލަކަށް ރަސްކަމަށް ވަޑައިގެންނެވުނު ގޮތުގެ ވަށައިގެން އެނބުރުނު ބަޔަކާއި ތަނަކާއި ކަމުގެ މައްޗަށް ވަރަށް ތަފްސީލީ ނަޒަރަކުން ބައްލަވައި ލިޔުއްވާފައިވާ ފޮތެކެ"ވެ.

"ފޮތުގައި ވަނީ ޝާހީ ކައިވެނިފުޅުތަކާއި ސިޔާސީ ކައިވެނިތަކުގެ ވާހަކަ އެވެ. އަތިރީގެ އާއި ކަކާގޭ ދެކޮޅުވެރިކަމުގެ ވާހަކަ އެވެ. ދިވެހިރާއްޖޭގެ އިގްތިސާދާއި ވޯރާއިންގެ ވާހަކަ އެވެ. ސިޔާސީ ކޯޅުންތަކާއި ބޮޑު ހުޅުގެ ވާހަކަ އެވެ. މަލިކާއި ކަންނަންނޫރު އަލީރާޖާގެ ވާހަކަ އެވެ. ދިވެހިންގެ ކަނޑު ދަތުރުފަތުރުކުރުމާއި ބޭރު ގައުމުތަކާ އޮތް ގުޅުންތަކުގެ ވާހަކަ އެވެ. ސިލޯނާއި އިނގިރޭސީންގެ ވާހަކަ އެވެ. މިނިވަންކަމާއި ހިމާޔަތުގެ ވާހަކަ އެވެ. އަދިވެސް އެތައް ވާހަކައެކެވެ،" ނާޖިހު ލިޔުއްވި އެވެ.

ނަޝީދުގެ "ދެ ރަދުން" ފޮތެއްގައި މިއަދު ސޮއިކުރައްވަނީ. –ފޮޓޯ: ނިޝާން އަލީ/ މިހާރު

ނަޝީދުގެ "ދެ ރަދުން" ފޮތެއްގައި މިއަދު ސޮއިކުރައްވަނީ. –ފޮޓޯ: ނިޝާން އަލީ/ މިހާރު

ޝައުގުން ފުރިގެންވާ ވާހަކަތަކެވެ. އަދި ރާއްޖޭގެ މި ޒަމާނުގެ ސިޔާސީ ތާރީހުގެ މޫތައް ފައިބާފައިވާ ދުވަސްވަރުގެ ވާހަކަތަކެވެ. އެހެންވެ މި ޒަމާނުގެ ތާރީހަށް ޝައުގުވެރިވާ މީހުންނަށް މި ފޮތް ވެގެންދާނީ، އެވޭލާ ތާރީހުގެ މުތަކަށެވެ.

"ދިވެހި ތާރީޚަށް ޝައުގު ހުންނަ ކޮންމެ މީހަކު މި ފޮތް ކިޔުން މުހިއްމު ކަމަށް އަޅުގަނޑު ދެކެން،" ނާޖިހު ވިދާޅުވި އެވެ.

މި ފޮތުގެ މަސައްކަތުގައި ނަޝީދަށް އެހީތެރިވެދެއްވި ކޮއްކޯފުޅު ނާޒިމް ސައްތާރު ވިދާޅުވި ގޮތުގައި ފޮތް ޗާޕުކުރެއްވީ ނަޝީދު އަމިއްލަފުޅަށެވެ.

"ފޮތް ވިއްކައިގެން ލިބޭ އާމްދަނީން އިތުރު ފޮތެއް ޝާއިއުކުރާނެ ކަމަށް ނަޝީދު ވިދާޅުވީ،" ފޮތް އެޑިޓް ވެސް ކުރެއްވި ނާޒިމް ވިދާޅުވި އެވެ.

ހާޑްކަވަރު އަދި ޕޭޕާ ބެކް ވާޝަނަށް ވެސް، އެމްސެވަން އިން ޕްރިންޓްކޮށްފައިވާ ފޮތުގައި ލިބެން އެބަ ހުއްޓެވެ. ހާޑްކަވަރު ފޮތެއް ވިއްކަނީ 300ރ. އަށެެވެ. ޕޭޕާ ބެކް ފޮތެއްގެ އަގަކީ 200ރ. އެވެ.