Roadha Mihaaru
ޒާހިރުގެ "އައްޑޫ ރަދުން" ނެރެފި

ޒާހިރުގެ "އައްޑޫ ރަދުން" ނެރެފި

21 ޖޫން 2018

އިނގިރޭސީން އިސްވެ ތިބެ 1959 ވަނަ އަހަރު އުފެއްދި ދެކުނު ދައުލަތުގެ ވެރިޔާ، އަބްދުﷲ އަފީފްގެ އިންޓަވިއުއަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޒާހިރު (ސީނާ ޒާހިރު) ލިޔުއްވި، ފޮތް "އައްޑޫ ރަދުން" މިރޭ ނެރެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިނގިރޭސީން އިސްވެ ތިބެ 1959 ވަނަ އަހަރު އުފެއްދި ދެކުނު ދައުލަތުގެ ވެރިޔާ، އަބްދުﷲ އަފީފްގެ އިންޓަވިއުއަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޒާހިރު (ސީނާ ޒާހިރު) ލިޔުއްވި، ފޮތް "އައްޑޫ ރަދުން" މިރޭ ނެރެފި އެވެ.

އަފީފް ހިމާޔަތް ހޯދައިގެން އުޅުއްވި ޝީޝެލްސްއަށް މީގެ 38 އަހަރު ކުރިން ކުރެއްވި ދަތުރެއްގައި ޒާހިރު ނެންގެވި އިންޓަވިއުގެ މައްޗަށް ލިޔުއްވާފައިވާ ފޮތް، އާޓު ގެލަރީގައި މިރޭ ބޭއްވި ހަފުލާގައި ނެރެދެއްވީ ޒާހިރުގެ ކާފަ ދެ ދަރިކަނބަލުންނެވެ. ޒާހިރު ވިދާޅުވި ގޮތުގައި އެގޮތަށް ނިންމެވީ އެ ހާދިސާއާ ގުޅުމެއްނެތް ބަޔަކު ލައްވައި ފޮތް ނެރުމަށެވެ.

މިއީ ޒާހިރު 1980 ގެ އަހަރުތަކުގައި ނެރުއްވި ނޫސް "ހަފްތާ" ގައި އައްޑޫ ރަދުންގެ ނަމުގައި ޝާއިއުކުރި ރިޕޯޓްތައް އެއްފޮތަކަށް ހަދައި ނެރެފައިވާ ފޮތެކެވެ.

އަފީފުގެ އިންޓަވިއުއަކަށް ޒާހިރު ލިޔުއްވި ފޮތުގައި އޭނާ ސޮއިކުރައްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އަފީފުގެ އިންޓަވިއުއަކަށް ޒާހިރު ލިޔުއްވި ފޮތުގައި އޭނާ ސޮއިކުރައްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އަފީފުގެ ފޮޓޯއެއް ކުރަހައި މުށިކުލައިން ބޭރުގަނޑު ޑިޒައިންކޮށްފައިވާ 175 ސޮފުހާގެ އެ ފޮތުގައި ހިމެނެނީ "ސުވައިދީބު" ހާދިސާއާ ގުޅިގެން އަފީފު ދެއްކެވި ވާހަކަތަކެވެ. އެއީ ހަތަރު ގަޑިއިރުގެ އިންޓަވިއުއެއްގެ މައްޗަށް ލިޔެފައިވާ ލިޔުންތަކެކެވެ.

ބަޣާވާތެއް ކުރީ މަޖުބޫރުވެގެން ކަމަށާއި އެއީ ރަނގަޅަށް ކުރެވުނު ކަމެއް ނޫން ކަމަށް އަފީފާ ހަވާލާދީ ފޮތުގައި ލިޔެފައިވެ އެވެ. އަދި އިބްރާހިމް ނާސިރުގެ ސަރުކާރުން މަޝްވަރާގެ މަގު އިހުތިޔާރު ކުރި ނަމަ އެހާދިސާ ނުހިނގާނެ ކަމަށް އަފީފް ވިދާޅުވެފައިވެ އެވެ. އަދި އޭރުގެ ސިޔާސީ މައިދާނުގައި ހިނގި ކަންކަމުގެ ތަފްސީލް ދެއްވާފައިވެ އެވެ.

ޖަސްޓިސް މިނިސްޓަރުކަން ވެސް ކުރެއްވި، ޒާހިރު ވިދާޅުވީ އޭނާ ބޭނުންވީ އެ ހާދިސާގެ ވާހަކަ ދެ ފަރާތުން ގެނެސްދޭން ކަމަށެވެ.

އައްޑޫ "ރަދުން" ފޮތް ބައެއް ބޭފުޅުން ގަންނަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އައްޑޫ "ރަދުން" ފޮތް ބައެއް ބޭފުޅުން ގަންނަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

"ކަންކަން ހިނގާގޮތް ރައްޔިތުންނަށް އެނގެން ޖެހޭ. ބަޣާވާތްކޮށްގެން ނުވާނެ. އެކަމަކު ޝަރީއަތުގައި ދެކޮޅު އޮންނަގޮތަށް ދެ ބައި ގެންނަން ބޭނުންވީ،" "ރައްޔިތު އަހުމަދު" ގެ ނަމުން މަޝްހޫރު ކޮލަމްތައް "ހަވީރު" ގައި ލިޔުއްވާފައިވާ ޒާހިރު ވިދާޅުވި އެވެ.

އެފޮތަށް އައްޑޫ "ރަދުން" ގެ ނަން ކީގޮތާ ގުޅޭގޮތުން ޒާހިރު ވިދާޅުވީ އަފީފު ވެރިކަން ކުރަން އުޅުނުއިރު ރައީސް އަކު އުޅުއްވާގޮތާ ހިލާފަށް އުޅުއްވީ ރަސްކަލަކު އުޅުއްވާގޮތަށް ކަމަށެވެ.

ޒާހިރުގެ އެ ލިޔުއްވުމަކީ އިބްރާހިމް ނާސިރުގެ ވެރިކަމުގައި ސިޔާސީ މައްސަލަތަކުގައި އޭނާ ޖަލަށް ލުމުން ނާސިރާ ދެކޮޅަށް ލިޔުއްވި ލިޔުއްވުމެއްކަމަށް ނާސިރަށް ތާއީދު ކުރައްވާ ލިޔުންތެރިން ވަނީ ލިޔުއްވައިފަ އެވެ. މިފޮތުގައި ޒާހިރު ވަނީ އެލިޔުންވުންތަކަށް ޖަވާބު ދެއްވާފަ އެވެ.

ފޮތް ނެރުމުގެ ހަފުލާގައި ޒާހިރު ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ފޮތް ނެރުމުގެ ހަފުލާގައި ޒާހިރު ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވީ މަގުސަދަކީ އަފީފް ޕްރޮމޯޓްކޮށް އަދި ނާސިރާ ދެކޮޅަށް ލިޔުއްވުން ނޫން ކަމަށެވެ. ބޭނުން ވަނީ ކަމެއް ހިނގިގޮތް ދިވެހި ރައްޔިތުންނަށް ބުނެދެއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ލިޔާ ލިޔުމަކާ ޖަލަށް ލުމާ ގުޅުމެއް ނެތް. ބޭނުންވަނީ ހަގީގަތް ގެނެސްދޭން،" ޒާހިރު ވިދާޅުވި އެވެ.

ޒާހިރު ވިދާޅުވީ އަފީފުގެ އިތުރުން ކުރީގެ ރައީސް ނާސިރާއި އެސަރުކާރުގެ ވެރިންގެ އިންޓަވިއު ނަގަން މަސައްކަތް ކުރައްވާފައި ވާނެ ކަމަށެވެ. އެބޭފުޅުންނަށް ހުށަހެޅުމުން އިންޓަވިއު ނުދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

މި ނެރުނު ފޮތް މާދަމާއިން ފެށިގެން ބުކްޝޮޕްތަކުން، 150ރ. އަށް ވިއްކާނެ އެވެ.

ޒާހިރު ވަނީ ދެ ފޮތެއްވެސް މިހާތަނަށް ނެރުއްވައިފަ އެވެ. އެއީ ސައުދީ އަރަބިއްޔާގެ މައުލޫމާތު ހިމެނޭ އަތްމަތީ ފޮތަކާއި ރައީސް މައުމޫންގެ ވެރިކަމާ ގުޅޭ ގޮތުން ލިޔުއްވި "ތިރީސް އަހަރު" އެވެ.