Roadha Mihaaru
ގަތަރު ވޯލްޑް ކަޕަށް އިބްރަހިމޮވިޗް ދިނީ ފުލް މާކްސް

ގަތަރު ވޯލްޑް ކަޕަށް އިބްރަހިމޮވިޗް ދިނީ ފުލް މާކްސް

22 މާޗް 2023

މިދިޔަ ޑިސެމްބަރު މަހު ގަތަރުން ބޭއްވި ފީފާ ވޯލްޑް ކަޕް ވަރަށް ފުރިހަމަ ކަމަށާއި މުބާރާތުގެ ހުރިހާ ކަމަކަށް 10 އިން 10 ދޭނެ ކަމަށް ސްވިޑަންގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މިދިޔަ ޑިސެމްބަރު މަހު ގަތަރުން ބޭއްވި ފީފާ ވޯލްޑް ކަޕް ވަރަށް ފުރިހަމަ ކަމަށާއި މުބާރާތުގެ ހުރިހާ ކަމަކަށް 10 އިން 10 ދޭނެ ކަމަށް ސްވިޑަންގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ބުނެފި އެވެ.

ސްވިޑަން ވޯލްޑް ކަޕަށް ކޮލިފައިނުވާތީ އެ މުބާރާތުގައި ކުޅުމުގެ ފުރުސަތު ގެއްލުނު އިބްރަހިމޮވިޗް ވަނީ ފައިނަލް މެޗު ބެލުމަށް އާއިލާއާ އެކު ގަތަރުގެ ވެރިރަށް ދޯހާ އަށް ގޮސްފަ އެވެ.

މިދިޔަ މޭ މަހު ކުރި ކަކުލުގެ އޮޕަރޭޝަނަށް ފަހު އަލުން ގައުމީ ޓީމު ހިމެނިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރަހިމޮވިޗް ވަނީ ގަތަރަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

"އަހަރެން އާއިލާއާ އެކު ދެ ދުވަހު އެ ގައުމުގައި ހުރިން. ވަރަށް ފުރިހަމަ ހުރިހާ ކަމެއް. އެހާ ވަރަށް ދެން ކަމެއް ފުރިހަމަވާނީ،" ޔޫރޯ ކޮލިފައިންގައި ސްވިޑަން ކުޅޭ މެޗުތަކުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން އިބްރަހިމޮވިޗް ބުންޏެވެ.

އޭސީ މިލާނުގެ ފޯވާޑް ބުނީ ގަތަރުގެ އިންތިޒާމުތަކާއި، މެޗުތަކާއި، ސަޕޯޓަރުންނާއި، ކެއުމާއި، ކުރެވުނު ތަޖުރިބާ އަށް އޭނާ ދޭނީ 10 އިން 10 ޕޮއިންޓް ކަމަށެވެ.

ހިތުގައި އޮތް ގޮތަށް އެއްވެސް ޖެހިލުމެއް ނެތި ވާހަކަދައްކާ އިބްރަހިމޮވިޗް އަށް ނޫސްވެރިޔާ ދެން ހަނދާން ކޮށްދިނީ އިންސާނީ ހައްގުތަކަށް އިހުތިރާމްނުކުރާ މައްސަލައިގައި ގަތަރަށް އަމާޒުވި ފާޑުކިޔުންތަކެވެ.

"ދިހަ ޕޮއިންޓް،" ދެން ވެސް އިބްރަހިމޮވިޗް ދިނީ އެ ޖަވާބެވެ.

ފަހުން އެހެން މީޑިއާއަކަށް ދިން އިންޓަވިއުއްގައި އިބްރަހިމޮވިޗް ބުނީ، ބިދޭސީ މަސައްކަތްތެރިންނަށް ގަތަރުން ދިނީ ވަޒީފާގެ ފުރުސަތެއް ކަމަށާއި ފަހުން އެ މީހުންނާ މެދު ކަންތައް ވީ ގޮތަށް، އެކަން ނުފެނި ހުރެ އިންސާފުކުރަން ބޭނުންނުވާ ކަމަށެވެ.

ގަތަރުން ފުޓްބޯޅައިގެ ތެރެެއަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ފްރާންސްގެ ޕީއެސްޖީ ގަނެ، އެ ކްލަބަށް 2012 ގައި ސޮއިކުރުވި އިބްރަހިމޮވިޗް ބުނީ ގަތަރުގައި ކުށުގެ ވެށްޓެއް ނެތް ކަމަށާއި ޑްރަގްސްއެއް ވެސް ނެތް ކަމަށާއި އެ ގައުމުގައި އޮތީ ފުރިހަމަ ނިޒާމެއް ކަމަށެވެ.