Roadha Mihaaru
ލުކާކޫގެ ހެޓްރިކުން ސްވިޑަން އަތުން ބެލްޖިއަމް މޮޅުވެއްޖެ

ލުކާކޫގެ ހެޓްރިކުން ސްވިޑަން އަތުން ބެލްޖިއަމް މޮޅުވެއްޖެ

25 މާޗް 2023

ކްލަބް ފުޓްބޯޅައިގައި ފޯމު ދަށްވެފައިވާ ފޯވާޑް ރޮމެލޫ ލުކާކޫގެ ހެޓްރިކާ އެކު ބެލްޖިއަމް އިން ޔޫރޯ ކޮލިފައިންގައި ރޭ ޒަލަޓާން އިބްރަހިމޮވިޗުގެ ސްވިޑަން އަތުން 3-0 އިން މޮޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ކްލަބް ފުޓްބޯޅައިގައި ފޯމު ދަށްވެފައިވާ ފޯވާޑް ރޮމެލޫ ލުކާކޫގެ ހެޓްރިކާ އެކު ބެލްޖިއަމް އިން ޔޫރޯ ކޮލިފައިންގައި ރޭ ޒަލަޓާން އިބްރަހިމޮވިޗުގެ ސްވިޑަން އަތުން 3-0 އިން މޮޅުވެއްޖެ އެވެ.

ޗެލްސީގެ ލޯނެއްގެ ދަށުން އިންޓަ މިލާނަށް ކުޅޭ ލުކާކޫ އަށް އަނިޔާގެ ސަބަބުން، ކުރީގެ ކުޅުން މި ސީޒަނުގައި ދެއްކޭ ގޮތެއް ނުވެ އެވެ. އެކަމަކު ރޭ ހެދި ހެޓްރިކަކީ، ސީޒަނުގެ ފަހުބައިގައި އޭނާގެ ކުޅުން ރަނގަޅުކުރަން ލިބޭނެ ހިތްވަރެއް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

އޭނާ ފުރަތަމަ ގޯލް 35 ވަނަ މިނެޓުގައި ކާމިޔާބުކުރުމަށް ފަހު ދެ ވަނަ ގޯލް ވައްދާލީ 49 ވަނަ މިނެޓުގަ އެވެ. އަދި ހެޓްރިކް ފުރިހަމަކުރީ 83 ވަނަ މިނެޓުގަ އެވެ.

އުމުރުން 41 އަހަރުގައި ގައުމީ ޓީމުގައި ހިމެނިގެން ރޭ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އިބްރަހިމޮވިޗަށް ބެލެވިފައި އޮތީ، ޔޫރޯ ކޮލިފައިންގައި ކުޅޭ އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް ރޭ ލިބޭނެ ކަމަށެވެ.

އެކަމަކު ކޮލިފައިންގައި ރޭ ގްރީސް އަތުން 3-0 އިން ޖިބްރޯލްޓާ ބަލިވި މެޗުގައި އެ ޓީމުގެ އުމުރުން 41 އަހަރުގެ ލީ ކަސިއާރޯ ކުޅުމާ އެކު އެ ރެކޯޑް އޭނާ އަށް ލިބުނެވެ. އިބްރަހިމޮވިޗަށް ވުރެ އޭނާ ދޮށީ ފަސް ވަރަކަށް ދުވަހެވެ. މިހާރު އިބްރަހިމޮވިޗް ވެފައިވަނީ ޔޫރޯ ކޮލިފައިންގައި ކުޅުނު ދެ ވަނަ އަށް އެންމެ ދޮށީ ކުޅުންތެރިޔާ އަށެވެ. ތިން ވަނައިގައި އޮތީ 1983 ވަނަ އަހަރު އުމުރުން 41 އަހަރުގައި ކުޅުނު އިޓަލީގެ ގޯލްކީޕަރު ޑިނޯ ޒޮފް އެވެ.

މޭ މަހު ކަކުލުގެ އޮޕަރޭޝަނެއް ކުރުމަށް ފަހު އެނބުރި އައި އިބްރަހިމޮވިޗް ވަނީ މިދިޔަ ހަފުތާގައި އިޓާލިއަން ލީގުގައި އުދިނޭޒީ ކޮޅަށް ލަނޑެއް ޖަހައި އެ ލީގުގައި ލަނޑު ޖެހި އެންމެ ދޮށީ ކުޅުންތެރިޔާ އަށް ވެފަ އެވެ.

އިބްރަހިމޮވިޗް ވަނީ އަންނަ އަހަރުގެ ޔޫރޯގައި ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެހެންވެއްޖެ އޭނާ ވާނީ އެ މުބާރާތުގައި ކުޅޭ އެންމެ ދޮށީ ކުޅުންތެރިޔާ އަށެވެ. އިބްރަހިމޮވިޗް 2021 ވަނަ އަހަރުން ފެށިގެން އަލުން ގައުމީ ޓީމުގައި ހިމެނެން ފެށީ 2018 ގެ ވޯލްޑް ކަޕް ސްކޮޑުން ފުރުސަތު ނުލިބުމުން ރިޓަޔާކުރުމަށް ފަހު އެވެ.