Roadha Mihaaru
އަނިޔާވެ އިބްރަހިމޮވިޗުގެ ކެރިއަރު ނިމުމަކާ ގާތަށް

އަނިޔާވެ އިބްރަހިމޮވިޗުގެ ކެރިއަރު ނިމުމަކާ ގާތަށް

25 އެޕްރީލް 2023

އޭސީ މިލާނުގެ ސްވިޑަން ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗަށް އަނިޔާވެ މި ސީޒަނުގައި ދެން ކުޅެވިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އޭސީ މިލާނުގެ ސްވިޑަން ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗަށް އަނިޔާވެ މި ސީޒަނުގައި ދެން ކުޅެވިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

މިދިޔަ އަހަރުގެ މޭ މަހު ކަކުލުގެ އޮޕަރޭޝަނެއް ކުރި އިބްރަހިމޮވިޗް، 41، ފެބްރުއަރީ މަހު ފިޓްވެގެން އެނބުރި އައިސް ދެ ތިން މެޗެއް ކުޅުނުތަނާ އަނެއްކާ ވެސް އަނިޔާވި އެވެ.

އެ އަނިޔާ އިން ރަނގަޅުވެގެން އެނބުރި އައިސް، އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހު ލެއްޗޭއާ ދެކޮޅަށް އަރަން ވޯމްއަޕްކުރަނިކޮށް ކުޑަކަޅުވާ އަށް އަނިޔާވީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ އަށް މި ސީޒަނުގައި ދެން ނުކުޅެވޭނެ އެވެ. މިލާނާ އެކު އިބްރަހިމޮވިޗް ހަދާފައިވާ ކޮންޓްރެކްޓް ވެސް ސީޒަން ނިމުމުން ހަމަވާނެ އެވެ.

އޭނާ އަށް އިތުރު އެއް އަހަރުގެ ކޮންޓްރެކްޓެއް ދޭން މިލާނުން ވިސްނި ނަމަވެސް، އަނިޔާގެ މައްސަލަތައް ބޮޑުުވުމުން، އެ ނިންމުން ބަދަލުކުރާނެ ކަމަށް ބެލެވެ އެވެ.

އެހެންވެ ވަރަށް ބޮޑަށް ލަފާކުރެވޭ ގޮތުގައި މި ސީޒަން ނިމުމާ އެކު އިބްރަހިމޮވިޗް ރިޓަޔާކުރާނެ އެވެ.

އަަޔަކްސް، ޔުވެންޓަސް، އިންޓަ، ބާސެލޯނާ، މިލާން، ޕީއެސްޖީ އަދި މެންޗެސްޓާ ޔުނައިޓެޑުގައި ކުޅުމަށް ފަހު، އިބްރަހިމޮވިޗް 2018 ވަނަ އަހަރު އެމެރިކާގެ މޭޖާ ލީގަށް ދިއުމުން ބެލެވުނީ އެއީ ފަހު މަންޒިލް ކަމަށެވެ. އެކަމަކު 2020 ގެ ޖެނުއަރީގައި އެނބުރި މިލާނަށް ގޮސް، އޭރު ފޯމުން ކަޓާފައި އޮތް ޓީމު ހަމަޔަކަށް އަޅުވައި އެ ޓީމު އަހަރުތަކަށް ފަހު ޗެމްޕިއަންސް ލީގަށް ކޮލިފައިކޮށްދީ، ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އެވެ.

މި ސީޒަނުގައި މިލާން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ހޮވިފައިވީ ނަމަވެސް، އެ މުބާރާތުގެ ސްކޮޑުގައި އިބްރަހިމޮވިޗުގެ ނަން ނުހިމެނޭތީ އޭނާ އަށް ނުކުޅެވޭނެ އެވެ.

އިބްރަހިމޮވިޗް ވަނީ، ކުޅެވޭ އެންމެ ގިނަ ދުވަހަކު ކުޅުން ކުރިއަށް ގެންދާނެ ކަމަށާއި، ކުޅުން ހުއްޓާލުމުގެ ވިސްނުން އައުމުން ބިރު ގަންނަ ކަމަށް ބުނެފަ އެވެ. އެކަމަކު އަނިޔާގެ މައްސަލަތަކާ ހެދި ކުޅުން ކުރިއަށް ގެންދިއުމަށް ވަނީ ގޮންޖެހުމާ ކުރިމަތިވެފަ އެވެ.