Roadha Mihaaru
ޓިކްޓޮކް މަނާކުރަން ބޭއްވި އަޑުއެހުން ޖޯކަކަށް!

އެމެރިކާގައި ޓިކްޓޮކް މަނާކުރަން ބޭއްވި ކޮންގްރެސްގެ އަޑުއެހުން ވީ ޖޯކަކަށް

27 މާޗް 2023

އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރަން ނިންމުމަށް ބޭއްވި ކޮންގްރެސް އަޑުއެހުން ގިނަބަޔަކު ބޮޑު ޖޯކެއްގެ ގޮތުގައި އަދި އެމެރިކާ މީހުންނަށް ލަދެއްގެ ގޮތުގައި ސިފަކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރަން ނިންމުމަށް ބޭއްވި ކޮންގްރެސް އަޑުއެހުން ގިނަބަޔަކު ބޮޑު ޖޯކެއްގެ ގޮތުގައި އަދި އެމެރިކާ މީހުންނަށް ލަދެއްގެ ގޮތުގައި ސިފަކޮށްފި އެވެ.

ސައިބަސެކިއުރިޓީ އާއި ޑޭޓާ ރައްކާތެރިކުރުމުގައި ޓިކްޓޮކަށް އިތުބާރު ނުކުރެވޭ ކަމަށާއި އެއީ ޗައިނާގެ ސަރުކާރުން އެމެރިކާ މީހުންނަށް ޖާސޫސް ކުރަން ބޭނުންކުރާ އެޕެއްކަމަށް ބުނެ، އެ އެޕް މަނާކުރަން ހުށަހަޅާފައިވާ މައްސަލައިގައި، ޓިކްޓޮކްގެ ސީއީއޯ ޝޫ ޒީ ޗޫ ބައިވެރިވި ފުރަތަމަ އަޑުއެހުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ޓިކްޓޮކަކީ އަމިއްލަ ރައްކާތެރިކަމަށް އޮތް ނުރައްކަލެއްކަން ހާމަކޮށްދިނުމަށް ބޭއްވި ފަސް ގަޑިއިރުގެ އެ އަޑުއެހުމުގައި، ކޮންގްރެސްގެ މެންބަރުން ކުރި ސުވާލުތައްހަމަނުޖެހޭ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ޖޯކު ޖަހަމުންނެވެ.

އެ އަޑުއެހުމުގެ ކުދި ކްލިޕްތައް ޓިކްޓޮކުގައި ވައިރަލްވެފައި ވާއިރު، އެމެރިކާގައި ވެސް މީހުން އަންނަނީ އެ މީހުން ތަމްސީލުކުރަން ތިބި "މުސްކުޅި" ސެނެޓަރުންނާ މެދު ލަދުގަންނަ ކަމަށް ބުނެ އަޑުއުފުލަމުންނެވެ.

އެ އަޑުއެހުމުން އެންމެ ފާހަގަކޮށްލެވޭ އެއް ސުވާލަކީ، ޓިކްޓޮކް ކެމެރާ ބޭނުންކުރަނީ މީހުންގެ ލޮލުގެ ކަޅި ޑައިލޭޓްވޭތޯ ބަލަންތޯ ޖޯޖިއާގެ މެންބަރު އާލް ކާޓާ ކުރި ސުވާލެވެ. އޭގެ އިތުރުން، ޓިކްޓޮކުން ގޭގެ ވައިފައި އަށް އެކްސެސް ވާނެތޯ ނުވަތަ ޓިކްޓޮކް ބޭނުންކުރާ މީހުންގެ އުމުރު އެ މީހުންނަށް އެނގެނީ ކިހިނެއްކަން އެހި އެވެ.

ޖަވާބުދޭން ފުރުސަތު ލިބުނު ސުވާލުތަކަށް ޗޫ ޖަވާބުދިން އިރު، އޭނާ ވަނީ އެމެރިކާގެ ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ވަކި ރަނގަޅު ނޫންކަމަށް ބުނެ، ހާއްސަކޮށް ފޭސްބުކްގެ ވާހަކަ ފާހަގަކޮށްފަ އެވެ.

އެ އަޑުއެހުމަށް ފަހު، އެމެރިކާގެ ގިނަ ޓިކްޓޮކް ތަރިން ވަނީ އަޑުއެހުމަށް ހަޖޫ ޖަހައި ގިނަ ވީޑިއޯތައް ޓިކްޓޮކާއި އެހެނިހެން ސޯޝަލް މީޑިއާތަކުގައި ޝެއާކޮށްފަ އެވެ.

ޓިކްޓޮކް ބޭނުންކުރާ 150 މިލިއަނަށް ވުރެ ގިނަ އެމެރިކާ މީހުން އެބަތިއްބެ އެވެ. އެމެރިކާ ސަރުކާރުން ބުނަނީ އެ އެންމެންގެ އަމިއްލަ މައުލޫމާތު ޓިކްޓޮކުން ޗައިނާ ސަރުކާރާ ހިއްސާކުރާ ކަމަށެވެ. އެކަމަކު، ޓިކްޓޮކްގެ ސީއީއޯ އެކަމާ ދެކޮޅު ހަދަ އެވެ.

ޓިކްޓޮކްގެ ސީއީއޯ ޝޫ ޒީ ޗޫ ކޮންގްރެސްގެ އަޑުއެހުމުގައި

ޓިކްޓޮކްގެ ސީއީއޯ ޝޫ ޒީ ޗޫ ކޮންގްރެސްގެ އަޑުއެހުމުގައި

ޓިކްޓޮކަކީ ޗައިނާގައި ބޭނުންކުރުން މަނާ އެޕެކެވެ. އެ އެޕްގެ މައި ކުންފުނި "ބައިޓް ޑާންސް" ޗައިނާ އަށް ނިސްބަތް ވި ނަމަވެސް، ޓިކްޓޮކްގެ ހެޑްކުއާޓާ ހުންނަނީ ސިންގަޕޫރުގަ އެވެ.

ޓިކްޓޮކް އެޕްލިކޭޝަން ވައިރަލްވި ފަހުން، އެމެރިކާއަށް ނިސްބަތްވާ "މެޓަ" ގެ އިންސްޓަގްރާމާއި، ފޭސްބުކްފަދަ ޕްލެޓްފޯމުތަކަށް ވަނީ ނުރައްކަލަކަށް ވެފަ އެވެ. ޓިކްޓޮކާ ވާދަކުރަން އިންސްޓަގްރާމާއި، ޔޫޓިއުބް އަދި ސްނެޕްޗެޓުން ވެސް ވަނީ ކުދި ވީޑިއޯތައް ހުންނަ ރީލުތައް ހިމަނައިފަ އެވެ. ނަމަވެސް، ކުރު ވީޑިއޯ ހެދުމުގައި ޓިކްޓޮކާ އަދި އެއްވަރެއް ނުވެ އެވެ.

މީގެ ކުރިން ވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ޓިކްޓޮކް އެ ގައުމުގައި ބޭނުންކުރުން މަނާކޮށްފަ އެވެ. ނަމަވެސް، އޭރު ކޯޓުން ވަނީ އެ ނިންމުން ބާތިލްކޮށްފަ އެވެ.

އެމެރިކާއިން ޓިކްޓޮކް މަނާކުރަން ނިންމައިފާ ވަނީ ޓިކްޓޮކަކީ އޯޑިއަންސް ބޮޑު، ނަމަވެސް އެ ގައުމުގެ ކޮންޓްރޯލް ގެއްލިފައިވާ ޕްލެޓްފޯމަކަށް ވުމުން ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ.