Roadha Mihaaru
ސަރުކާރު ކުންފުނިތަކުގެ އެޗްއާރު ޕޮލިސީ ރިވިއުކުރަނީ

ސަރުކާރުގެ ކުންފުނިތަކުގެ އެޗްއާރު ޕޮލިސީ ރިވިއުކުރަނީ

28 މާޗް 2023

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގަވާއިދުގައި ހިމަނައިގެން ބޯޑު މެމްބަރުންނަށް އިތުރު އެލަވަންސްތަކާއި ރިޑަންޑަންސީ އަދި ރިޓަޔަމަންޓް ޕެކޭޖް ދިނުމުގައި އަމަލުކުރަމުން އަންނަ އުސޫލް ރިވިއުކުރަމުން އަންނަ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގަވާއިދުގައި ހިމަނައިގެން ބޯޑު މެމްބަރުންނަށް އިތުރު އެލަވަންސްތަކާއި ރިޑަންޑަންސީ އަދި ރިޓަޔަމަންޓް ޕެކޭޖް ދިނުމުގައި އަމަލުކުރަމުން އަންނަ އުސޫލް ރިވިއުކުރަމުން އަންނަ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނެފި އެވެ.

އެ ބޯޑުގެ ރައީސް މުހައްމަދު އާސިމްް "މިހާރު"އަށް ވިދާޅުވީ ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކެއްގައި އެލަވަންސްތަކާއި ރިޑަންޑަންސީ އަދި ރިޓަޔަމަންޓް ޕެކޭޖްތައް ދިނުމުގެ ބައި ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އެއީ، ކޮންސަލްޓަންޓެއްގެ އެހީގައި އެސްއޯއީސްތަކުގެ އެޗްއާރު ޕޮލިސީތައް ރިވިއުކުރަމުން އަންނާތީ ކަމަށް ވިދާޅުވި އެވެ.

"މި މަސައްކަތް ފުރަތަމަ ފަށާފައި ވަނީ 2021 ގައި. އެއީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއާ އެކު ކުރެވުނު މަސައްކަތެއްގެ ތެރެއިން. ދެހާސްއެކާވީހުގައި ހުރިހާ އެސްއޯއީތަކުގެ އެޗްއާރު ޕޮލިސީތަކުގެ އޮޑިޓެއްއެއް ހެދުނު. އޭރު ފާހަގަވީ، ބައެއް ކުންފުނިތަކުގައި ކޮންމެހެން ހުންނަންޖެހޭ އުސޫލުތައް ނެތް ކަމާ އަދި ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް އުސޫލުތައް ހެދިފައި ނެތްކަން. އަދި ކުންފުނިތަކުގެ ބޯޑުން ފާސްކޮށްގެން އެކުލަވާލާފައިވާ ބައެއް އުސޫލުތަކަކީ ބެސްޓް ޕްރެކްޓިސް އާ ޚިލާފު އުސޫލުތަކެއް ކަމާއި އެ އުސޫލުތަކުގެ ދަށުން އަމަލު ކުރަމުންދާ ބައެއް ޕްރެކްޓިސްތަކަކީ މިބޯޑުން އަމަލުކުރުމަށް އަންގާފައިވާ ގޮތާ ޚިލާފު ޕްރެކްޓިސްތަކެއްކަން،" އާސިމް ވިދާޅުވި އެވެ.

"އެހެން ކަމުން މިބޯޑުން ނިންމާފައި އޮތީ ހުރިހާ އެސްއޯއީ ތަކަށް ބެސްޓް ޕެރެކްޓިސް ބޭސްޑް ހާމަނައިސްޑް އެޗްއާރު މެނުއަލް ނުވަތަ ގައިޑްލައިންއެއް ތައްޔާރުކޮށް ކުންފުނިތަކަށް ހިއްސާކުރަން. އެ މަސައްކަތް މިދިޔަ އަހަރު ހޯދުނު އެހެން ކޮންސަލްޓަންޓެއްގެ އެހީގައި ކުރިއަށް އެބަދޭ. މިމަސައްކަތް ނިމޭނެ ކަމަށް ލަފާ ކުރެވެނި މި އަހަރުގެ 3 ވަނަ ކުއާޓާގައި."

ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ބޯޑު މެމްބަރުންނާއި ކޮމްޕެނީ ސެކްރެޓަރީންގެ އެލަވަންސް ދެވޭ ގޮތުގެ ޕޮލިސީ 2021 ގައި ޕީސީބީން ވަނީ ތައާރަފްކޮށްފަ އެވެ.

"އޭގެ [ޕޮލިސީގެ] ބޭރުން، މިކޮޅުން އެޕޮއިންޓްކުރާ ފަރާތްތަކަށް އިތުރު އެލަވަންސްތަކެއް ކުންފުނިތަކުގެ ބޯޑުން ނިންމިދާނެ ކަމަކަށް އަޅުގަނޑުމެން ނުދެކެން," އާސިމް ވިދާޅުވި އެވެ.

އެޗްއާރު ޕޮލިސީތައް ރިވިއުކޮށް މޮނިޓާކޮށް އިވެލުއޭޓްކުރުމަކީ ޕީސީބީގެ މެންޑޭޓެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެކި ކުންފުނިތަކުން އެކި ގޮތަށް އަމަލުކުރުމަކީ އާއްމުންގެ ވެސް ކަންބޮޑުވުމެއް ކަަމަށެވެ. ހަމަ އެގޮތަށް އެ ކުންފުންޏަކުން ބޭނުންވާ ގޮތަށް ޕޮރޮކިއުމަންޓް ޕޮލިސީ އެކަށައަޅައި އަމަލުކުރުމަކީ ވެސް ކަންބޮޑުވުމަކަށް ވާނެ ކަމަށް ޕީސީބީން ބުންޏެވެ.

"ކުންފުނިތަކުގެ ހުރިހާ ކަމެއް ވެސް ރަނގަޅު އުސޫލްތަކެއްގެ ތެރޭގައި ހުންނަން އަދި ހުރިހާ ޕޮލިސީތަކެއް ވެސް ހަމައަށް، ފަސާދައަށް މަގުފަހިނުވާނެ ގޮތަށް ހުންނަން އަޅުގަނޑުމެން ބޭނުންވޭ. އެހެންވީމާ ރަނގަޅު ބެސްޓް ޕްރެކްޓިސް ބޭސްޑް، ގާނޫނާއި ގަވާއިދުތަކަށް ފެތޭ މެނުއަލްއެއް ތައްޔާރުކޮށްދިނީމާ އެސްއޯއީތަކަށް ވެސް އެއްހަމައެއް ގެންގުޅެން ފަސޭހަވާނެ," އާސިމް ވިދާޅުވި އެވެ.

ކުންފުނިތަކުގެ ބޯޑު މެމްބަރުންގެ މުސާރަ އާއި އިނާޔަތްތަކާ ގުޅޭ ގޮތުން ޕީސީބީން މިއަދު ވަނީ ސާކިއުލާއެއް ވެސް ނެރެފަ އެވެ.

އެ ސާކިއުލާގައި ޕީސީން ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ސަރުކާރުން އައްޔަންކުރާ ބޯޑު މެމްބަރުންނަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައި ވާނީ ގާނޫނުގެ ދަށުން ފިނޭންސް މިނިސްޓްރީގެ މަޝްވަރާގެ މަތިން އެ ބޯޑުން ކަމަށެވެ.

ބައެއް ކުންފުނިތަކުން އޭގެ ބޭރުން އަމިއްލައަށް އުސޫލުތައް ހަދައި ގަވާއިދުގައި ހިމަނައިގެން އިތުރު އެލަވަންސްތަކާއި ރިޑަންޑަންސީ ޕެކޭޖްތައް ދޭ ކަން ބޯޑުން ކުރިއަށް ގެންދާ ރިވިއުތަކުން ފާހަގަކުރެވިފައިވާ ކަމަށް ޕީސީބީން ބުނެފައިވެ އެވެ.

އެ ބޯޑުން، ސާކިއުލާގައި އަންގާފައި ވަނީ 2021 ގައި އާއްމުކޮށްފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތައް ކެޓަގަރައިޒް ކުރުމާއި މެނޭޖިން ޑިރެކްޓަރުން، ޗެއާމަން އަދި ބޯޑު މެންބަރުންގެ އިނާޔަތްތައް ދިނުމަށް ކަނޑައަޅާފައިވާ އުސޫލާއި، 16 ނޮވެންބަރު 2021 ގައި ތައާރަފްކޮށް އާންމުކޮށްފައިވާ އޮޕަރޭޝަނަލް ކޮމްޕްލެކްސިޓީ އެލަވަންސް ދިނުމުގެ އުސޫލާ ހިލާފަށް އެއްވެސް ކުންފުންޏަކުން މުސާރަ އާއި އެލަވަންސް ދިނުން އުސޫލެއް އަދި ގަވާއިދެއްގައި ހިމަނާފައިވާ ނަމަ ވެސް އަމަލުނުކުރުމަށެވެ. އެގޮތަށް ހިމެނޭ ނަމަ އެކަން އިސްލާހުކުރަން ވެސް ޕީސީބީން ވަނީ އަންގައިފަ އެވެ.