Roadha Mihaaru
52 މިލިއަން ދޭން އެންގުމުން ބެންޗުގެ ސުވާލު ޕީޖީއަށް

ޔާމީން 52 މިލިއަން ދައްކަން އެންގުމުން ހައިކޯޓުގެ ހޫނު ސުވާލުތައް ދައުލަތަށް

30 މާޗް 2023

ވ. އާރަށް މައްސަލާގައި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލާގައި ހައި ކޯޓުގެ ފަނޑިޔާރުންގެ ހޫނު ސުވާލުތަކެއް ދައުލަތަށް މިއަދު އަމާޒުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. އާރަށް މައްސަލާގައި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލާގައި ހައި ކޯޓުގެ ފަނޑިޔާރުންގެ ހޫނު ސުވާލުތަކެއް ދައުލަތަށް މިއަދު އަމާޒުވެއްޖެ އެވެ.

އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ފަހުން، އެ މައްސަލާގައި ލޯންޑާކުރި 52 މިލިއަން ރުފިޔާ ހަ މަސް ތެރޭގައި ދައްކަން ކްރިމިނަލް ކޯޓުން އެ މަނިކުފާނުގެ މައްޗަށް އަމުރުކުރި އެވެ.

އެ އަމުރު ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގެ ސުވާލުތައް މައިގަނޑު ގޮތެއްގައި އަމާޒުވީ ހުކުމްކުރި ފަހުން އެފަދަ އަމުރެއް ނެރެފައިވާތީ އާއި ޔާމީންގެ ބަހެއް ނެތި އަމުރު ނެރެފައިވާތީ އެވެ.

މިއަދުގެ އަޑުއެހުމުގައި ޔާމީން ވެސް އެކަން ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ 52 މިލިއަން ރުފިޔާގެ ތެރޭގައި ސައްހަ މަގުން އެމަނިކުފާނު ހޯއްދެވި އަދި މައްސަލައާ ގުޅުމެއް ނެތް ފައިސާ އެބަހުރި ކަމަށެވެ. އަދި އެކަންކަމާ މެދު ވާހަކަ ދައްކަން ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

"ސައްހަކޮށް، ހަލާލުކޮށް ގާނޫނު އަސާސީގެ 40 ވަނަ މާއްދާގެ ދަށުން މުދާ ހޯދުމާއި މިލްކު ކުރުމުގެ ހައްގުގެ ދަށުން އަޅުގަނޑު ހޯދާފައި ހުރި ފައިސާ ވެސް މީގެ ތެރޭގައި އެބަ ހިމެނޭ." ޔާމީން ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން ބެންޗުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ ޝަރީއަތުގެ މަރުހަލާގައި އެ ފުރުސަތު ޔާމީންގެ ވަކީލުންނާއި ދައުލަތަށް ލިބިފައިވާ ކަމަށެވެ.

ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގަން އަމުރުކުރާ ނަމަ ހުކުމުގައި އެކަން ހިމަނަން ޖެހޭނެ ކަމަށް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި އޮވޭ ނޫންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. އެކަމަކު ޔާމީންގެ މައްސަލާގައި އެ ފައިސާ ދައްކަން އެންގީ ފަހުން ނެރުނު އަމުރެއްގެ ދަށުންނެވެ.

ދައުލަތުން ބުނި ގޮތުގައި ކުށްކޮށްގެން ހޯދި މުދަލާއި ފައިސާ ދައުލަތަށް ނަގާއިރު ހުކުމުގައި އެ ވާހަކަ ހިމެނުން ކޮންމެހެން ލާޒިމެއް ނޫނެވެ. ސަބަބެއްގެ ގޮތުގައި ބުނީ އެއީ އެ ގާނޫނުގައި ހުކުމް ތަންފީޒު ކުރުމުގެ ބާބުގައި، ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ނެގުމުގެ ވާހަކަ ނެތުމުންނެވެ.

ޕީޖީ ހުސައިން ޝަމީމް  --- ފޮޓޯ/މިހާރު

ޕީޖީ ހުސައިން ޝަމީމް --- ފޮޓޯ/މިހާރު

އެގޮތަށް ދައުލަތުން ބުނުމުން، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ ދަށުން އެގޮތަށް ބަލާނަމަ ނިކުންނާނެ ނަތީޖާއަކީ ކޮބައިތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ "އަމުރު ކުރަންވާނެ" ކަމަށް ބުނެފައި ގާނޫނުގައި އޮތަސް، އެއީ ކޮންމެހެން ލާޒިމް ކަމެއް ނޫން ކަމަށެވެ. ސަބަބެއްގެ ގޮތުން ދައުލަތުން ބުނީ ވަކި ހާލަތްތަކެއްގައި މީހުން ބަންދު ކުރަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި އޮތަސް، އެއީ ލާޒިމް ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ.

ކުށްކޮށްގެން ހޯދި މުދަލެއް ނަގަން ހުކުމުގައި ހިމަނާފައި ނެތުމަކީ އިޖްރާއީ އުނިކަމެއް ކަމަށް ދެކޭ ނަމަ ދެން އަމަލުކުރަންވީ ގޮތަކީ ކޮބައިތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ އާންމު އުސޫލުން އޮންނަ ހައްލަކީ އިސްތިއުނާފް ކުރުން ކަމަށެވެ. އެކަމަކު ހުކުމުގެ ފަހުން ވެސް އެކަން ކުރެވިދާނެ ކަމަށް ދައުލަތުން ބުންޏެވެ.

ދެން ފަނޑިޔާރުން ސުވާލު ކުރެއްވީ ޔާމީނަށް ޖަލު ހުކުމް އިއްވިތާ ދުވަސްތަކެއް ފަހުން އެ ފައިސާ ދައްކަން އަމުރު ނެރުނު ސަބަބާ ބެހޭގޮތުންނެވެ.

"ހުކުމް ކުރިތާ 63 ދުވަސް ފަހުން މިފަދަ އަމުރެއް ނެރުމުގައި މަގްބޫލު އެއްވެސް ސަބަބެއް އެބައޮތްތޯ؟" ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ އަމުރު ނެރުމުގައި ލަސްވާން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެކަމަކު ލަސްވުމުގައި އެކި ސަބަބުތަކެއް ދިމާވެދާނެ ކަމަށެވެ. އަދި އަމުރު ނެރުނީ އެކަމަށް ދައުލަތުން އެދުނުތާ ދުވަސްތަކެއް ފަހުން ކަމަށާއި އެކަމަކު ލަސްވުމަކީ އަމުރު ބާތިލް ކުރެވޭނެ ސަބަބެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.

މިއަދުގެ އަޑުއެހުން ހައި ކޯޓުގައި ކުރިއަށް ދަނީ

މިއަދުގެ އަޑުއެހުން ހައި ކޯޓުގައި ކުރިއަށް ދަނީ

"ޝަރީއަތުގެ ސުވާލަކީ މަގްބޫލު ސަބަބެއް އެބައޮތްތޯ 63 ދުވަސް ފަހުން މިފަދަ އަމުރެއް ނެރުމުގައި؟" ފަނޑިޔާރުން އަނެއްކާވެސް ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ އޭގެ ޖަވާބު ދެވޭނީ ކްރިމިނަލް ކޯޓަށް ކަމަށެވެ.

"ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި މިފަދަ އަމުރަކަށް އެދުމުގައި 60 އެތައް ދުވަސް ފަހުން އެއީ އެކަށީގެންވާ މުއްދަތެއްތޯ؟" ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ފައިސަލް ވެސް އެ ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ ހުކުމަށް ފަހު އެ ހުކުމުގެ އެ ބައި އިސްތިއުނާފް ކުރުމާ މެދު ދިރާސާ ކުރަން ވަގުތުތަކެއް ނެގި ކަމަށެވެ. އަދި ފަހުން އިސްތިއުނާފަށް ނުގޮސް، ކްރިމިނަލް ކޯޓުގައި އެފަދަ އަމުރަކަށް އެދުނީ އިސްތިއުނާފީ ކޯޓުގެ ވަގުތު ބޭކާރު ނުކުރަން ވެގެން ކަމަށް ދައުލަތުން ބުންޏެވެ.

ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް މަރުހަލާގައި ނުނިމި އޮއްވައި، 52 މިލިއަން ދެއްކުމުގެ އަމުރު ހައި ކޯޓުން ދަމަހައްޓާނީ ކިހިނެއްތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

"މިދަންނަވާ މައްސަލާގައި ނިކުންނާނެ ނަތީޖާއެއް އަޅުގަނޑުމެންނަކަށް ނުއެއް އެނގޭ. އެ ހާލަތުގައި، ޕެންޑިންގައި އޮއްވައި ތި ވިދާޅުވާ ގޮތަށް ނިންމިދާނެތޯ." ބެންޗުން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން މި މަރުހަލާގައި އަމުރު ދެމެހެއްޓިޔަސް، ޔާމީންގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކޮށްފި ނަމަ އެ އަމުރު ނިމުމަކަށް އަންނާނެ ކަމަށެވެ.

ފަނޑިޔާރު ފައިސަލާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު ދީބާނާޒް ފަހުމީ ހިމެނިވަޑައިގަންނަވާ ބެންޗުން އިއުލާން ކުރެއްވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ މައްސަލާގެ ހުކުމް އިއްވުން ކަމަށެވެ.