Roadha Mihaaru
ޔާމީނަށް ކާމިޔާބު، 52 މިލިއަންގެ އަމުރު ބާތިލް

ދައުލަތަށް 52 މިލިއަން ދޭން ޔާމީނަށް އެންގި އަމުރު ބާތިލްކޮށްފި

11 އެޕްރީލް 2023

ވ. އާރަށް މައްސަލާގައި ދައުލަތަށް 52 މިލިއަން ރުފިޔާ ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. އާރަށް މައްސަލާގައި ދައުލަތަށް 52 މިލިއަން ރުފިޔާ ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ޔާމީންގެ މައްޗަށް 52 މިލިއަން ދައުލަތަށް ދެއްކުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނީ ލޯންޑާ ކުރި ފައިސާ ދައުލަތަށް ނެގުމުގެ ގޮތުން ކަމަށް ބުނެ އެވެ.

އެ އަމުރު ހައި ކޯޓުން މިއަދު ބާތިލްކުރީ އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވުމުންނެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި، ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކުރީ މައްސަލާގެ ހުކުމްކުރި ފަހުން އެ ފައިސާ ދައުލަތަށް ދައްކަން އަމުރު ނެރެފައިވާތީ އެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގަން އަމުރު ކުރެވޭނީ ހުކުމް ކުރާ ވަގުތާއި އަދި ފަހުން ފެންނަ މުދަލާއި ފައިސާއެއް ނަމަ ފަހުން ނެރޭ އަމުރެއްގެ ދަށުން ކަމަށެވެ.

ހުކުމުގައިވަނީ ޔާމީންގެ މައްސަލާގައި ކުށްކޮށްގެން ހޯދި ފައިސާއަކީ ކޮބައިކަން ދައުވާގައި ހިމަނާފައި ވިޔަސް، އެ މައްސަލާގައި ހުކުމްކުރި ވަގުތު އެ ފައިސާ ދައުލަތަށް ނަގަން އަމުރު ކޮށްފައި ނުވާ ކަމަށެވެ. އެހެންވެ، ފަހުން ނެރުނު އަމުރެއްގެ ދަށުން އެ ފައިސާ ދައްކަން އަންގަންޖެހޭ ސަބަބެއް ނެތް ހުކުމުގައިވެ އެވެ.

އެ އަމުރު ނެރުނީ ޔާމީން ޖަލަށްލާން ހުކުމްކުރިތާ ދެ މަސް ފަހުން ދައުލަތުން ފޮނުވި ސިޓީއާ ގުޅިގެން ކަން ފާހަގަކޮށް، ހުކުމުގައިވަނީ އެއީ ގާނޫނާ ހިލާފް ކަމެއް ކަމަށް ހުކުމުގައިވެ އެވެ. އަދި އަމުރު ނެރުމުގެ ކުރިން ޔާމީނަށް އެކަމާ ގުޅިގެން ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ދީފައިނުވާ ކަމަށް ހުކުމުގައިވެ އެވެ.

"މި މައްސަލާގައި އަމުރު ނެރެފައިވަނީ ކްރިމިނަލް ކޯޓުގެ ގަޒިއްޔާ އިސްތިއުނާފްކުރަން މުއްތަހަމަށް ގާނޫނު އަސާސީގެ 56 ވަނަ މާއްދާގައިވާ ހައްގަށް އުނިކަން އަންނަ ގޮތަށް، ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައިވާ ކުށުން ބަރީއަވާން މަސައްކަތް ކުރުމުގެ ހައްގާއި 20 ވަނަ މާއްދާގައިވާ ގާނޫނުގެ ކުރިމަތީގަ އާއި ގާނޫނުގެ ރައްކާތެރިކަން ލިބުމުގައި ހަމަހަމަވުމުގެ ހައްގާ ހިލާފަށް." ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވި އެވެ.

ޔާމީން މިއަދުގެ އަޑުއެހުމުގައި ---

ޔާމީން މިއަދުގެ އަޑުއެހުމުގައި ---

ހުކުމުގައިވާ ގޮތުން ހުކުމް އިއްވުމަށްފަހު، އިމްލާ ކުށް އިސްލާހު ކުރުން ފިޔަވައި އިތުރު ބަދަލެއް ހުކުމަކަށް ނުގެނެވޭނެ އެވެ. އަދި މީގެ ކުރިން މިގޮތަށް ކޯޓަކުން އަމަލު ކޮށްފައިނުވާ ކަމަށާއި އަދި މި މައްސަލާގައި ތަފާތުކޮށް އަމަލުކުރި ސަބަބެއް ދައުލަތަށް ބުނެ ނުދެވޭ ކަމަށް ހުކުމުގައިވެ އެވެ.

"މި މައްސަލަ ތަފާތުވި ގޮތެއް ދައުލަތުން ސާފުކޮށްދީފައި ނުވާއިރު ދައުލަތުން ފާހަގަކުރި ގޮތުގެ މަތިން އިޖްރައާތު ކުރިއަށް ގެންދަންޖެހޭ ގާނޫނީ އަސާސެއް އޮތް ކަމަކަށް ނުބެލެވޭ." ފަނޑިޔާރު ފައިސަލް ވިދާޅުވި އެވެ.

ބެންޗްގައި ހިމެނިވަޑައިގަތް ފަނޑިޔާރު ޝަފީއުގެ ރައުޔުގައިވާ ގޮތުން ދައުލަތުން އެކަމުގައި އަމަލުކުރީ ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ އުސޫލުންނެވެ. އަދި ފަނޑިޔާރަށް އޮޅިގެން ކުރެވޭ ކަންކަން ރަނގަޅު ކުރަން އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.

"ގާއިމްވެފައިވާ ނިޒާމްގެ ބޭނުން ޕްރޮސެކިއުޝަނުން ދެވަނަ ފަހަރަށް އެ އަމުރަށް އެދުނު އެދުމަކީ ޖާއިޒް ކަމެއް ކަމުގައި ބަލައި، އެމަގުން އެކަން ކުރުމުގެ ލައިސަންސް މި ކޯޓުން ދެވިދާނެ ކަމަކަށް އަހުރެން ނުދެކެން." ފަނޑިޔާރު ޝަފީއު ވިދާޅުވި އެވެ.

އެހެންވެ، އެ އަމުރު ބާތިލްކުރީ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

ފަނޑިޔާރު ފައިސަލާއި ފަނޑިޔާރު ޝަފީއުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން އިންނެވީ ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފައިސަލެވެ.

އާރަށް މައްސަލާގައި ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް އަދިވެސް ހައި ކޯޓުގައި އެބައޮތެވެ. އެ މައްސަލާގެ އަޑުއެހުންތައް އަދި ނުފަށަ އެވެ.