Roadha Mihaaru
ޔާމީންގެ އިސްތިއުނާފް އަޑުއެހުންތައް ނިމުމަކާ ގާތަށް

ޔާމީންގެ އިސްތިއުނާފް ނިމުމަކާ ގާތަށް، ދެން އޮތީ ފަހު އަޑުއެހުން

13 ނޮވެމްބަރ 2023

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ނިމުމަކާ ގާތަށް ގޮސްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ނިމުމަކާ ގާތަށް ގޮސްފި އެވެ.

އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އޮތީ ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހަޅުއްވައިފަ އެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން ނިންމާލައްވަމުން އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ދެން އޮންނާނީ އެ މައްސަލަތަކާ ގުޅިގެން ފަހު ބަސް ބުނުމުގެ ފުރުސަތު ދިނުން ކަމަށެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި ދެ ފަރާތުން ވެސް އެކަމަށް ތައްޔާރުވާން ބެންޗުން އެންގެވި އެވެ.

ކޮންމެ މައްސަލައެއްގައި ވެސް އަޑުއެހުންތައް ނިންމާލުމަށްފަހު އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.

ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް އެ މައްސަލާގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ. އެ ދެ ބޭފުޅުންގެ މައްސަލަ ވެސް ހައި ކޯޓުން ކުރިއަށް ގެންދަނީ އެއްކޮށެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ފަނޑިޔާރުންގެ ސުވާލުތައް ދެ ފަރާތަށް އަމާޒު ކުރުމެވެ. އެގޮތުން ދެ ފަރާތުން ފާހަގަކުރި ނުކުތާތަކާ ގުޅިގެން ބެންޗުން ގިނަ ސުވާލުތަކެއް ދެ ފަރާތަށް ވެސް އަމާޒުކުރި އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސަލީމެވެ.

ޖަލު ހުކުމެއްގައި ހުންނެވި ނަމަވެސް ޔާމީން މިހާރު ހުންނެވީ ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.