Roadha Mihaaru
އިންޑިއާއާ ހަވާލުކުރި ހޮސްޕިޓަލްތައް ހެދުން ޗައިނާއަށް

އިންޑިއާއާ ހަވާލުކުރި ހަތަރު ހޮސްޕިޓަލްގެ މަސައްކަތް ޗައިނާ ކުންފުންޏަކަށް ދީފި

02 އެޕްރީލް 2023

ރާއްޖޭގެ އުތުރާއި ދެކުނުގައި ހަތަރު ރީޖަނަލް ހޮސްޕިޓަލް އަޅަން އިންޑިއާ ކުންފުންޏަކާ އެކު ސޮއިކުރުމަށް ފަހު މަސައްކަތް އަވަސްކުރަން ޗައިނާ ކުންފުންޏަކާ އެ ޕްރޮޖެކްޓް ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ އުތުރާއި ދެކުނުގައި ހަތަރު ރީޖަނަލް ހޮސްޕިޓަލް އަޅަން އިންޑިއާ ކުންފުންޏަކާ އެކު ސޮއިކުރުމަށް ފަހު މަސައްކަތް އަވަސްކުރަން ޗައިނާ ކުންފުންޏަކާ އެ ޕްރޮޖެކްޓް ހަވާލުކޮށްފި އެވެ.

ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލާއި ރ. އަލިފުށި ހޮސްޕިޓަލާއި ދ. ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލް އަދި ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް ޑިޒައިންކުރުމާއި ކޮންސްޓްރަކްޝަން މަސައްކަތްތައް އެންމެ ފުރަތަމަ ހަވާލުކުރީ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެޑް (ޓީސީއައިއެލް) އަށެވެ. އެއީ މިދިޔަ އަހަރުގެ މެއި 30 ގަ އެވެ.

އިންޑިއަން އެގްޒިމް ބޭންކުން ބަޔާސް ކްރެޓިޑް ސްކީމްގެ ދަށުން ހިންގަން ނިންމި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 57 މިލިއަން ޑޮލަރު (882 މިލިއަން ރުފިޔާ) އަށެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ފައިނޭންސް ކުރާތީ އެކަމަށް ކޮންޓްރެކްޓަރު ވެސް ހޯދީ އެ ބޭންކުންނެވެ.

ހެލްތު މިނިސްޓްރީން ބުނީ ޗައިނީސް އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީއާ މަސައްކަތް ހަވާލުކުރީ ހަތަރު ހޮސްޕިޓަލްގެ މަސައްކަތް އަވަސް ކުރަން ކަމަށެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް އެއްވެސް މިނިސްޓްރީއަކުން ނުލިބުނެވެ.

އޭރު ސޮއިކުރި އެއްބަސްވުމުގެ ދަށުން ދިއްދޫ އާއި ކުޑަހުވަދޫ އަދި ވިލިނގިލީގައި އިމާރަތްކުރަން ހަމަޖެއްސީ 50 އެނދުގެ ހޮސްޕިޓަލެވެ. އަލިފުށީގައި ހަދަން ނިންމީ 30 އެނދުގެ ހޮސްޕިޓަލެވެ.

އެ އެއްބަސްވުންތަކުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމުގައި ހިމެނޭ މި މަސައްކަތް ލަސްތަކެއް ނުވެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ޗައިނާއާ އެކު އަޅުގަނޑުމެން މި ކުރަމުން ގެންދާ މަސައްކަތްތަކުގައި އަޅުގަނޑުމެން ދެ ފަރާތުގެ ގުޅުން އެއް ދުވަހުން އަނެއް ދުވަހަށް ބަދަހިވަމުން ދިއުން." ޝާހިދު ވިދާޅުވި އެވެ.

މިއަދު ޗައިނާއާ އެކު ދެން ސޮއިކުރީ ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތް އިތުރު މުއްދަތަކަށް ބެލެހެއްޓުމާއި ދާރުލްއާސާރު ބެލެހެއްޓުމުގެ އެއްބަސްވުމެއްގަ އެވެ. މި ދެ ތަނަކީ ވެސް ޗައިނާ ސަރުކާރުގެ އެހީގައި ހަދާފައިވާ ތަންތަނެވެ.