Roadha Mihaaru
އެއްބަސްވުން ބާތިލްވީ 4 ހޮސްޕިޓަލަށް ފައިސާ ނުލިބިގެން

އިންޑިއާގެ އެއްބަސްވުން ބާތިލްވީ ހަތަރު ހޮސްޕިޓަލަށް ފައިސާ ހަމަނުޖެހުމުން: މިނިސްޓްރީ

13 އެޕްރީލް 2023

ހަތަރު ހޮސްޕިޓަލް އަޅަން އިންޑިއާގެ ކުންފުންޏަކާ އެކު ހެދި އެއްބަސްވުން ބާތިލްވީ އެއްބަސްވި މުއްދަތުގެ ތެރޭގައި ފައިސާ ހަމަނުޖެހުމުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަތަރު ހޮސްޕިޓަލް އަޅަން އިންޑިއާގެ ކުންފުންޏަކާ އެކު ހެދި އެއްބަސްވުން ބާތިލްވީ އެއްބަސްވި މުއްދަތުގެ ތެރޭގައި ފައިސާ ހަމަނުޖެހުމުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލާއި ރ. އަލިފުށި ހޮސްޕިޓަލާއި ދ. ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލް އަދި ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް ޑިޒައިންކުރުމާއި ކޮންސްޓްރަކްޝަން މަސައްކަތްތައް މެއި 30، 2022 ގައި އެންމެ ފުރަތަމަ ހަވާލުކުރީ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެޑް (ޓީސީއައިއެލް) އަށެވެ.

އިންޑިއަން އެގްޒިމް ބޭންކުން ބަޔާސް ކްރެޓިޑް ސްކީމްގެ ދަށުން ހިންގަން ނިންމި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 57 މިލިއަން ޑޮލަރު (882 މިލިއަން ރުފިޔާ) އަށެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ފައިނޭންސް ކުރާތީ އެކަމަށް ކޮންޓްރެކްޓަރު ވެސް ހޯދީ އެ ބޭންކުންނެވެ.

އޭރު ސޮއިކުރި އެއްބަސްވުމުގެ ދަށުން ދިއްދޫ އާއި ކުޑަހުވަދޫ އަދި ވިލިނގިލީގައި އިމާރަތްކުރަން ހަމަޖެއްސީ 50 އެނދުގެ ހޮސްޕިޓަލެވެ. އަލިފުށީގައި ހަދަން ނިންމީ 30 އެނދުގެ ހޮސްޕިޓަލެވެ.

ނަމަވެސް، އަހަރެއް ވާން އުޅެނިކޮށް، ހަމަ އެ ހަތަރު ހޮސްޕިޓަލްގެ މަސައްކަތްތަކެއް ކުރުމަށް ޗައިނީސް އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީއާ އެކު ސަރުކާރުން ވަނީ މި މަހުގެ 2 ގައި ސޮއިކޮށްފަ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު"ން ފޮނުވި ސުވާލުތަކަށް ހެލްތުން މިދިޔަ އަންގާރަ ދުވަހު ދިން ޖަވާބުގައި ބުނީ އެ ހަތަރު ހޮސްޕިޓަލާ ގުޅޭ މަސައްކަތްތައް ޗައިނާއާ ހަވާލުކުރީ، އިންޑިއާ އެކު ހެދި އެގްރިމެންޓު ބާތިލްވެފައިވާތީ ކަމަށެވެ.

އެގްރިމެންޓުގައިވާ ގޮތުން މަޝްރޫއަށް ބޭނުންވާ ފައިސާ 90 ދުވަހުގެ ތެރޭގައި ހަމަނުޖެހިއްޖެ ނަމަ އެ އެއްބަސްވުން ބާތިލްވާނެ އެވެ. ނަމަވެސް، އެއްބަސްވުން ބާތިލްވިއިރު، އެ ކުންފުނިން އެއްވެސް މަސައްކަތެއް ވެސް ނުކުރެ އެވެ. އަދި އެއްވެސް ފައިސާއެއް ވެސް ޓީސީއައިއެލް އަށް ނުދޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޗައިނާގެ އެޖެންސީއާ ހަވާލުކުރީ ހަތަރު ހޮސްޕިޓަލް އިމާރާތްކުރުމަށް ބޭނުންވާ ފީސިބިލިޓީ ހެދުމުގެ އެއްބަސްވުމެކެވެ. އިމާރާތްކުރަން ބަޔަކާ އަދި ހަވާލެއްނުކުރެ އެވެ.

އެ އެއްބަސްވުންތަކުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމުގައި ހިމެނޭ މި މަސައްކަތް ލަސްތަކެއް ނުވެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.