Roadha Mihaaru
ޔާމީންގެ މައްސަލަ ރަޖިސްޓަރީ ނުކުރޭ، ކަންބޮޑުވުން!

ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ރަޖިސްޓަރީ ކުރުން ލަސްވާތީ ކަންބޮޑުވޭ: އާދަމް ޝަރީފް

03 އެޕްރީލް 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުގައި ރަޖިސްޓަރީ ކުރުން ލަސްވާތީ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުގައި ރަޖިސްޓަރީ ކުރުން ލަސްވާތީ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އެ މަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެކަމަކު، އިސްތިއުނާފްގެ މައްސަލަ އިސްލާހުކުރަން ހައި ކޯޓުން އެންގުމުން އަލުން އިސްލާހުކޮށް ހުށަހެޅީ މިދިޔަ މާޗް މަހުގެ 16 އިގަ އެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން ހައި ކޯޓުން މިހާތަނަށް ވަކި ގޮތެއް ނިންމާފައި ނުވާތީ، މަޑުއްވަރި ދާއިރާގެ މެމްބަރުކަން ކުރައްވާ އާދަމް ޝަރީފް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބު ކައިރިވަމުން އަންނައިރު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ މިހާތަނަށް ރަޖިސްޓަރީ ނުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވިގޮތުގައި، ދިވެހިންގެ އުއްމީދުތަކާ ގުޅިފައިވާ ކެންޑިޑޭޓަކީ ވެސް ޔާމީނެވެ.

ޖަލު ހުކުމުގެ އިތުރުން އެ މައްސަލާގައި ލޯންޑާކުރި 3.4 މިލިއަން ޑޮލަރު ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އަމުރެއް ވެސް ވަނީ ނެރެފަ އެވެ.

ޔާމީންގެ ވަކީލުން ވިދާޅުވަނީ އެ މައްސަލަ ނިމެންދެން އެ މަނިކުފާނު ކަފާލާތުގެ ދަށުން ބަންދުން މިނިވަންކުރަން ހައި ކޯޓުގައި އެދޭނެ ކަމަށެވެ. އަދި ޔާމީން މިނިވަންވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވެސް ވަކީލުންގެ ޓީމުން ބުނެ އެވެ.