Roadha Mihaaru
އިންތިހާބަށް ކުރިމަތިލާ މުއްދަތާ ބެހޭ ބިލު ބަލައިގެންފި

ރިޔާސީ އިންތިހާބަށް ކުރިމަތިލާން އިތުރު ހަތަރު ދުވަސް ދޭ ބިލު ބަލައިގެންފި

04 އެޕްރީލް 2023

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރަން ސަރުކާރުން ހުށަހެޅި އިސްލާހު ބަލައިގަންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރަން ސަރުކާރުން ހުށަހެޅި އިސްލާހު ބަލައިގަންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރިޔާސީ އިންތިހާބުތަކާ ބެހޭ ގާނޫނުގެ ފަސް ވަނަ މާއްދާގައި މިހާރު ބުނާ ގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމަށް މަދުވެގެން 10 ދުވަހުގެ މުއްދަތެއް ދޭން ވާނެ އެވެ.

ނަމަވެސް ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ އެ މުއްދަތު 14 ދުވަހަށް އިތުރު ކުރުމަށް ހުށަހަޅާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ އިސްލާހު ބަލައިގަތުމާ މެދު ނެގި ވޯޓުގައި ބައިވެރިވި 52 މެންބަރުންގެ އިއްތިފާގުން ވަނީ އެ އިސްލާހު ބަލައިގަންނަން ފާސްކޮށްފަ އެވެ. އެއާއެކު އެ ބިލު ދިރާސާ ކޮމިޓީ އަށް ފޮނުވާނެ އެވެ.

މިހާރު އިންތިހާބަށް ކުރިމަތިލުމަށް އޮންނަ މުއްދަތަށް ހަތަރު ދުވަސް އިތުރު ކުރާ ސަބަބާ ގުޅޭ ގޮތުން ގިނަ މެންބަރުން ވަނީ ސުވާލު އުފައްދަވައިފަ އެވެ. އެވަރުގެ ކުޑަ ބަދަލެއް ކުއްލިއަކަށް ގެންނަން ޖެހޭ ސަބަބާ މެދު ވެސް ބައެއް މެންބަރުން ސުވާލު އުފައްދެވި އެވެ.

އެހެން ނަމަވެސް ބިލު ދިފާއު ކުރައްވައި ވާހަކަ ދެއްކެވި މެންބަރުން ވަނީ އިންތިހާބަށް ކުރިމަތިލާން އިތުރު ފުރުސަތުތައް ތަނަވަސްކޮށްދިނުމަކީ ރަނގަޅު ކަމެއް ގޮތުގައި ފާހަގަ ކުރައްވައިފަ އެވެ.