Roadha Mihaaru
ބޭރުގެ ދަރަނި އިތުރުވެ، ރާއްޖެއަށް ނުރައްކާ ބޮޑު

ވޯލްޑް ބޭންކުގެ އިންޒާރު: ބޭރުގެ ދަރަނި އިތުރުވެ، ރާއްޖެ އަށް ނުރައްކާ ބޮޑު

04 އެޕްރީލް 2023

ރާއްޖޭގެ އިގްތިސާދީ މިސްރާބު މިހާރު ހުރި ގޮތުން، ބޭރުގެ ދަރަނި ބޮޑުވެ، ދުނިޔޭގެ މާލީ ބާޒާރުތައް ތާށިވުމުގެ ސަބަބުން މާލީ ހާލަތަށް ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ އިގްތިސާދީ މިސްރާބު މިހާރު ހުރި ގޮތުން، ބޭރުގެ ދަރަނި ބޮޑުވެ، ދުނިޔޭގެ މާލީ ބާޒާރުތައް ތާށިވުމުގެ ސަބަބުން މާލީ ހާލަތަށް ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

މާލީ އިދާރާ ވޯލްޑް ބޭންކުން ނެރޭ އަޕްޑޭޓުގައިވާ ގޮތުން، ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ރަނގަޅުވާނެ ކަމަށް ކުރިން ލަފާކުރިޔަސް ހިސާބުތަކުން މިހާރު އެ ގޮތަށް ނުދައްކަ އެވެ.

މިއަދު ނެރުނު ރިޕޯޓުގައި ވޯލްޑް ބޭންކުން ބުނީ، މި ސަރަހައްދުގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރަނީ 5.6 ޕަސެންޓުގައި ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރަނީ 6.6 ޕަސެންޓުގަ އެވެ. މިއީ ކުރިން ލަފާކުރި ވަރަށް ވުރެ ގާތްގަނޑަކަށް ދެ ޕަސެންޓު ދަށް އަދަދެެކެވެ. ކުރިން ލަފާކުރީ މި އަހަރު ރާއްޖޭގެ އިގްތިސާދު 8.2 ޕަސެންޓަށް ކުރިއަރާނެ ކަމަށެވެ.

ވޯލްޑް ބޭންކުން ބުނިގޮތުގައި، ބޭރުން ކުރިމަތިވާ ލޮޅުންތަކާއި ރާއްޖޭގެ މާލީ ނިޒާމުގެ ނާޒުކު ކަމުން އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ބޭރުން އަގު ބޮޑުކޮށް ދަރަންޏަށް ފައިސާ ނެގުމުގެ ސަބަބުން ވެސް އޭގެ ގޮންޖެހުންތައް ރާއްޖެ އަށް އެބައޮތް ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

ރާއްޖޭގެ ދަރަނި މިހާރު ވަނީ 100 ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރައިފަ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 114 ޕަސެންޓެވެ.

ވޯލްޑް ބޭންކުން ވަނީ ރާއްޖޭގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަކަށް ހަރަދު ކުރަން ސަރުކާރުން ރާވާފައި ވާތީ، ބަޖެޓުގެ ދަރަނި އިތުރަށް މަތިވާނެ ކަމަށް ލަފާކޮށްފަ އެވެ. އެ ބޭންކުން ބުނީ އިގްތިސާދީ ހަރަކާތްތަކުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޮޑު ދައުރެއް އަދާކުރުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކުގެ ކުރިއެރުމަށް ހުރަސް އެޅޭ ކަމެކެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފައިސާ ދިނުމާއި މަޝްރޫއުތަކަށް ކުރާ ހޭދަ ބޮޑުވުމާއި ސެޕްޓެމްބަރު 9 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ހަރަދުތަކުގެ ސަބަބުން ސަރުކާރުގެ މާލިއްޔަތަށް އިތުރު ހީނަރުކަމެއް އަންނާނެ ކަމަށް ވެސް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.

އެހެންވެ، މުޅި މާލިއްޔަތަށް ކުރިމަތިވާ ބުރަ ކުޑަކުރުމަށް ސަބްސިޑީތައް ކުޑަކޮށް، ސަބްސިޑީ ދޭ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

އެ ބޭންކުން ވަނީ މި އަހަރު ރާއްޖޭގެ އިންފްލޭޝަން 5.7 ޕަސެންޓަށް އަރާނެ ކަމަށް ލަފާކޮށްފަ އެވެ. މިދިޔަ ފެބްރުއަރީ މަސް ނިމުނު އިރު ރާއްޖޭގެ އިންފްލޭޝަން ހުރީ 3.9 ޕަސެންޓުގަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ. ޖީއެސްޓީ ބޮޑުވުމުގެ ސަބަބުން އަގުތައް އުފުލުނު ނަމަވެސް ތެލުގެ އަގު ކުރިމަގުގައި ދައްވާނެތީ މެދު ރާސްތާގައި ރާއްޖޭގެ އިންފްލޭޝަން 2.5 ޕަސެންޓަށް ދަށަށް ދާނެ ކަމަށް ބެލެވޭ ކަމަށް ވޯލްޑް ބޭންކުން ބުނެފައި ވެ އެވެ.