Roadha Mihaaru
ދަރަނީގެ ޕްރެޝަރު ކުޑަކުރަން މަޝްރޫއުތައް ލަސްކުރަންޖެހޭ

ދަަރަނީގެ ޕްރެޝަރު ކުޑަކުރަން މަޝްރޫއުތައް ލަސްކުރަންޖެހޭ: ވޯލްޑް ބޭންކް

07 އޮކްޓޯބަރ 2021

ރާއްޖޭގެ މާލީ ހާާލަތާއި ދަރަނީގެ ކަންތައްތައް ހަމަޖެއްސުމުގެ ގާބިލުކަން ދެމެހެއްޓެނިވި މިންގަނޑަކަށް ގެނައުމަށްޓަކައި މަޝްރޫއުތައް ލަސްކުރަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން އަނެއްކާ ވެސް ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ މާލީ ހާާލަތާއި ދަރަނީގެ ކަންތައްތައް ހަމަޖެއްސުމުގެ ގާބިލުކަން ދެމެހެއްޓެނިވި މިންގަނޑަކަށް ގެނައުމަށްޓަކައި މަޝްރޫއުތައް ލަސްކުރަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން އަނެއްކާ ވެސް ބުނެފި އެވެ.

އެ ބޭންކުން މިއަދު ނެރުނު "ރީޖަނަލް އިކޮނޮމިކް އަޕްޑޭޓްސް" ރިޕޯޓްގައި ބުނީ ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވުމުގެ ކުރިން ވެސް ރާއްޖެ އަށް ދަރަަނީގެ ރިސްކް އޮތީ ބޮޑުކޮށް ކަމަށާއި އެ ބަލިމަޑުކަމަށް ފަހު، އިތުރަށް ނެގި ދަރަންޏާ އެކު އެކަން އިތުރަށް ގޯސްވެފައިވާ ކަމަށެވެ. ކޮވިޑްގެ ސަބަބުން އިގްތިސާދު ހަލާކުވުމަށް ފަހު، އިގުތިސާދު އަލުން ބިނާކުރާއިރު، ދަރަނި މެނޭޖްކުރުމުގެ ހާލަތު ރަނގަޅު ކުރުމަކީ އެންމެ މުހިއްމު އެއްކަންތައް ކަމަށް ވެސ އެ ރިޕޯޓްގައި ވެ އެވެ.

"...އިގްތިސާދު ވަރުގަދަ ވަންދެން ބޮޑެތި ޕަބްލިކް އިންވެސްޓްމެންޓް ޕްރޮޖެކްޓްތައް ލަސްކުރުމަކީ މި ޕްރެޝަރުތައް ނައްތައިލުމަށް އެހީއަކަށް ވާނެ ކަމެކެވެ،" ރިޕޯޓުގައި ބުންޏެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަަތިވި ބޮޑު ހީނަރުކަމުން އަރައިގަނެވެންދެން މަޝްރޫއުތައް ލަސްކުރަން ވޯލްޑް ބޭންކުން މިދިޔަ އަހަރު ވެސް ލަފާދިނެވެ. އެ ބޭންކުން އޭރު ކަންބޮޑުވުން ފާޅުކުރީ އިގްތިސާދު އެހާ ބޮޑަށް ހީނަރުވުމުން ވެސް އެކަމަށް ރިއާޔަތް ނުކޮށް ސަރުކާރުން ހަރަދުކުރަމުން ގެންދާތީ އެވެ.

މި ފަހަރުގެ ރިޕޯޓްގައި ބުނީ، ސަރުކާރުގެ ރިކަރެންޓް ހަރަދު މިދިޔަ އަހަރު ނުވަ ޕަސެންޓަށް ކުޑަކުރި ނަމަވެސް ކެޕިޓަލް ހަރަދުތައް ހަތް ޕަސެންޓުން އިތުރު ކޮށްފައިވާ ކަމަށެވެ. އޭގެ ސަަބަބުން ރާއްޖޭގެ ޑެފިސިޓް އިތުރަށް ބޮޑުވެ، އިގްތިސާދީ ކުރިއެރުން ނެގެޓިވް ވި އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުނުކުރި ނަމަ މި އަހަރު އެއް މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާނެ އެވެ. އެއީ 2019 ވަނަ އަހަރު [ކޮވިޑް ބަލިމަޑުކަން ކުރިމަތިވުމުގެ ކުރިން] ޓޫރިސްޓުން އައި އަދަދުގެ 60 ޕަސެންޓެވެ. ވޯލްޑްބޭންކުން ލަފާކުރަނީ އެހެންވެ ރާއްޖޭގެ ޖީޑީޕީ 17 ޕަސެންޓް ކުރިއަރާނެ ކަމަށެވެ.

"ޓޫރިސްޓުން އަންނަ އަދަދުު [ކުރީގެ ހާލަތަށް] އިޔާދަވަމުން ދިޔަޔަސް، މެދުރާސްތާގައި ކަރެންޓް އެކައުންޓް ޑެފިސިޓް ފުޅާވަމުންދާނެ ކަމަށް ލަފާކުރެވެ އެވެ،" ވޯލްޑްބޭންކްގެ ރިޕޯޓްގައި ބުންޏެވެ.