Roadha Mihaaru
ދެ ނޫސްވެރިއަކަށް މަރުގެ އިންޒާރުދިން މައްސަލަަ ބަލަނީ

"ދައުރު" ދެ ނޫސްވެރިއަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަނީ

08 އެޕްރީލް 2023

"ދައުރު" އޮންލައިންގައި ލިޔުނު ރިޕޯޓަކާ ގުޅިގެން އެ ރިޕޯޓް ލިޔުނު ނޫސްވެރިޔާ އަހުމަދު ނާއިފަށާއި އެހެން ސީނިއާ އެޑިޓަރަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

"ދައުރު" އޮންލައިންގައި ލިޔުނު ރިޕޯޓަކާ ގުޅިގެން އެ ރިޕޯޓް ލިޔުނު ނޫސްވެރިޔާ އަހުމަދު ނާއިފަށާއި އެހެން ސީނިއާ އެޑިޓަރަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އެކި ނަމްބަރުތަކުން ގުޅައި މަރުގެ އިންޒާރު ދެމުން ގެންދަނީ މިދިޔަ ބުރާސްފަތި ދުވަހު "ދައުރު" ގައި "ސިޔާމާއި ހިލްޓަންގެ މައްސަލަ: ރާއްޖެ އިން އިންވެސްޓަރުންނަށް ރަތުގެ އިންޒާރެއް" މައުލޫއަށް ލިޔެފައިވާ އާޓިކަލަކާ ގުޅިގެންނެވެ.

ފުލުހުން މިއަދު "މިހާރު" އަށް ބުނީ ނޫސްވެރިއަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައެއްގެ ރިޕޯޓެއް އިއްޔެ ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، މޯލްޑިވްސް ޖާނަލިޒަމް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ އެ މައްސަލަ ކުއްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.

"ދައުރު" އާ ހަވާދީ އެމްޖޭއޭ އިން ބުނީ އެ ރިޕޯޓުގެ މައްސަލައިގައި ސަން ކުންފުނީގެ ވެރިޔާ އަދި ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު، އަހުމަދު ސިޔާމް މުހައްމަދު އިއްޔެ މެންދުރު ވަގުތެއްގައި އެ ނޫސްވެރިޔާ އަށް ގުޅުއްވައި ފަހުގެ އިންޒާރު ދެއްވަނީ ކަމަށް ވިދާޅުވެ، ރިޕޯޓް ނެގުމަށް އެންގެވި ކަމަށެވެ.

"އެ އިންޒާރަށް ފަހު އާޓިކަލް ލިޔުނު އަހުމަދު ނާއިފަށާއި ސީނިއާ އެޑިޓަރަށް ވެސް ނަމްބަރުތަކުން އެތައް މެސެޖެއްކޮށް، މަރުގެ އިންޒާރު ދީފައިވެ އެވެ. އެގޮތުން މިއަދު ހަވީރު ވަގުތެއްގައި ނާއިފް އަދި އެޑިޓަރުގެ ފޯނަށް ފޮނުވާ މެސެޓްތަކުގައި އެ ދެ މީހުންނަށް މަގުމަތިން ދިމާކޮށްލާނެ ކަމަށާއި ފުރާނަ ދުއްވާލަން ވެސް ފަސް ނުޖެހޭނެ ކަމަށް ބުނެ އިންޒާރު ދީފައިވެ އެވެ،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.

"މި އިންޒާރަކީ އިންތިހާ ދަރަޖައަށް ނުރައްކާ އޮތް، ކަންބޮޑުވާ ދަރަޖައިގެ ސީރިއަސް އިންޒާރެއް ކަމަށް މި ޖަމިއްޔާއިން ގަބޫލުކުރަމެވެ. އަދި މި މައްސަލާގައި ސިޔާސީ ގޮތުން ނުފޫޒު ގަދަ ބޭފުޅެއް ހިމެނިފައިވާ ކަމީ މި ޖަމިއްޔާއިން ކަންބޮޑުވާ ކަމެކެވެ."

އެމްްޖޭއޭ އިން ވަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ނޫސްވެރިންނަށް ދޭންޖެހޭ ރައްކާތެރިކަން ދިނުމަށް ގޮވާލައިފަ އެވެ. މިހާތަނަށް ނޫސްވެރިންނަށް ދޭ އެފަދަ އިންޒާރުތަކުގެ މައްސަލައިގައި ކާމިޔާބު ތަހުގީގެއް ފުލުހުންނަށް މިހާތަނަށް ހިންގި، ފިޔަވަޅު އަޅާފައި ނުވާތީ ވެސް އެމްޖޭއޭ އިން ވަނީ ކަންބޮޑުވުން ފާޅުކުރި އެވެ.