Roadha Mihaaru
"މިހާރު" އަށް އޮތް ބިރުވެރިކަމާ މެދު ކަންބޮޑުވޭ!

"މިހާރު" ގެ ނޫސްވެރިންނަށް އޮތް ބިރުވެރިކަމާ މެދު ކަންބޮޑުވޭ: އެމްޖޭއޭ

01 ޖޫން 2022

"މިހާރު" ނޫހުގެ ނޫސްވެރިންނަށް ދިމާވެފައިވާ ނުރައްކަލާއި ބިރުވެރިކަމާ މެދު އިންތިހާ އަށް ކަންބޮޑުވާ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

"މިހާރު" ނޫހުގެ ނޫސްވެރިންނަށް ދިމާވެފައިވާ ނުރައްކަލާއި ބިރުވެރިކަމާ މެދު އިންތިހާ އަށް ކަންބޮޑުވާ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ބުނެފި އެވެ.

ނޫސްވެރިންގެ ހިމާޔަތުގައި މަސައްކަތްކުރާ އެ ޖަމިއްޔާ އިން އެހެން ބުނީ، "މިހާރު" ގެ ނޫސްވެރިންގެ އަގުވައްޓާލަން ބަޔަކު ގަސްދުގައި ސާބިތު ނުހިފޭ ވާހަކަތައް ފަތުރައި، އެ ނޫހުގެ މުވައްޒަފުންނަށް ބުލީކުރާ މައްސަލައާ ގުޅިގެން މިއަދު ނެރުނު ބަޔާނާ ގުޅިގެންނެވެ.

އެ ބަޔާނަށް އިޝާރާތްކޮށް، އެމްޖޭއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ނޫސްވެރިން ލިޔާ ލިޔުމަކާ ނުވަތަ ކުރާ މަސައްކަތަކާ ގުޅުވައި ނޫސްވެރިންނާ ޒާތީގޮތުން ދިމާކޮށް، ފުރައްސާރަކޮށް ބިރުދެއްކުމުގެ އަމަލުތަކަކީ ފާޑުކިޔުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ކަންކަން ނޫން ކަމަށެވެ.

އެ ބާވަތުގެ އަމަލުތަކުގެ ސަބަބުން "މިހާރު"ގެ ނޫސްވެރިންނަށް ދިމާވެފައިވާ ނުރައްކަލާއި ބިރުވެރިކަމާ މެދު ކަންބޮޑުވެ ނެރެފައިވާ އެ ބަޔާނުގައި ބުނީ، ނޫސްވެރިންނަށް ނުރައްކާވާ ފަދަ ގޮތަކަށް ޒާތީ ގޮތުން ދިމާކޮށް ފުރައްސާރަކުރުމަކީ އެެއް ގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެކަން ހަރުކަށި އިބާރާތުން މި ޖަމިއްޔާއިން ކުށްވެރިކުރަމެވެ،" ބަޔާނުގައިވެ އެވެ.

ނޫސްވެރިންނަށް ކުރިމަތިވެފައިވާ ނުރައްކާތަކުގެ ހާލަތު ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް "މިހާރު" އިން ބުނެފައިވާތީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ފަހު، ފިޔަވަޅު އެޅުމަށް ފުލުހުންނަށް އެމްޖޭއޭ އިން ގޮވައިލި އެވެ.

"މިހާރު" އިން ނެރުނު ބަޔާނުގައި ވަނީ ނޫހުގައި ލިޔާ ބައެއް އާޓިކަލްތައް އޭގެ ހަގީގަތް އޮޅުވާލައިގެން ސުވާލު އުފެދޭ ގޮތަށް ސޯޝަލް މީޑިއާގެ ޕޯސްޓްތައް ހަދައި މީހުންގެ ހިތުގައި އެ ނޫހާއި ނޫސްވެރިންނާ ދޭތެރޭ ނަފްރަތު ފެތުރުމަށާއި ނޫހުގެ އަގު އާންމުންގެ ކުރިމަތީގައި ވައްޓާލުމަށް ދުރާލައި ރޭވިގެން ހަރަކާތްތައް ހިންގާ ކަމަށެވެ.

"މިހާރު" އިން ބުނީ އެ އޮންލައިންގެ މުވައްޒަފުން މަސައްކަތްކުރަނީ ރާއްޖޭގެ ގާނޫނުތަކާއި ނޫސްވެރިކަމުގެ ކޯޑް އޮފް އެތިކްސްގެ ތެރޭގައި ކަމަށާއި އެ އަށް ހުރަސް އެޅޭ އެއްވެސް އަމަލެއް ނުކުރާނެ ކަމަށެވެ.