09 އެޕްރީލް 2023
ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާން ސްޕޯޓްސް މިނިސްޓްރީން ކްލަބްތަކަށް ދޭ ފައިސާގެ އެހީގެ ބޭރުން، އިތުރު އެހީއެއްގެ ގޮތުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް މިނިސްޓްރީން އެއް މިލިއަން ރުފިޔާ ދީފައިވާކަން ހާމަވެއްޖެ އެވެ.
ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާން ސްޕޯޓްސް މިނިސްޓްރީން ކްލަބްތަކަށް ދޭ ފައިސާގެ އެހީގެ ބޭރުން، އިތުރު އެހީއެއްގެ ގޮތުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް މިނިސްޓްރީން އެއް މިލިއަން ރުފިޔާ ދީފައިވާކަން ހާމަވެއްޖެ އެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން ހޯދި މައުލޫމާތުގައިވާ ގޮތުން މިދިޔަ ފެބްރުއަރީ 1 ވަނަ ދުވަހު މިނިސްޓްރީން ވަނީ 2023 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަން ތައްޔާރުވުމުގެ ގޮތުން ދެވޭ އެހީގެ ނަމުގައި މާޒިޔާ އަށް އެއް މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އޭގެ ފަހުން ފެބްރުއަރީ 7 ގައި ވަނީ، ހަމަ އެ ނަމުގައި 247،500 ރުފިޔާ ދޫކޮށްފަ އެވެ. ފަހުން ދިން އަދަދަކީ، ހުރިހާ ކްލަބަކަށް ވެސް އާއްމު އުސޫލުން މިނިސްޓްރީން ދޭ އެހީއެކެވެ. އެ ފައިސާ އެހެން ކްލަބްތަކަށް ވެސް ދޫކޮށްފައިވެ އެވެ.
މިކަމާ ގުޅޭގޮތުން "މިހާރު" އިން ސުވާލު ކުރުމުން މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ މި ފައިސާ އަކީ އޭއެފްސީ ކަޕުގައި ވާދަކުރާތީ ދިން އެހީއެއް ކަމަށެވެ.
"އޭއެފްސީ ކަޕް ކުޅޭ ޓީމަށް މިނިސްޓްރީގެ ބޮޑު އެހީތެރިކަމެއް ދޭނެ ކަމަށް ކުރިން ވަނީ އެފްއޭއެމްއާ ވެސް މަޝްވަރާކުރެވިފައި. އަދި އެ ވާހަކަ މަޖްލިސް އަދި މީޑިއާގައި ވެސް ވާނެ ދެކެވިފައި،" މަހުލޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސަރުކާރުގެ ސަޕޯޓެއް ނުދީ މިއަދު އިންޑިއާ އާއި ބަންގްލަދޭޝްގެ ޓީމުތަކާ ވާދަކޮށްލަން ރަނގަޅު ބޭރު ކުޅުންތެރިން ނުގެނެވޭނެ ކަމަށާއި މި އެހީގެ މަގުސަދަކީ އެއީ ކަމަށެވެ.
2021 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް ކުޅުންތެރިއެއް ކައިރިން ދެމި ގަންނަން މާޒިޔާގެ ކޮނޭލިއަސް ސްޓެވާޓް (ކ) މަސައްކަތްކުރަނީ: އޭއެފްސީ ކަޕަށް މާޒިޔާ އިން އަބަދުވެސް ޓީމު ވަރުގަދަކުރޭ. --މިހާރު ފޮޓޯ: ނިޝާން އަލީ
މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންގެ ހައިސިއްޔަތުން އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގްރޫޕުގައި ވާދަކުރާ މާޒިޔާ އަށް މި އެހީ ދިން ނަމަވެސް، ލީގުގެ ދެ ވަނަ ޓީމުގެ ގޮތުގައި އޭއެފްސީ ކަޕް ޕްލޭއޮފުގައި ވާދަކުރާ އީގަލްސް އަށް މި އެހީ ނުދެ އެވެ.
އީގަލްސް އިން ބުނީ އެ ކްލަބަށް ލިބިފައިވަނީ އާއްމު އުސޫލުގެ މަތިން ދޭ 247،500 ރުފިޔާ އެކަނި ކަމަށެވެ.
މަހުލޫފުގެ މިނިސްޓަރުކަމުގައި މީގެ ކުރިން ވެސް ވަނީ އޭއެފްސީ ކަޕުގައި ވާދަކުރާތީ ކަމަށް ބުނެ އާއްމު އުސޫލުން ބޭރުން އެހީ ދީފަ އެވެ. އެގޮތުން 2020 ވަނަ އަހަރު އޭއެފްސީ ކަޕުގައި ވާދަކުރި ޓީސީ އަށް 1.5 މިލިއަން ރުފިޔާ ދިން ކަމަށް މިނިސްޓަރު އޭރު ވިދާޅުވެފައިވެ އެވެ.
މާޒިޔާ އަށް މި ފައިސާ ދިން މައްސަލައިގައި، ޓީސީގެ ކުރީގެ ރައީސް އަދި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަހުމަދު ނަޝީދު (ޓީސީ ޑޭވް) ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައި ރޭ ޓްވީޓެއް ކުރައްވައިފަ އެވެ. ވަކި ކްލަބަށް މިނިސްޓްރީން އެއް މިލިއަން ރުފިޔާ ދިނީ ސީޒަނަށް ތައްޔާރުވާންތޯ ސުވާލު އުފައްދަވައި، އޭނާ ވިދާޅުވީ ދެން ތިބި ކްލަބްތަކަށް މިހާ ބޭއިންސާފުން ކަންކަންކުރަން ނުޖެހޭ ކަމަށެވެ.
"މި މައްސަލަ އޭސީސީ އަށް ހުށަހަހަޅާން ޖެހޭނެ،" އީގަލްސް އާއި ގްރީންސްޓްރީޓްސް އަދި ބުރު ޓެގްކުރައްވައި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު ޓްވީޓްކުރެއްވި އެވެ.
މަހުލޫފު (ވ) މާޒިޔާގެ އިސްވެރިންނާ އެކު މިދިޔަ އަހަރުގެ ފަހުކޮޅު ބައްދަލުވުމެއްގައި: މިއީ މި ސީޒަނަށް ތައްޔާރުވުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެއް. --ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
އެނގިފައިވާ ގޮތުގައި މާޒިޔާ އަށް މިނިސްޓްރީން ދިން އެއް މިލިއަން ރުފިޔާ އަކީ އެފްއޭއެމް ސީދާ މެދުވެރިވެގެން ދިން އެހީއެއް ނޫނެވެ. އެކަމަކު އެފްއޭއެމުން ވަނީ އޭއެފްސީ ކަޕަށް ތައްޔާރުވާން އެހީ ހޯދުމަށް މިނިސްޓްރީއާ އެކު މަޝްވަރާކުރުމަށް މާޒިޔާ އަށް ހުއްދަ ދީފަ އެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅު މާޒިޔާގެ އިސްވެރިން ވަނީ އާ ސީޒަނާ ބެހޭގޮތުން މަހުލޫފުއާ މަޝްވަރާ ވެސް ކުރައްވައިފަ އެވެ.
އެއް ކްލަބަށް މިހާ ބޮޑު އަދަދެއް ދިންއިރު، ގިނަ ކްލަބްތައް އޮތީ ފައިސާގެ ދަތިކަމާ ހެދި އާ ސީޒަނަށް ރަނގަޅަށް ތައްޔާރު ވެސް ނުވެވިފަ އެވެ. ސީޒަން ހުޅުވި މެޗު ކުޅުނު މާޒިޔާ އާއި އީގަލްސް މިދިޔަ ފެބްރުއަރީ މަހު ކުޅުންތެރިން ގަނެ ޕްރެކްޓިސް ފެށި ނަމަވެސް، ހަތަރު ކްލަބްތަކުން ޕްރެކްޓިސް ފެށީ މިދިޔަ ހަފުތާގަ އެވެ.
މާނައަކީ މާދަމާރޭ ފަށާ ޕްރެޒިޑެންޓްސް ކަޕުގައި ގިނަ ކްލަބްތައް އެ ކުޅެނީ ރަނގަޅަށް ޕްރީ ސީޒަން ނަހަދައި ހަފުތާއެއްހާ ދުވަހުގެ ޕްރެކްޓިހަށް ފަހު އެވެ. އަދި ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ ތެރެއިން ގްރީންސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ފައިސާ ނެތުމުން މުބާރާތުގައި ބައިވެރި ވެސް ނުވެ އެވެ.
މާޒިޔާ އަކީ، އެ ކްލަބުގެ ވެރިން ނިސްބަތްވާ ވިޔަފާރި ކުންފުނީގެ ވެސް އެހީއާ އެކު އަދި މަތީ ފެންވަރުގެ ބައެއް ސްޕޮންސާޝިޕާ އެކު، ރާއްޖޭގައި ކުޅުންތެރިންނަށް ގަވާއިދުން މުސާރަ ދީގެން ހަރުދާނަކޮށް ހިންގާ ހަމައެކަނި ކްލަބެވެ.
މާޒިޔާ އަށް އެކަނި ފައިސާ އޮއްސިޔަސް މިކަމެއް ނުވާނެ
މިދިޔަ އަހަރު ސަރުކާރުން މާޒިޔާ އަށް 5.2 މިލިއަން
މޯހަން ބަގާނުން އޭއެފްސީ ކަޕަށް އިހުތިރާމުނުކުރޭ: މިލޯ
އިނާމު ފައިސާ ދިނީ މާޒިޔާ އަށް އެކަނި: ވެލެންސިއާ
ކުރިން ބޮޑު މޮޅެއް ހޯދުނަސް މާޒިޔާ ފަސޭހައެއް ނުވާނެ
ލީގު ނުކުޅެތީ މާޒިޔާ އަށް އަސަރު ކުރޭ: މިލޯ
ރާއްޖޭގައި އޮސްކާގެ ޕްލޭން މިފަހަރުވެސް ދިމާނުވި
މާޒިޔާ މޮޅުވެ ވަޅުޖެހިފައިވާ ފުޓްބޯޅައަށް އުންމީދެއް
ވާދަވެރި މެޗުތަކެއް ނުލިބުމުން މިލޯގެ ކަންބޮޑުވުން
ފުޓްބޯޅައިގައި ރާއްޖެއަށްވުރެ ބަންގްލަދޭޝް އޮތީ ކުރީގައި