Roadha Mihaaru
ސައޫދީގެ ޑިޕްލޮމެޓިކް ވަފްދެއް އީރާނަށް

ސައޫދީގެ ޑިޕްލޮމެޓިކް ވަފްދެއް އީރާނަށް

09 އެޕްރީލް 2023

އީރާނާއި ސައޫދީ އަރަބިއްޔާގައި ހުންނަ ދެ ގައުމުގެ ޑިޕްލޮމެޓިކް އޮފީސްތައް އަލުން ހުޅުވައި ޚިދުމަތް ދޭން ފެށުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، ސައޫދީ އަރަބިއްޔާގެ ޑިޕްލޮމެޓިކް ވަފުދެއް އީރާންގެ ވެރިރަށް ތެހެރާނަށް އިއްޔެ ހިނގައްޖެ އެވެ.

އީރާނާއި ސައޫދީ އަރަބިއްޔާގައި ހުންނަ ދެ ގައުމުގެ ޑިޕްލޮމެޓިކް އޮފީސްތައް އަލުން ހުޅުވައި ޚިދުމަތް ދޭން ފެށުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، ސައޫދީ އަރަބިއްޔާގެ ޑިޕްލޮމެޓިކް ވަފުދެއް އީރާންގެ ވެރިރަށް ތެހެރާނަށް އިއްޔެ ހިނގައްޖެ އެވެ.

ސައޫދީ އަރަބިއްޔާގެ ޑިޕްލޮމެޓިކް ވަފުދެއް އީރާނަށް މި ދިޔައީ، އީރާނާ އެކުގައި އޮތް ޑިޕްލޮމެޓިކް ގުޅުން ސައޫދީން، 2016 ވަނަ އަހަރު ކަނޑައިލިތާ ހަތް އަހަރަށް ފަހު، މި ދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު އެ ގުޅުން އަލުން އިއާދަކުރުމަށް ފަހު އެވެ. އޭގެ ފަހުން ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރް ފައިސަލް ބިން ފަރްހާން އާއި އީރާންގެ ޚާރިޖީ ވަޒީރު ހުސައިން އާމިރު އަބްދުއްލަހްޔާން، މި މަހުގެ 6 ވަނަ ދުވަހު ޗައިނާގެ ވެރިރަށް ބެއިޖިންގައި ވަނީ ބައްދަލު ކުރައްވައިފަ އެވެ.

ސައޫދީ އަރަބިއްޔާގެ ޚާރިޖިއްޔާ އިން ބުނި ގޮތުގައި އެ ގައުމުގެ ޑިޕްލޮމެޓިކް ވަފުދެއް އީރާނަށް ދިޔައީ، މިދިޔަ މަހުގެ 10 ވަނަ ދުވަހު ދެ ގައުމުގެ މެދުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން، ޑިޕްލޮމެޓިކް ދާއިރާ އިން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށެވެ. ސައޫދީ އާއި އީރާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުން އަލުން އިއާދަކުރުމަށް، ޗައިނާ މެދުވެރިވެގެން ގާއިމުކުރި އެއްބަސްވުމުގެ ދަށުން، ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް ފެށުމަށް ވެސް މިހާރު ވަނީ ނިންމައިފަ އެވެ.

މިދިޔަ މަހުގެ ތެރޭގައި ދެ ގައުމުން ސިޔާސީ ގުޅުން އަލުން ގާއިމުކުރި އިރު، ސަލާމަތީ ކަންކަމުގަ އާއި އިގްތިސާދީ ގޮތުން އެއްބާރުލުމާ ބެހޭ ގޮތުން، މީގެ 20 އަހަރު ކުރިން ދެ ގައުމުން ސޮއިކޮށްފައިވާ އެއްބަސްވުމަށް އަލުން އަމަލުކުރުމަށް ވެސް ދެ ގައުމުން ވަނީ އެއްބަސްވެފަ އެވެ.

ސުންނީ މުސްލިމް ގައުމުތަކުގެ މެދުގައި އެންމެ ނުފޫޒު ގަދަ ސައޫދީ އަރަބިއްޔާ އާއި ޝީއީ މުސްލިމުން އެންމެ ގިނަ އީރާނާ ދެމެދު، ނުޅިވެރިކަމާއި ނަފްރަތު އުފެދިފައި އޮންނަތާ އެތައް އަހަރެއްވެއްޖެ އެވެ. ސައޫދީ އަރަބިއްޔާ އާއި ހުޅަނގުގެ ގައުމުތަކާ ދެމެދު ގާތް އެކުވެރި ގުޅުމެއް އޮންނަ އިރު، އީރާނާއި ހުޅަނގުގެ ގައުމުތަކާ ދެމެދު އޮތީ ވެސް ރުޅިވެރިކަމާއި ނަފްރަތެވެ.

ޔަމަންގައި ކުރަމުންދާ ދާޚިލީ ހަނގުރާމައިގައި އީރާނާއި ސައޫދީގެ ޚިޔާލު ތަފާތުވުން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އީރާނާއި ސައޫދީ އަރަބިއްޔާއާ ދެމެދު އަލުން ސިޔާސީ ގުޅުން ގާއިމުކުރުމުން، މެދުއިރުމަތީގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ. އެ ގޮތުން ޔަމަންގެ ދާޚިލީ ހަނގުރާމަ އަށް ސުލްހަވެރި ހައްލެއް ފެނުމުގެ އުންމީދު ބޮޑު ކަމަށް ބެލެވެ އެވެ.

އީރާނާ އެކުގައި އޮތް ޑިޕްލޮމެޓިން ގުޅުން، ޖެނުއަރީ 3، 2016ގައި ސައޫދީ އަރަބިއްޔާ އިން ކަނޑައިލީ، އީރާންގެ ވެރިރަށް ތެހެރާންގައި ހުރި ސައޫދީ އެމްބަސީ އަށް އީރާންގެ އާންމުންތަކެއް ވަދެގަނެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. ސައޫދީއާ ދެކޮޅަށް މުޒާހަރާ ކުރަމުން ގޮސް އެމްބަސީ އަށް ވަދެގަތީ، ސައުދީގެ މަޝްހޫރު ޝީއީ އިލްމުވެރިއެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.