Roadha Mihaaru
އީރާނުން ސައޫދީ އަށް އެކްސްޕޯޓް ކުރަން ފަށައިފި

އީރާނުން ސައޫދީ އަށް އެކްސްޕޯޓް ކުރަން ފަށައިފި

20 އޮކްޓޯބަރ 2021

ދެ ގައުމުގެ ދެމެދުގައި ރުޅިވެރިކަން އިތުރުވެ ބަހުގެ ހަމަލާތައް ބަދަލުކުރަމުން އަންނަތާ ފަސް އަހަރަށް ފަހު، އީރާނުން ސައޫދީ އަރަބިއްޔާ އަށް މުދާ އެކްސްޕޯޓް ކުރަން ފަށައިފި އެވެ.

ދެ ގައުމުގެ ދެމެދުގައި ރުޅިވެރިކަން އިތުރުވެ ބަހުގެ ހަމަލާތައް ބަދަލުކުރަމުން އަންނަތާ ފަސް އަހަރަށް ފަހު، އީރާނުން ސައޫދީ އަރަބިއްޔާ އަށް މުދާ އެކްސްޕޯޓް ކުރަން ފަށައިފި އެވެ.

ދެ ގައުމުގެ ދެމެދުގައި ކުރަމުން އައި އިމްޕޯޓް/ އެކްސްޕޯޓްގެ ވިޔަފާރިތައް މަދުވަމުން އައިސް، އެކުގައި ހުއްޓިފައި އޮންނަތާ މިހާރު ގާތްގަނޑަކަށް އަހަރު ދުވަސް ވެއްޖެ އެވެ. އީރާނުގެ ކަސްޓަމުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އީރާނުގެ ބަނދަރުތަކުން ސައޫދީ އަރަބިއްޔާ އަށް މުދާ އެކްސްޕޯޓް ކުރަން ފެށީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

އީރާނުގެ ކަސްޓަމްގެ ތަރުޖަމާނު ރޫހުﷲ ލަތީފީ ވިދާޅުވި ގޮތުގައި އީރާންގެ ވެރިރަށް ތެހެރާނާއި ސައޫދީގެ ވެރިރަށް ރިޔާޒްއާ ދެމެދު ކުރަމުން އައި ވިޔަފާރީގެ މުއާމަލާތްތައް، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އޮތީ ސުމަކަށް ވެއްޓިފަ އެވެ. އީރާނުގެ އުފެއްދުންތައް ސައޫދީ އަށް އެތެރެކުރަން މަދުކުރަން ފެށުމުން، އީރާނުން އޭގެ ބަދަލުގައި އެކްސްޕޯޓް ފުޅާކުރީ އިރާގަށާއި ތުރުކީ ވިލާތަށާއި އެމިރޭޓްސް އަށެވެ.

ދެ ގައުމުގެ ދެމެދުގައި އުފެދުނު ސިޔާސީ އަދި ޑިޕްލޮމެޓިކް ދެބަސްވުންތަކުގެ ސަބަބުން، ދެ ގައުމުގެ ވިޔަފާރީގެ ގުޅުންތައް ހުއްޓިފައި ވަނިކޮށް، ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ ސިއްރު ބައްދަލުވުންތަކެއް، އިރާގުގެ ވެރިރަށް ބަގުދާދުގައި ފަށައިގެން ކުރިއަށް ގެންދާތާ މިހާރު ހަތަރު މަސްދުވަސް ވެއްޖެ އެވެ. އިރާގު މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ބާއްވަން ފެށި މި ބައްދަލުވުންތަކުގައި އީރާނާއި ސައޫދީ އަރަބިއްޔާގެ މަތީ ފެންވަރުގެ ވެރިން ބައިވެރިވެ މަޝްވަރާ ކުރައްވާފައިވެ އެވެ.

އީރާނުގެ ދުވަހު ނޫހެއް ކަމަށްވާ ތެހެރާން ޓައިމްސް އިން ބުނި ގޮތުގައި، މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ބަގުދާދުގައި ބޭއްވި ބައްދަލުވުމުގައި އީރާން ތަމްސީލުކުރެއްވީ، އެ ގައުމުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް އަލީ ޝަމްޚާނީ އެވެ. އަދި ސައޫދީ އަރަބިއްޔާގެ ފަރާތުން ބައިވެރިވީ އެ ގައުމުގެ ހާރިޖީ ގުޅުންތަކާ ބެހޭ، ދައުލަތުގެ ވަޒީރު އާދިލް އަލްޖުބައިރް އެވެ.

ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އަލުން އިއާދަކުރެވުމަކީ، 2016 ވަނަ އަހަރުން ފެށިގެން ކެނޑިފައިވާ ޑިޕްލޮމެޓިކް ގުޅުން އަލުން ބަދަހިކުރުމަށް ލިބުނު ރަނގަޅު ފުރުސަތަކަށް ވާނެ އެވެ. އީރާނުން ބުނި ގޮތުގައި އެ ގައުމުގެ އަވައްޓެރި 15 ގައުމަކަށް މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި 47 މިލިއަން ޓަނުގެ މުދާ ބޭރުކޮށްފައިވެ އެވެ. އެއީ ގާތްގަނޑަކަށް 22.5 ބިލިއަން ޑޮލަރުގެ ވިޔަފާރި އެވެ.

އީރާނުން އެންމެ ގިނައިން މިހާރު މުދާ އެކްސްޕޯޓް ކުރަނީ އިރާގަށެވެ. އެއީ 3.8 ބިލިއަން ޑޮލަރުގެ މުދަލެވެ. ދެ ވަނަ އަށް އަންނަނީ 2.3 ބިލިއަން ޑޮލަރުގެ ވިޔަފާރި މުދަލާއެކު ތުރުކީ ވިލާތެވެ. އަދި ތިން ވަނަ އަށް އަންނަނީ، 2.2 ބިލިއަން ޑޮލަރުގެ ވިޔަފާރި މުދަލާއެކު އެމިރޭޓްސް އެވެ.

އީރާނާއި ސައޫދީއާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން ކެނޑުނީ، ސައޫދީ އަރަބިއްޔާގެ ޝީއީ ލީޑަރެއް ކަމަށްވާ ނަމްރު ބާގިރު އައްނަމްރުގެ މައްޗަށް ސައުދީ ސަރުކާރުން މަރުގެ އުގޫބާތް ތަންފީޒުކުރުމާ ގުޅިގެން، އެކަމާ ދެކޮޅަށް އީރާނުގައި މުޒާހަރާ ކުރި ބަޔަކު، ތެހެރާންގައި ހުރި ސައޫދީ އަރަބިއްޔާގެ އެމްބަސީގައި ހުޅުޖަހައި ގެއްލުން ދިނުމާ ގުޅިގެންނެވެ.

އީރާނާއި ސައޫދީއާ ދެމެދު ވިޔަފާރީގެ ގުޅުންތައް ކެނޑިގެން ދިޔަ 2015 ވަނަ އަހަރުގެ ތެރޭގައި، އީރާނުން ސައޫދީ އަރަބިއްޔާ އަށް 158 މިލިއަން ޑޮލަރުގެ ވިޔަފާރި މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ.